މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ކޯސްޓް ގާޑް ޓްރެއިނިންގ ޕްރޮގުރާމެއް ބާއްވައިފިއެވެ.
އެމް.އެން.ޑީ.އެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް އިން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވިއެވެ. އެއީ އެމް.ޕީ.އެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި، ސަރަޚައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން 19 އޮކްޓޯބަރ 2025 ވަނަ ދުވަހު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.
މިއީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމް.އެން.ޑީ.އެފްއާ ގުޅިގެން ހިންގާ ކޯހެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލްއިން ގުޅިގެން ބާއްވަން ފެށި ކޯހެކެވެ.
މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމެވެ. އަދި މީގެއިތުުރުން، މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުުރުކުރުމެވެ.
މި ކޯހުގައި، ކުއްލި ޙާލަތުގައި ޢަމަލުކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަޚްލާޤު ހިމެނޭ ޢަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް ޢަމަލުކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށްގެންދެވުނެވެ.
މި ކޯހުގެ ފަހު ތަމްރީނުގެ ގޮތުގައި މި މަހުގެ 18 ވަނަ ދުވަހު މާލޭ ވިޔަފާރި ބަނދަރުގައި ޕޯޓް ސެކިއުރިޓީ ޑްރިލްއެއް ވަނީ ބާއްވައިފައެވެ.
މި ކޯހުގައި އައި.އެސް.ޕީ.އެސް ކޯޑާ އެއްގޮތަށް އޮޕަރޭޝަނަލް ތައްޔާރީ އިތުރުކުރުމާއި، ބަނދަރުގެ ރައްކާތެރިކަމާއި ކުއްލި ހާލަތުގައި ޢަމަލުކުރާނެ ގޮތާގުޅޭ ތަމްރީނުތައް ފޯރުކޮށްދެވުނެވެ.
ދިވެހިރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެެ ސަލާމަތީ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކޮށް، އެކަން ބެލެހެއްޓުމުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުރުކުރުމަށް، ކަމާގުޅޭ މުޢައްސަސާތަކާ ގުޅިގެން މި ކުންފުނިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބަނދަރުތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރާވައިފައެވެ.

