ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު ގެޒެޓްކޮށް، އެއަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފިއެވެ.
2020ގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ، އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓު ޢާންމުކުރުމާއި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތުވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.
އެގޮތުން އެ ރިޕޯޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ލިބޭނީ، 2019 ޑިސެމްބަރ 23 ގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އަށް ކަމަށް އީސީން ވިދާޅުވެއެވެ.
އަދި ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށާ، އިލެކްޝަންސް ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް (info@elections.gov.mv) ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
އީސީން އާއްމު ކުރި އެ ރިޕޯޓްގައި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 41 ވަނަ މާއްދާގެ (ރ) ގެ ދަށުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ސިޓީ / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާއި، އެ ޤާނޫނުގެ 6-56 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާއްވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ކޮންމެ ސިޓީއެއް / ރަށެއްގައި ހިމެނޭ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާއްްމުކޮށްފައިވެއެވެ.
އެ ރިޕޯޓު ދިވެހި ސަރުކާރުގެ ގެޒެޓު (http://www.gazette.gov.mv)ގެ އިތުރުން، ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

