އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައެޅި ބަޖެޓުގައި ދައުލަތުގެ ހަރަދު ކޮންޓްރޯލްކޮށް މެނޭޖް ކުރުމަށް އެއްވެސް ސިޔާސަތެއް ނެތްކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދުު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ޝަމްހީދު ވިދާޅުވީ އަންނައަހަރަށް ހުށައެޅި ބަޖެޓަކީ އެއީ މިއަހަރުގެ ބަޖެޓު ތަކުރާރުކޮށް ހުށައަޅާފައިވާ ބަޖެޓެއް ކަމަށެވެ.
މި ބަޖެޓުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެންމެ ބޮޑު އެއްކަމަކީ ދައުލަތުގެ އާމްދަނީ 2.5 ނުވަތަ 3 ބިލިއަން އިތުރުވެގެން ދާނެކަމަށް އަންދާޒާ ކުރެވޭ އިރު އެ އަދަދާއި އެއްވަރަށް ރިކަރަންޓު ހަރަދުވެސް އިތުރުވުންކަމަށް ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވީ އެހެން ކަންތައްތައް އޮތް ކަމުގައި ވާނަމަ ދައުލަތުގެ އާމްދަނީ އިތުރުވެގެން ލިބޭ ފައިދާ ހަގީގަތުގައި ނުލިބޭ ކަމަށާއި އޭގެ ސަބަބަކީ ރިކަރަންޓު ހަރަދަށް ހޭދަކުރާ ގޮތުން ކަމަށެވެ. އެއީ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ.
މުޅި ބަޖެޓަށް ބަލާއިރު 64.2 ބިލިއަންގެ ބަޖެޓެއް އާމްދަނީގެ ގޮތުގައި 39 ނުވަތަ 40 ބިލިއަން ރުފިޔާ ލިބޭއިރު އަނެއް 26 ބިލިއަން ހޯދާނެ ގޮތެއްވެސް އޮންނާން ޖެހޭކަމަށް ޝަމްހީދު ވިދާޅުވިއެވެ.
”އެ ހޯދޭނެ ގޮތެއް އޮތް ތޯ، މިއީ ރިއަލިސްޓިސް ބަޖެޓެއްތޯ މި އޕތީ ސުވާލު މާކެއްގެ ތެރޭގައި. އެންމެ ބޮޑު ކަންބޮޑުވުމަކީ ދައުލަތުގެ ދަރަނި ނޫނީ ފައިސާ ހޭދަ ކުރާ ގޮތް. ތިވިދާޅުވިހެން އޮޑިޓަރ ޖެނެރަލް ފާހަގަކުރި ކަންތައްތަކުގެ ތެރެއިން އެންމެ ފުރަތަމަވެސް ފާހަގަކުރެއްވި ކަމަކީ ދައުލަތުގެ ދަރަނި ހުރިީ ދެމެހެއްޓެނިވި ކަން ގެއްލިފާއޭ. މާނައަކީ ސަސްޓައިނަބިލިޓީއެއް ނެތޭ“
މީޣެއިތުރަށް ޝަމްހީދު ވަނީ އޮޑިޓަރ ޖެނެރަލް ބަޖެޓާއި ގުޅިގެން ފާހަގަކުރައްވާފައިވާ ބައެއް ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޖުރިމަނާގެ ގޮތުގައި އެކި ކަންކަމަށް ބޮޑެތި އަދަދުތަކުން ހުރި ފައިސާ އަކީ ރިއަލިސްޓިކް ފިގަރތަކެއް ކަމާއިމެދު އޮޑިޓަރ ޖެނެރަލް ސުވާލު އުފައްދާފައިވާ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ. 40 މިލިއަނުން އަރާފައިވާ ޖުރިމަނާ ތަކަކީ އާންމު ރައްޔިތުންނަށް ދެއްކޭނެ އަދަދެއްތޯ މިއީ މިއަދު ސުވާލު އުފައްދާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.
އެންމެ ބޮޑަށް އޮޑިޓަރ ޖެނެރަލް ފާހަގަކުރާ އެއްކަމަކީ ބަޖެޓު ބިނާކޮށްފައިވަނީ ދައުލަތުގެ ހަރަދު ކޮންޓްރޯލް ކުރުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންނަމަވެސް މި ބަޖެޓުގައި ދައުލަތުގެ ހަރަދު ކޮންޓްރޯލް ކުރަން ނުވަތަ މެނޭޖް ކުރުމަށް އެއްވެސް ސިޔާސަތެއް ނެތް ކަމަށް ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

