މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް ޝިއާއު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލް އަލީގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެ، އޭނާ ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޮގަސްޓް 2023 ގައި ފުވައްމުލަކަށް ނިސްބަތްވާ ޝިއާއު މަރާލުމަށްފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި ސާހިލްގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. މި މައްސަލައިގެ ޝަރީއަތްތައް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން މިއަދު ހާމަކުރި ގޮތުގައި، ސާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެ ދެ މައްސަލައިގެ އަދަބެއްގެ ގޮތުން ތިން އަހަރާއި އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.
މި މައްސަލައިގައި ސާހިލްގެ މައްޗަށް އުފުލާފައިވާ ބާކީ ތިން ދައުވާގެ ހުކުމް އަދި ނުއިއްވައެވެ. ކޯޓުން މައުލޫމާތު ދޭ ގޮތުގައި އެ ތިން ދައުވާއާ ގުޅޭ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން މި މަހުގެ ފަހުކޮޅު ބޭއްވުމަށް މިހާރު ވަނީ ތާވަލްކޮށްފައެވެ.
ޝިއާއުގެ މަރުގެ މައްސަލައަކީ ރާއްޖޭގައި ހިނގާދިޔަ އެންމެ އަނިޔާވެރި އެއް މަރުގެ މައްސަލަ ކަމަށްވާއިރު، މި މައްސަލައިގެ ތަހުގީގާއި ޝަރީއަތް ކުރިއަށްދާ ގޮތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

