ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަނަމަވެސް ރާއްޖެއަށް ތެޔޮ ލިބުމުގައި މިވަގުތު އެއްވެސް ދަތިކަމެއް ނެތްކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ސުލްހައިގެ ވާހަކަތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން 8 އޭޕްރީލް އިން ފެށިގެން 2 ހަފްތާގެ މުއްދަތަކަށް ހަނގުރާމަ ވަނީ ހުއްޓާލާފައެވެ. އަދި އެމެރިކާއާއި އިރާނާ އިދެމެދުގައި ސުލްހަ ގާއިމު ކުރުމަށް ޕާކިސްތާނުގެ ވެރިރަށް ކަމަށް ވާ އިސްލާމް އާބާދުގައި އިއްޔެ 21 ގަޑިއިރުގެ ދިގު މަޝްވަރާއެއް ބާއްވާފައެވެ.
ހަނގުރާމައާއި ގުޅިގެން ރައީސް އެކުލަވާލާފައިވާ ވަޒީރުންގެ ކޮމެޓީގެ ބައްދަލުވުގައި ޒަމީރު ވަނީ ސަރުކާރުން ތެލާއި ގޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވާފައެވެ.
މި ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ހަނގުރާމަ ފެށިގެން އައިރު ސަރުކާރުން ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހެން ސަރަހައްދަކުން ރާއްޖެއަށް ތެޔޮ ލިބޭނެކަން ވަނީ ކަށަވަރު ކޮށްފައި ކަމަށެވެ. އެގޮތުން ސިންގަޕޫރުން ރާއްޖެއަށް ތެޔޮ ޝިޕްމެންޓް އާންމުކޮށް ގެންނަ މިންވަރަށް ވުރެ އިތުރަށް ގެނެސްފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ޝެޑިއުލްއާއެކު ޝިޕްމެންޓް އެބައެދޭ. އަޅުގަނޑުމެން މި ހަނގުރާމައިގެ ކަންތައް ބޮޑުވެގެން އައި ދަނޑިވަޅުގައި އެހެން ދިމާލަކުން ތެޔޮ އިތުރަށްވެސް ގެނައިން. ނަމަވެސް މިހާރު މިގެންނަނީ އާންމު ގެންނަ ދިމާލުން. ހަނގުރާމަ ހުއްޓާ ނުލާތީ، އަގަށް ބޮޑު ބަދަލެއް އާންނާނެ ކަމަށް ނުބެލެވޭ..
މިހާލާތާއި ގުޅިގެން ތެލުގެ އަގު އުފުލި ދައުލަތުގެ ބަޖެޓަށް އެކަމުން ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ ބައިނަލްއަޤްވާމީ އެކި އިދާރާތަކާއިއެކު ވެސް މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.
މިނިސްޓަރ ވަނީ ރާއްޖެއަށް އެތެރެކުރާ ހުރިހާ، ތެލަކީ އެސްޓީއޯ މެދުވެރިކޮށް އެތެރެކުރާ ތެޔޮ ނޫންކަން ފާހަގަކުރައްވާފައެވެ. އެހެން ކަމުން ތެލުގެ އަގަށް ބަދަލު ނުގެންނަ ނަމަ އާންމު ވިޔަފާރިއަށް ގެއްލުންވާނެތީ އެކަމަށްވެސް ރިއާޔަތްކޮށް އަގަށް ބަދަލު ގެންނަކަމަށް ވިދާޅުވި އެވެ. މިހާރުވެސް ރާއްޖެއަށް ތެޔޮ އިމްޕޯޓް ކުރާ އެހެން ކުންފުނިތަކުން ހަނގުރާމަ ފެށުނު ފަހުން، ތެލުގެ އިތުރު ދެ ޝިޕްމެންޓް ގެނެސްފައިވާކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މި މަސައްކަތް ދެމެހެއްޓެނި ގޮތަކަށް އެސްޓީއޯއަށް ބުރަ ބޮޑު ނުވާނެހެން ކުރެވޭކަމަށެވެ.

