މާލޭގެ އެންމެ ކުލަގަދަ އަދި އެންމެ ބާރުބޮޑު އެއް މަގު ކަމަށްވާ އަމީނީ މަގުގެ ހުޅަނގު ފަރާތުގެ ހާލަތު ގޯސްވެ، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އަމީނީ މަގުގެ ހުޅަނގަށްވީ ބައިގައި އަޅާފައިވާ ތާރުގަނޑު ނަގައި، އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަކަމަށް އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވަނީ އިއުލާނު ކުރައްވާފައެވެ.
އަމީނީ މަގުގެ އެންމެ ފަހު ސެގްމަންޓުގައި ތާރު އަޅައި ނިންމާލީ، މީގެ ދެ އަހަރެއްހާ ދުވަސްކުރިން، މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހުގައެވެ. ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ޕްލޭނިން މިނިސްޓްރީން، އަމީނީ މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 84.4 މިލިއަން ރުފިޔާއަށެވެ. އެހެންނަމަވެސް، މަސައްކަތް ނިމި ބޭނުންކުރަން ފެށިތާ މާގިނަ ދުވަސްތަކެއް ނުވަނީސް މަގުގެ ފެންވަރާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އަމީނީ މަގަކީ މާލޭގައި އެންމެ ގިނައިން ވެހިކަލް ދުއްވާ އެއް ސަރަހައްދު ކަމަށްވާއިރު، ވަކިން ޚާއްސަކޮށް ޑަބަލްޑެކާ ބޮޑެތި ބަސްތައް ވެސް އެ މަގުން ދެކޮޅަށް ދުއްވަމުންދާއިރު، މަގުގެ ހާލަތު ހުރިގޮތުން ދުއްވާ ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ފުޑްކޯޓު ބިއްދޮށަށް އޮންނަ އަމީނީ މަގުގެ ސަރަހައްދުގައި ”މުލިހި“ ތަކެއްހެން ނުވަތަ ”ރާޅުބާނި“ ތަކެއްހެން ތާރުގަނޑު އުފުލުމުގެ މައްސަލަ މީގެ ކުރިން ވެސް ވަނީ ދިމާވެފައެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެކަން ހައްލުކުރުމުގެ މަސައްކަތް ކުރި ނަމަވެސް، އަނެއްކާވެސް އެ ސަރަހައްދުގެ ބޮޑު ބައެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
މަގުގެ ދެ ފަރާތުން ތާރުގަނޑު އެކި ގޮތްގޮތަށް އުފުލިފައި ހުރުމުގެ ސަބަބުން، އެ މަގުން ދުއްވާ ގިނަ ބަޔަކަށް ނުރައްކަލާއި ތަކުލީފުތައް ކުރިމަތިވަމުންދާކަން އާންމުން ވެސް ފާހަގަކުރެއެވެ. މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާރްޑީސީގެ އެމްޑީ ނަޒީމް ވިދާޅުވީ، ޣިޔާސުއްދީން ސްކޫލުން ފެށިގެން އަމީނީ މަގުގެ ހުޅަނގަށް އޮތް ބައި ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހޭ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”ކުރީގައި މި މަސައްކަތް ކުރިވެގެންދިޔަ ގޮތަށް އެއްޗެއް ދަންނަވާކަށް އަޅުގަނޑަކަށް ނުއެއް އެނގޭ. އެކަމަކު ދެން އިރާދަކުރެއްވިއްޔާ އެ ތަން ހެދިގެންދާއިރު އަޅުގަނޑުމެން ޓެކްނިކަލީ ބަލަންޖެހޭނެ ހުރިހާ މިންގަނޑުތަކެއް ވަރަށް ސަމާލުކަމާއެކު ބަލައި، ދެން ތާރު އެޅިގެންދާއިރު ހަމަ ވަރަށް ރަނގަޅު ފެންވަރުގައި އެ މަސައްކަތް ކުރެވިގެންދާނެ ގޮތަކަށް އަޅުގަނޑުމެން ކަންކަން ރާވައިގެން ގެންދާނީ،“ ނަޒީމް ވިދާޅުވިއެވެ.
މިފަހަރުގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ރާއްޖެއިން ބޭރުން ރޯޑް އިންޖިނިއަރެއް ގެނެސްގެން ޓެކްނިކަލް ހުރިހާ ކަމެއް ބެލުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަގުގެ ފެންވަރު ދަމަހައްޓައި، ކުރިން ދިމާވި މައްސަލަތައް ތަކުރާރު ނުވާނެހެން ކުރެވޭނެ ކަމެއްކަމަށް އާރްޑީސީން ވަނީ ބުނެފަ އެވެ.
އަމީނީ މަގުގެ މި ސަރަހައްދުގެ ހާލަތު މިހާ ދަށްވެފައިވާއިރު، ސަރުކާރުގެ އަނެއް ކުންފުނި އެމްޓީސީސީން ގެންދަނީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މާލޭގެ މަގުތަކަކީ ރައްޔިތުންނަށް އަމާން އަދި ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކަކީ މުހިންމު ފިޔަވަޅުތަކެކެވެ. އަމީނީ މަގުގެ އައު މަސައްކަތާއެކު، އެ މަގުން ދަތުރުކުރާ ފަރާތްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމީ އާންމުންގެ ބޮޑު އުންމީދެކެވެ.

