ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް އެ ޕާޓީގެ މިހާރުގެވެސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަން ނިންމަވައިފި އެވެ.
އެމްޑީޕީގެ ރައީސްގެ މަގާމާއި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމުގެ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ. އަދި އެ ދެ މަގާމަށް ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެންބަރުންނަށް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ރައީސް ކަމަށް އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމަވާފައިވާ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ޕާޓީގެ މެންބަރުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވެއެވެ.
އެމްޑީޕީގެ ރައީސްގެ މަގާމު ހުސްވުމުން އެ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލުމާއެކު، ރައީސް ނަޝީދުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު އަލުން އެ މަގާމަށް ގެނައުމުގެ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށާފައެވެ.
އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި މީހުނަށް ކަމަށް އެ ޕާޓީން ބުނެ އެވެ.
ރައީސް ނަޝީދަށް އެންމެ ފަހުން ބޭއްވި އިންތިހާބުގައި ލިބިވަޑައިގަތީ، 33،709 ވޯޓެވެ. އެ އިންތިހާބުގައި ޖުމްލަ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ، 57،204 މީހުން އެވެ.
ރައީސް ނަޝީދު މީގެކުރިން ވަނީ އެޕާޓީގެ ޗެއަރޕާސަންކަމާއި ޕާޓީގެ ރައީސްކަންވެސް ކުރައްވާފައެވެ. އެންމެ ފަހުން ހުންނެވީވެސް ޕާޓީ ރައީސްގެ ގޮތުގައެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަންކުރައްވާފައިވާ، ރައީސް މުހައްމަދު ނަޝީދަކީ19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސްމެއެވެ.

