ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމުގެ ހަފަރާތުން ފެންނަ މަންޒަރަށް ކަޅިއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަހުސަކަށް ޖާގައެއްނެތެވެ. ޤައުމު އެދި ގޮވަނީ،  ޙުއްރިއްޔަތަށެވެ. ޤައުމު އާދޭސްކުރަނީ، ސާފު ދީނިއްޔާތަކަށެވެ. ޤައުމު ދެކެމުންދަނީ، ފުރިހަމަ މަދަނިއްޔަތެއްގެ ހުވަފެނެވެ. ޤައުމު ބޭނުންވަނީ، ހަރުދަނާ ޝަޚުޞިއްޔަތެއްގެ ޒަޢާމަތެވެ. ޖަވާބުލިބުން އަދައިގެން، ޤައުމު އެ ކުރަނީ އެތަކެއް ސުވާލުތަކެއްމެއެވެ.

އެންމެ ފުރަތަމަ ވެސް އުފެދޭ ސުވާލަކީ، ޤައުމުގެ މައިސޯބުތައް، އެހެރަ އެނބުރެނީ ރަނގަޅުފަރާތަށްތޯއެވެ.  ރަނގަޅުފަރާތަށް އެނބުރޭނަމަ، ޕީ.ޕީ.އެމް ޖަލްސާއަށް، އެހާގިނަ ރައްޔިތުން ހާޒިރުވުމުގެ މާނައެއް އެބައޮތްތޯއެވެ. ޤާނޫނުހަދާ މަޖިލީހަކީ، ރައްޔިތުންގެ އިޙްސާސްތައް ދަންނަ މަޖިލީހަކަށްވާނަމަ، އެތަކެއް ރައްޔިތުން، އެ ޖަލްސާއަށް ހާޒިރުވުމުގެ ބޭނުމެއް އޮންނާނެތޯއެވެ. ޤާނޫނު ތަންފީޒުކުރެވެނީ، ޢަދުލުއިންސާފުގެ އިމުގެތެރެއިން ކަމަށްވާނަމަ، އެތަކެއް ރައްޔިތުން، އެ ޖަލްސާއަށް ހާޒިރުވާން މަޖުބޫރުވާނޭތޯއެވެ.

ކަށަވަރެވެ. ފެނިދެނިވާ ކަންތައްތަކުން ހާމަވެގެންދާ ޖަވާބުތަކަކީތޯއެވެ. ހާމަވެގެންދަނީ، ޤައުމުގެ މައިސޯބުތައް އެހެރަ އެނބުރެނީ، ނުއަތަށްކަމެވެ. ހާމަވެގެންދަނީ، ޤާނޫނުހަދާ މަޖިލީހުގެ ފޭރާން ވީދި ”ރޮނދިބޮނޑި“ އަކަށްވެ ކަފާސްވެއްޖެކަމެވެ. ހާމަވެގެންދަނީ، ޢަދުލުއިންސާފު މިވަނީ އިންސާފުގެ ހަވާސާއިން ބޭރުގައިކަމެވެ. ޤައުމުގެ ހަފަރާތުގައި އަނދިރިކަން އެކުލެވިފައިވާކަމެވެ. ޤައުމުގެ ވެރިންގެ ”ހަތަރު އުދަރެސް ފެނުޖެހި“، ބޭރު ޤައުމުތަކަށް ރޭރުވެފައިވާތަނެވެ. ”ރަށްވެހި ފަތިހޭ“ ކިޔުނު، ފަތިހެއްގެ ބޭނުމެއްނެތްކަމެވެ.

އެ ”ރަށްވެހި ފަތިހަކަށް“، ރައްޔިތުންގެ ހިތްތަށް ފަތަޙަނުވާނޭކަމެވެ. އެ ”ރަށްވެހި ފަތިހުގައި“ މި ދިވެހި ފަލަކަށް ހަސަނާތުތަރި އުދަނުވާނޭކަމުގައެވެ. އެ ”ރަށްވެހި ފަތިސް“ ދަޅައަކީ، ލޯތަކަށް ދައްކާ ދަޅައެއްކަމެވެ. އެ ފަތިސްދަންމަތި ނިމުމުން، ”ރަންރީނދޫ“ ކުލައިގެ އިރެއް، މި ދިވެހި އުދަރެހަކުން ނާރާނޭކަމެވެ. ޤައުމުގެ މައި ތަނބުތަކުގައި ރެނދުލައިފައިވާކަމެވެ. ޤައުމުގެ ފަސްގަނޑުގެދަށުގައި ”އިސްލާމް ދީން ވަޅުލަން“ މަސައްކަތްކުރާކަމެވެ. ވަސްވާހެއްނެތެވެ. އެހެންނޫންނަމަ މޯދީއަށްވުރެ، ބިލާލް ފިލިޕްސް ވެސް، އެ ވެރިންނަށް ކަމުދިޔައީސްނޫންތޯއެވެ.

އެއްވެސް ޝައްކެއްނެތެވެ. ބައެއް އިންސާނުންނަކީ ވަޢުދުވުމުގައި އެއްވަނައިގެ ބައެކެވެ. ވަޢުދުފުއްދުމުގައި ހަމަ ސުމެކެވެ. ހަމައެހެންމެ މީހަކު ވަޢުދެއްވެއްޖެނަމަ، އިންތިޒާރު ކުރުމަކީ ދެންހުރި އިންސާނާ އަމުދުންކުރާނޭ ކަމެކެވެ. އެހެނީ، ކޮންމެ މީހަކު ވެސް، ރަނގަޅުގޮތް ބޭނުންވާނެއެވެ. އެ އިންތިޒާރުގެ ނިމުން ފޮނިވާން ބޭނުންވާނެއެވެ. އާދޭހެވެ. މި ގޮތުން ބަލާއިރު، ޤައުމުގެ ވެރިކަމަށް ކުރިމަތިލައްވާ ބޭފުޅުންނަކީ ވެސް، މި ފަދަ އެތައް ވަޢުދެއްކުރައްވާ ބޭފުޅުންނެވެ. ވެރީންނަށް ތިއްބެވީ ވެސް، އެތައް ވަޢުދެއް ކުރައްވާފައިވާ ބޭފުޅުންނެވެ. ވަޢުދަކަށް ފަހު ވަޢުދެކެވެ. ވަޢުދުގެ ”ޑަޒަން“ ތަކުންނެވެ. ވަޢުދުގެ ”ބޮނޑިވަރު“ ތަކުންނެވެ.  

އިސްވެ މި ބަޔާންކުރި ވަޢުދުތައް ފުއްދައިދެއްވޭނަމަ، ވެރިމީހާއާއި އިދިކޮޅަށް، ރައްޔިތުމީހާ ނިކުންނަންޖެހޭ ސަބަބެއް އޮންނާނެތޯއެވެ؟ ރައްޔިތުންގެ އިންތިޒާރުތަކަށް ފޮނި ނިމުމެއް ގެނެސްދެއްވޭނަމަ، ރައްޔިތުން ހަމަހިމޭނުން ތިބީސްނޫންތޯއެވެ؟ ރައްޔިތުންކުރި އިތުބާރު ގެއްލުވައިނުލެއްވިނަމަ އަޣުލަބިއްޔަތު ލިބިލެއްވީސްނޫންތޯއެވެ.

ކަން މިހެން ހުރުމާއެކީ، ރައްޔިތުން އިންތިޒާރުކުރަނީ، ހެޔޮ ވެރިކަމަކަށެވެ. ރައްޔިތުން އިންކާރުކުރަނީ އަނިޔާވެރިކަމަށެވެ. ރައްޔިތުން އެދެނީ އިންދިރާސްވެފައިވާ ޤައުމަށް، އިންޤިލާބެއް އައުމަށެވެ. އޮޅުމެއްބޮޅުމެއް ނެތްފަދައިން، ރައްޔިތުންގެ ބަހެއްކަމުގައިވަނީ، ”މި ވެރިކަން ކަމުނުދާކަމަށެވެ.“

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: