ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސަރުކާރު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިވިލް ސާވަންޓުން ކަމަށް ވިޔަސް އެ މީހުންގެ މުސާރަ އާއި އެލަވަންސް ކުޑަކަމުގެ ޝަކުވާ އަށް ދުވަހަކު ވެސް މިހާތަނަށް ލުޔެއް ނުލިބެ އެވެ.
އެންމެފަހުން ސިވިލް ސާވަންޓުންގެ މުސާރައިގެ ކުރިއެރުމެއް އައިސްފައިވަނީ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ސިވިލް ސާވިސްގައި ގާތްގަނޑަކަށް 23،000 ހާހެއްހާ މުވައްޒަފުން ތިބޭއިރު، އެކި ގިންތިތަކަށް މުސާރަ ބޮޑުކުރީ އެކި ވަރަށެވެ. މުވައްޒަފުންގެ މުސާރަ 700ރ. އިން ފެށިގެން 1،500ރ. އާ ދެމެދަށް އެފަހަރުވަނީ ބޮޑުކޮށްފަ އެވެ.
ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މުހިތްމު އެއް ވައުދެވެ. އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދެއްވާނެ ކަމަށް މިހާރުގެ ރައީސް އަދި އޭރުގެ އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވައުދުވެ ވަޑައިގެންނެވީ 09 ސެޕްޓެމްބަރ 2018 ގައެވެ.
މިސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރުމާއި ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އެގޮތުން މިހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވީ 24 ޖުލައި 2019 ގައެވެ. އެހެންނަމަވެސް ކަންތައްވީ ސިވިލްސާވަންޓުންނާއި ދިވެހިރައްޔިތުން ހީކޮށްގެން ތިބި ގޮތަކަށް ނޫނެވެ. ދުނިޔޭގައި ބާރަށް ފެތުރެމުން އަންނަ ނުރައްކާތެރި ރޯގާއެއް ކަމަށްވާ ”ނޮވެލް ކޮރޯނާ ވައިރަސް“ ސަބަބުން ބައެއް ކަންކަން މަޑު ޖައްސާލަން ސަރުކާރުން ނިންމީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ސިވިލް ސާވަންޓުންގެ މުސާރައަށް ކޮރޯނާ ވައިރަސް އެރީއެވެ.
ކޮރޯނާވައިރަހާ ގުޅިގެން ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ނިންމާފައިވާތީ، ސިވިލް ސާވަންޓުންގެ މުސާރައިގެ އެ އޮނިގަނޑުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ދައުލަތުގެ ޚަރަދު ކުޑަކުރަން އޮތް އެންމެ ރަނގަޅު މަގަކީ ސިވިލް ސާވަންޓުންގެ މުސާރައި އޮނިގަނޑު މަޑު ޖައްސާލުން ކަމަކަށްވާ ނަމަ އެކަން އެވަނީ ހައްލު ހޯދަން ނޭނގޭ އަރަތަކަށެވެ. ޚަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ މަޤާމުތަކާއި އެފަރާތްތަކުގެ މުސާރައާ މެދު ވިސްނާލުން މާ ރަނގަޅުވާނެއެވެ. ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަންވީމަ، ކޮރޯނާ، ޝިގެއްލާ، އަދި ހިމަބިހި ފަދަ ބަލިތަކާއި ގުޅިގެން ޚަރަދު ކުޑަ ކުރުމަށް އެމީހުންގެ މުސާރައާ އަބަދުވެސް ކުޅެންޖެހެއެވެ. ސިޔާސީ މަގާމުތައް އުފައްދާ މުސާރަ ބޮޑު ކުރާއިރު އެގޮން ޖެހުމެއް ނޯވެއެވެ.
އެންމެފަހުން އޮތް އެމްޑީޕީގެ ގައުމީ މަޖްލީހުގެ ޖަލްސާފައި އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވިގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ 53 ޕަސެންޓު މެމްބަރުން ތިއްބެވީ ސަރުކާރާއި ކުންފުނިތަކުގެ މަގާމުތަކުގައެވެ. މީ ހަމައެކަނި އެމްޑީޕީގެ ސްލޮޓްތަކެވެ. ކޯލިޝަންގައި ބާކީ އޮތް ތިން ޕާޓީ އަދި އެބައޮތެވެ. އެޕާޓީތަކަށް ދީފައިވަނީ ކިހާ ބައިވަރު މަޤާމުތަކެއް ކަމެއް ނޭނގެއެވެ. އެކަމަކުވެސް ކޮރޯނާ ވައިރަހުގެ އަސަރު މިކުރީ ސިވިލް ސާވަންޓުންގެ މުސާރައަށް އެކަންޏެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ސަރުކާރުގެ ޚަރަދު ކުޑަކުރާނަމަ މި ސިޔާސީ މަޤާމުތަކުގައި ހަމައެކަނި ޓްވީޓްކޮށްލަން ތިބި ”ބޮޓުން“ ކޮޅު ބޭރުކޮށްލުމުންވެސް ލައްކަ ގިނަ ފައިސާ ސަލާމަތް ކުރެވޭނެއެވެ. ޚަރަދު ކުޑަކުރަން އެންގި ފަހުންވެސް ސިޔާސީ މަޤާމުތަކަށް ވަނީ މީހުން އައްޔަންކޮށްފައެވެ.
ކޮރޯނާ ވައިރަހުގެ ސަބަބުން ޚަރަދު ކުޑަކުރުމަށް އެޅި ފިޔަވަޅުތައް އަމާޒުވީ ވަކި ބަޔަކަށެވެ. ނަމަވެސް ދުނިޔޭ އެކިކަންކޮޅުތަކަށް ދިދަ ނެގުމުގެ ރަސްމިއްޔާތުތަކަށް ދިޔުމާއި އެނޫންވެސް ޚަރަދުތަކަށް ކޮރާނެ ވައިރަހުގެ އަސަރެއް ނުކުރެއެވެ. ހަމަ އެކަނި އޮން އެރައިވަލް ވިސާ ލިބުނު ދަތުރުތަކަށްވެސް މިލިއަނުން ޚަރަދުވާއިރު އެކަމަކާއި ކޮރޯނާ ވައިރަހަކާއި ގުޅުމެއް ނެތެވެ. އަހަރުގެ ފުރަތަމަ ކުއާޓަރ ނުނިމެސް ރާއްޖޭން ބޭރަށް ކޮށްފައިވާ ދަތުރުތަކުން ދައުލަތުގެ ބަޖެޓު ހުސްވާ ދަރަޖައަކަށް ދިޔަސް އެންމެވެސް ތިބީ ބޮޑު ވަރިހަމަވެފައެވެ. ޚަރަދު ކުޑަކުރުމަށް އަމާޒު ހިފާފައިވާ ދަނޑިވަޅެއްގައި ކުރުން އެންމެ މުހިންމު ކަންކަމަކީ ދިދަ ނަގަން ދަތުރުކުރުމާއި ދުނިޔެވަށައި ބުރު ޖެހުމެވެ.
ސިޔާސީ މަގާމުތަކާއި، މުސާރަތައް 2 ގުނަ ނޫނީ 3 ގުނަ އިތުރު ކުރަންވީމަ އެއްވެސް ވައިރަހެއްގެ އަސަރެއް ނުފެނުނެވެ. ސިވިލް ސާވަންޓުންގެ މުސާރައާއި ޖެހުމުން، އިޤްތިޞާދު ހީނަރުވެ، ޚަރަދު ކުޑަކުރަންޖެހޭ ވަރަށް ކޮރޯނާ ވައިރަހުގެ ނުރައްކާ މިވަނީ ޖެހިފައެވެ. ސިވިލް ސާވަންޓުންގެ މުސާރައަކީ ހަމައެކަނި އިންތިޚާބުތަކަށް ތިލަވާ ކަމަކަށް ވެއްޖެކަން ޔަގީނެވެ. މިހާ ނާޒުކު ދުވަސްވަރެއްގައި ސިޔާސީ މަޤާމުތަކެއް އުފައްދަން އޯކޭ ވެފައި، ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކޮށްލަން އޯކޭ ނުވާންވީ ސަބަބެއް ނެތެވެ.
ރައްޔިތުންނަށް ދުއްތުރާ ނުޖައްސާ ސަރުކާރުގެ ސިޔާސީ މަގާމުތައް މަދުކޮށްލުމުގެ އިޚުތިޔާރުވެސް ސަރުކާރަށް އެބައޮތެވެ. ސިވިލް ސާވަންޓުންގެ މުސާރައާ ނުކުޅެވެސް މުޅި ދައުލަތުގެ ޚަރަދުތައް ކުޑަކޮށްގެން، ތި ދިމާވެގެން އުޅޭ ކަމަކުން އަރައިގަނެވިދާނެއެވެ. ސިވިލްސާވިސް މުވައްޒަފުގެ އިތުރު ގަޑީގެ ފައިސާކޮޅު ކަނޑާލަން ވިސްނާއިރު، އެ މުވައްޒަފުން ތިބެނީ ގޭ ކުއްޔާއި ބިލުތައްދައްކަފައި ދެން ހަދާނެ ގޮތް ހުސްވެފައެވެ.
އެންމެފަހުން ޗައިނާގައި ފެތުރެމުންދާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތީޞާދަށް އަސަރުކުރާތީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަން ދަތިވާ ހިސާބަށްވެސް ދަނީއެވެ. ވައިރަހުގެ ސަބަބުން، ސިޔާސީ އިތުރު ވަޒީފާތަކުގެ މުސާރައަށް ބައިތުލް މާލުން ކުރާ ޚަރަދު ހަމަޖައްސަން މި ޖެހެނީ ސިވިލް ސާވަންޓުންގެ މުސާރައިން އުނިކޮށްގެންނެވެ. ސިވިލް ސާވަންޓުންގެ މުސާރައާއި ނުކުޅެ ތަރައްގީވެސް ގެނެވޭކަށް ނެތް ކަހަލައެވެ. ހަރަދު ކުޑަކުރަންށޭ ކިޔާފައި އަބަދުވެސް ކުޅެން މިއެގެނީ ސިވިލްސާވިސް މުވައްޒަފުންނާއެވެ. އެ މުވައްޒަފުންގެ މުސާރައާއެވެ. ޚަރަދު ކުޑަކުރުމުގައި ސަރުކާރުން ނަމޫނާ ދައްކަންޖެހެއެވެ. ވެރިކަމަށް ނާދެވޭއިރު ދައްކާ ވާހަކަ އާއި ޑިމޮކްރެޓިކް ވާހަކަތައް ވެރިކަމަށް އާދެވުނީމަވެސް ޢަމަލުން ދައްކަން ޖެހެވެ.
ވެރިކަމަށް އައުމުގެ ބޭނުމަކީ ޕާޓީ މީހުންނަށް ބައި އަޅުން ކަމަށް މިވަނީ ވެފައެވެ. ސިޔާސީ މަޤާމުގައި ހުންނަ ވަޒީރާއި، އެނޫންވެސް ސިޔާސީ މީހުން ހާވާ ހަޑިއެއްވެސް ސާފުކުރަން ތިބީ ސަރުކާރު ހިންގުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިވިލް ސާވަންޓުންނެވެ. ރައްޔިތުންނަށް ޚިދުމަތް ދޭންވެސް ތިބީ އެމީހުންނެވެ. ސިޔާސީ މީހުންގެ މަސައްކަތަކީ ކޮފީ ބޮއި ދުން އަރުވަން ތިބުމެވެ. މައުމޫނަކަސް، ނަޝީދަކަސް ވަހީދަކަސް، ޔާމީނަކަސް، އަދި މިހާރު ސޯލިހަކަސް މި ކަމުގައި ގެންގުޅޭތީ މި ފެންނަނީ އެއް ފޯމިއުލާއެކެވެ.
މި ޘަޤާފަތަކީ ދިވެހިރައްޔިތުންގެ ހަލާކެވެ. ޕޯޑިއަމްތަކާއި މަގުމަތީ ޕާރޓީތަކުގެ ނަމުގައި ބޯވާތަކެއްހެން އެފަހަރަކު ވައިޖެހޭ ދިމާލެއް ބަލާފައި ހަޅޭއް ލެވުމުން ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރަދީފައި ކޮންވެސް ނަމެއްގައި ވަޒީފައެއް ލިބެއެވެ. ޕާޓީއަށް ޚިދުމަތްކޮށް މުޒާހަރާތަކަށް ނުކުންނާތީ ހަދިޔާ އަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދޭ ސަރުކާރުގެ ސިޔާސީ ވަޒީފާތައް ދެމުންދާއިރު، އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރުމުގައި ތިބި ސިވިލް ސާވަންޓުންގެ މުސާރަޔާއި ޖެހުމުން، ކޮރޯނާ ވައިރަހޭ، ފަޅޮލޭ ކިޔައި ވާހަކަ އޮޅުވާލަނީއެވެ. ކޮންމެއަކަސް ކޮރޯނާ ވައިރަސްގެ އަސަރު އެންމެބޮޑީ ސިވިލް ސާވަންޓުންގެ މުސާރައަށެވެ.


2 Responses
2018 ގައި މުސާރަ ބޮޑެއްނުވޭ. ޓެކްނިކަލް ކޯ ކިޔާފަ ފިކްސްޑް އެލަވަންސްއެއް ދީނީ. 700 އާއި 900
2018 ގަ އެލަވަންސް ވިޔަސް ލިބުނުތާ…މިއަދު ސުމެއް..