ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޅުވި އަނދުނާއި ރައްޔިތުންނަށް ދެއްކި ދަޅަ! ރައްޔިތުންނަކާއި ތިޔަހެން ނުކުޅެވޭނެ!

މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުން އާއްމުންގެ ސަމާލުކަމެއް ހޯދި ސާއިރާ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރު ވުޖޫދަށް އައީ ރައްޔިތުންނަށް ލައްކަ ފޮނި ހުވަފެންތަކެއް ދެއްކުމަށްފަހުއެވެ. އަދާކުރާ ވަޒީފާއން ލިބޭ މުސާރައިގެ އެއްބައި ގޭގެ ކުއްޔަށް ދައްކަމުން، އަނެއްބައި ތައުލީމަށް ދައްކަމުންނެވެ. ކައިގެން ހުންނަ ދުވަސްތަކަށް ވުރެ ގިނަވާނީ، ކަންމަތީ ފިހާރައަކުން މައިލޯ ޕެކެޓަކާއި، ދެ ގުޅައާއި އެއް ބަޖިޔާއިން ފުއްދާލާ ދުވަސްތެކެވެ. މަހުގެ ފަހުކޮޅަށްދާއިރު އަތުގައި ލާރިއެއް ނޯވެއެވެ. ދިރިއުޅުމަށް ބޭނުންވާ އެތައް ޒަރޫރީ ބޭނުންތަކަކަށް މި ގައުމުގައި ޖެހެނީ ސަލާން ޖަހާށެވެ. އެއީ، ބޭސްފަރުވާއަކަސް، ވަޒީފާއަކަސް މެއެވެ. އަދި ބޯހިޔާވަހިކަމަކަށް ވިޔަސް ހަނާ ވަނީ ނިކަމެތި އާދައިގެ މީހާއެވެ.

އިދިކޮޅުގައި އޮވެ، މެނިފެސްޓޯއެއް ތައްޔާރުކޮށް އެމްޑީޕީން ބުނަމުންދިޔައީ ޒުވާނުންނަށް ”ހައްގުވާ މިންވަރު“ ހޯދައިދޭނެ ވާހަކައެވެ. ރައްޔިތުންނަށް ”ހައްގު“ ހޯދައިދޭނެ ވާހަކައެވެ. ޒުވާނުންނަށް ތައުލީމުގެ ފުރުސަތު ދީ، އަނގައާއި އަތާ ދިމާނުވެގެން އުޅޭ އުޅުމަށް ނިމުމެއް ގެންނާނެ ވާހަކައެވެ. އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި ތިމާ ނިދާލާކަމަށްޓަކައި ދައްކަންޖެހޭ 9،000 ރުފިޔާއަށް ނިމުމެއް ގެންނާނެ ވާހަކައެވެ. މިނިމަމް ވޭޖެއް ތައާރަފްކޮށް ވަޒީފާގެ މާހައުލުގައި މަސައްކަތްކޮށްގެން އެ ލިބޭ ފައިސާއަކީ ބަނޑުފުރާނަ މުއްތިކުުރުމަށްޓަކާ އެންމެ އެކަށީގެންވާ އަދަދުގެ ގޮތުގައި ހަދާނެ ކަމަށް ވައުދުވިއެވެ. މިއީ ވަރަށް ބޮޑު ހުވަފެންތަކެކެވެ.

އޭރުވެސް ހިތައް އެރިވާހަކައެއް އޮތެވެ. މި ގައުމުގެ ވެރިން ދުވަނީ ދެތިން ވިޔަފާރިވެރިއެއްގެ ފަހަތުންނެވެ. އެއީ އަބަދުގެ ހާލަތެވެ. ވަކި ވެރިއެއް އިސްތިސްނާއެއް ނުވެއެވެ. މުޅި ގައުމު ވަށާ ގޮސް ޖެހެނީ އެކަލަ މި ދެތިން ވިޔަފާރިވެރިންނާއި އެވެ. ރައްޔިތުން ހިތްހަމަޖެއްސުމަށްވުރެ ސަރުކާރަށް މުހިންމުވަނީ، އަދި އެއިިރެއްގައި ސަރުކާރެއްގެ މަގާމުގައި ނުވަތަ މަޖިލީސް މެމްބަރުކަން އަދާކުރާ މީހާއަށް މުހިންމުވަނީ ”މަހުޖަނު“ ހިތް ރުއްސާލުމެވެ.

މަހުޖަނުންގެ ނުފޫޒުން ރައްޔިތުން މަޖިލިސް ސަލާމަތް ކުރުމަށް ގޮވާލައި ލީޑަރުން ކުރިމަތީ ކުރި މުޒާހަރާއެއްގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގަައްޔޫމް ދެވަނަ ދައުރަކަށް އައުމަށްޓަކާ ކެމްޕެއިން މެނިފެސްޓޯގައި ”ކުލި ކޮންޓްރޯލް“ ކުރަން ހިމަނަން ވިސްނިއެެވެ. އެކަމުގެ މަޝްވަރާތައް ވެސް ދިޔައެވެ. މިކަން އޭރުގެ ވެރިންނަކަށް އިންކާރެއް ނުކުރެވޭނެއެވެ. މިއީ ނުދެކެވޭ ވާހަކައެއްގެ ގޮތުގައި ވެސް ނުބުނެވޭނެއެވެ. ކޮންމެއަކަސް، މަޝްވަރާތައް ފެށި އެ ގެންދިޔައީ އެ ވިޔަފާރިވެރިންނާއި ހަމައަށެވެ. ”އިގްތިސޯދު ފުނޑިދާނެ“ ކަމަށް ބުނެ އެކަމަށް އިންކާރުކުރިއެވެ. އެއާއި އެކު އަނެއްކާވެސް، ދެވަނަ އޮޕްޝަނެއް ހުށަހެޅިއެވެ. އެއީ، ކޮޓަރީގެ އަދަދަަށް ބަލާ ކުލިއަށް އެންމެ ބޮޑުވެގެން ނެގޭނެ އަދަދެއް ކަނޑައެޅުމުގެ ބަދަލުގައި އެ ގެއެއްގެ ސިޓިންރޫމާއި، ބަދިގެ އަދި ކޮޓަރީގެ އަކަފޫޓުތަކަށް ބަލައި ކުލި ކަނޑައެޅުމެެވެ. އެއީ ވަކި ރޭންޖުތަކަށް ބަލާލުމެވެ. ވަކިން ބަދިގެ ހުރުމާއި، ވެންޓިލޭޝަން އަދި ވައިގޮޅީގެ ވާހަކަތައް ވެސް ހިމެނިއެވެ. އެހާވަރުންވެސް، ވިޔަފާރިވެރިން އިންކާރު ކުރިއެވެ. އެ މީހުންގެ ވިޔަފާރި އިނދަ ޖެހިދާނެ ކަމަށް ބުންޏެވެ. ރައްޔިތުންގެ ތާއީދަށްވުރެ، އޭރު މުހިންމުވީ ވިޔަފާރިވެރިންގެ ތާއީދު ހޯދުމެވެ.

ދެން އައި މި ސަރުކާރެވެ. ސީދާ ”ކުލި ކޮންޓްރޯލް“ މި ބަސް ބޭނުން ކުރި ނަމަވެސް ކޮންމެވެސް ގޮތަކުން މި މައުޟޫވެސް އައެވެ. މިއަދު ބަލަނީ އެއީ ރައްޔިތުންނަށް ދައްކާލި ދަޅައެއްގެ ގޮތުގައެވެ. ލޮލުގައި އަޅުވާލި އަނދުނެއްގެ ގޮތުގައެވެ. ކުލި ކޮންޓްރޯލް ކުރަން ހުށަހެޅީމާ، އެއަށް ބީރު ކަންފަތެއް ދީ މަޖިލީހުން ބޭރުކޮށްލިއެވެ. އަހަރު ދުވަސްވެ، މިނިމަމް ވޭޖަށް ދެމުން އައި ތާރީހުތައް ފަހަނަޅައި ގޮއްސިއެެވެ. އިއްޔެ، ކަންބަޅިއަކަށް ހަދާ މަޑުޖައްސާލީ ޓީޗަރުންގެ މުސާރައެވެ. ކަނޑާލީ ސިވިލް ސާވަންޓުންގެ އެލަވަންސްތަކާއި، އިތުރު ގަޑީގެ ފައިސާއެވެ. މި ސުވާލު އަމާޒު ކުރުމުން، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ”އިތުރު ގަޑީގެ ފައިސާ ކަނޑާނުލާ ކަމަށާއި، އެހެން ނަމަވެސް އިތުރު ގަޑީގައި މަސަައްކަތް ކުރަންނުޖެހޭގޮތަށް ވަޒީފާ އަދާކުރުމަށް އެނގި“ ކަމަށެވެ. މިއީ ”ކައިގެން ނޫނީ ނުފުރާނަމޭ، ނުކައި ނޫނީ ނުފުރާނަމޭ“ ބުނުން ކަހަަލަ ވާހަކައެކެވެ.

https://twitter.com/waddey_/status/1235431431460892673

ޗައިނާއިން އުފަންވެ މިހާރު ދުނިޔޭގެ އެތައް ގައުމެއްގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް އޭގެ ވަރަށް ބޮޑު އަސަރެއް ކުރާނެކަން އަހަރެމެން އެންމެވެސް ގަބޫލު ކުރަމެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ ފަތުުރުވެރިކަމުގެ ދާއިރާއިން ކަމުގައިވާއިރު ފަތުރުވެރިކަން މިއޮތީ ވަޅުގަނޑެއްގެ ތެރޭގައެވެ. ސަލާމަތްތެރިކަމުގެ ފިޔަވަޅުއެޅުމަށް ޑައިރެކްޓު ބައެއް ދަތުރުތަކާއި އެކު، ބައެއް ގައުމުތަކުން ކުރާ ޓްރާންސިޓްތަކާއި ފާއިތުވެދިޔަ 14 ދުވަހު ވަކި ގައުމަކަށް ދަތުރުކޮށްފައިވާ މީހެއް ނަމަ ރާއްޖެ އެތެރެނުވެވޭގޮތަށް މިވަނީ ބަދަލު ގެނެސްފައެވެ. އެއާއި އެކު، ހަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމިއެވެ. އެހެން ނަމަވެސް ހިތާމައަކީ އޭގެ އަސަރު ކުރީ ރައްޔިތުންނަށް ވީތީއެވެ. ޓްވީޓުކުރަމުން ދިޔަ މީހުންނަށް ބޮޑު މުސާރައާއި އެކު ވަޒީފާ ދިނުމާއި، މިނިސްޓަރުން ފެންފަރުވެ މީހުން އައްޔަން ކުރުމާއި އަދި ރައީސް އޮފީހަށް ސެކޭޓްރީންތައް ވެސް އައްޔަނުކޮށްފިއެވެ.

https://twitter.com/shafaum/status/1233754610600267776

މަޖިލީހުގެ މެމްބަރުނާއި، ވަޒީރުންނާއި އަދި ސަރުކާރުން ބޮޑު މުސާރައެއް ދީ ވަޒީފާއަކަށް އައްޔަންކޮށްފައިތިބި ޑިރެކްޓަރުންގެ މުސާރަ ކުޑަ ކުރުން މާ ރަނގަޅެވެ. އެހެން ނަމަވެސް، އެކަމަށް އޭގެއިން މީހަކު އެއްބަސްވާނެ ކަމާއި މެދު ޝައްކެވެ.

މުޅި ސޯޝަލް މީޑިއާއަށް ނަޒަރު ހިންގާލާއިރު ފެންނަނަނީ ރައްޔިތުންގެ ކަންބޮޑުވުންތަކެވެ. އެ ކަންބޮޑުވުންތައް ފޮރުވުމަށް ބައެއް މަޖިލީސް މެމްބަރުން ދަނީ ސަރުކާރުގެ ހުރި ”ހެޔޮފުޅުކަން“ ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ޓްވީޓުތަކެއްކޮށް، ރައީސް ދައްކަވާ ވާހަކަތަކާއި ސަރުކާރުގެ ބައެއް އެހެން އިދާރާތުގެ ބަސްތައް ”ކޯޓް“ ކުރުމަށްފަހު ޓްވީޓު ކުރެއެވެ. އޭގެ ފަހަތުން ޑިރެކްޓަރުން ދަނީ ޓްވީޓު ކުރަމުންނެވެ. މީގެ ކުރިން މަޖިލީހުގައި ފާރެއް ރޭނި ވާހަކައާއި، މަޖިލީހަކުން ރައްޔިތުންގެ ހިޔާލެއް ނުހޯދާ ވާހަކައެވެ. އަބުރުގެ ގާނޫނެއް އުވާލި ވާހަކައެވެ. އެހެން ނަމަވެސް، އަޅުގަނޑު ގަބޫލު ކުރާގޮތުން އެއީ ބޭކާރު ވާހަކަތަކެކެވެ. ސަޅި ބައިސާއެއް ރައްޔިތުންނެއް ބޭނުމެއް ނުވާނެއެވެ. ބޭނުންވަނީ ކަންކަމުގެ އަމަލީ ސިފަ ފެނުމެވެ. ”އިއްޔެ ވައްކަން ކުރިއޭ، މިއަދު ވައްކަން ނުކުރެއޭ“ ބުނުމުން ރައްޔިތު މީހާއަަށް ހިތްހަމަ ޖައްސާލައިގެން ނުހުރެވޭނެއެވެ.

https://twitter.com/Lucasjalyl/status/1235448890171617280

މިއަދު އެ މަސައްކަތް ކުރަމުންދަނީ މިނިމަން ވޭޖު މަޑުޖައްސާލުމަށެވެ. މަޖިލީސް މެމްބަރަށާއި، ސިޔާސީ މަގާމުގައި ހުރި ޑިރެކްޓަރުގެ ހިތައް އެކައްޗެއް ވެސް ނާރާނެއެވެ. އެ މީހުންނަކަށް މި ޖާނޫނެއް ވުޖޫދުކޮށްގެން ވާނެ ފައިދާއެއް އަދި ގެއްލުމެއް ވެސް ނެތެވެ. ކުރިންހެން ހަމަ ކޮފީ މޭޒުތަކުން، އެއް ދަތުރުން އަނެއް ދަތުރުން ”ޗިލްކޮށް“ އުޅެވޭނެއެވެ.

މިހުރިހާ، ވާހަކައެއް ދައްކަން ރައްޔިތުން ބޭނުންވެއެވެ. ބޭނުންވަނީ ތިލަފަތެއް، ނުވަތަ އެޖެންޑާ 19 އެއް ނޫނީ، ރަށްވެހި ފަތިސް އާކާއި މިއީ މަގޭ ރާއްޖޭގެ ވާހަކަތަކެއް ނޫނެވެ. ބޭނުންވަނީ ރައްޔިތުންނަށް ރަނގަޅުގޮތުގައި ކުރެވޭނެ ހިދުމަތެކެވެ. އެ އަޑު އިއްވާލާނެ އިތުރު އަޑެެވެ.

ރައްޔިތުންގެ މަޖިލީހުން މިނިވަން ވޭޖާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ފޯރަމުން އެންމެ އަލިގަދަވެގެން ދިޔައީ ފާތިމަތު ސާއިރާ ވާނެއެވެ. މީޑިއާތަކުންވެސް އެ ހަބަރުތައް ގެނެސްދީފިއެވެ. އާއްމު ފަރުދެއްގެ ހައިސިއްޔަތުން ސާއިރާ ދެއްކި ވާހަކަތައްކަަށް ފަހުރުވެރިވަމެވެ. އާންމު މީހެއްގެ ހައިސިއްޔަތުން އޭނާ، ސިޔާސީ ވެރިންނަށާއި ބޮޑެތި މަހުޖަނުންނަށް ދިން މެސެޖާއި ރައްދަކީ އާންމުންގެ ހިތާކުޅެލި ކަމަކެވެ. އެތައް ޒުވާނުނެއްގެ ލޯބި ޖެހި ސަމާލުކަން ހުއްޓުނު ކަމަކަށެވެ.

https://twitter.com/AdduAalaath/status/1235397735068524544

ސާއިރާއަކީ ކާކުކަން ޓްވިޓާގައި އުޅޭ ބަޔަކަށް ނޯޅޭނެއެވެ. ސަބަބަކީ މިއީ އޭނާ އަބަދުވެސް ދައްކާ ވާހަކައަކަށް ވީތީއެވެ. އާއްމުންނާއި ހަމައަށް ދެން އައީ އެ އަޑެވެ. ސިޔާސީ މީހުންނާއި ވިޔަފާރުވެރިންގެ އަނގަ ބަންދުކޮށްލިއެވެ. މެމްމަބަރުން ތިބީ ހަމަ ”ސައި“ ވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

މިނިމަން ވޭޖަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިގްތިސޯދު ކަމަށް ބުނި އެ ފޯރަމްގައި މަޖިލިސް ގިނަ މެންބަރުންނާއި ވިޔަފާރިވެރިން ވެސް ތިއްބެވި އެވެ. ސާއިރާގެ ވާހަކަތައް ފެށީ ވެސް ތަފާތު ގޮތަށެވެ.

”އިގްތިސޯދުގެ ވާހަކަ މިތާ ވަރަށް ގިނައިން ދެއްކިއްޖެ، އަޅުގަނޑު އަހާލަން ބޭނުން ކާކުގެ އިގްތިސޯދެއްގެ ވާހަކަތޯ މި ދައްކަނީ؟، އިގުސޯދަކީ ވަކި ބައެއްގެ ވިޔަފާރި ފައިދާއަށް ކިޔާ ނަމެއްތޯ ނޫނީ ރައްޔިތުންގެ ވެލްބީން އާއި ރައްޔިތުންނާ ވެސް ގުޅޭ ގޮތަކަށް ކިޔާ ނަމެއް ނޫންތޯ އެއީ“ ސާއިރާ

ސާއިރާގެ އެ ވާހަކައާއި އެކު އާއްމުން އޭނާއަށް ހިތްވަރު ދޭން ފެށިއެވެ. ސާއިރާ ވަނީ އޭނާގެ ވާހަކަތައް ކުރިޔަށް ގެންގޮސް މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަގެ ވާހަކަ ދެއްކެވިއެވެ. އޭރު އޭނާ ހުންނެވީ ޕެނަލްގައެވެ. ސާއިރާ ވަނީ އީސައަށް އަމާޒުކޮށް އޭނާއަކީ ޓޫރިޒަމް އިންޑަސްޓްރީގެ މަސައްކަތްތެރިން ތަމްސީލު ކުރުމަށް ހުންނެވުމަށްފަހު މިހާރު މަޖިލީހަށް ވަޑައިގެން މިހާރު މަސައްކަތްތެރިންގެ ހައްގުގައި ވާހަކަ ނުދައްކަވާ ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަމާއި ހިތާމަ ކުރާކަމަށާއި ރައްޔިތުން އެންމެ އިތުބާރުކޮށްފަ ރައްޔިތުންގެ ވާހަކަ ދައްކަން ހަވާލު ކުރާ ބޭފުޅުން ވިޔަފާރިވެރިން ރިޕްރެޒެންޓްކޮށްފަ ވާހަކަ ދައްކަވާތީ ހިތާމަ ކުރާކަމަށް ސާއިރާ ވިދާޅުވިއެވެ.

https://twitter.com/AphaShafyu/status/1235431437534298114

ސާއިރާގެ ވާހަކަތަކަށް އާއްމުން ހިތްވަރު ދެމުން ދިޔައިރު، އީސަގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. އެއަށްފަހު ސާއިރާ ޓޫރިޒަމް އިންޑަސްޓްރީގެ މަޓީ އަދި މަސީއަށް ރައްދު ދެއްވިއެވެ. ދެ ޖަމިއްޔާގެ ބޭފުޅުންވެސް އެތާ ތިއްބެވިއެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުން ކުލި ކޮންޓްރޯލް ކުރުމަށް ދެކޮޅު ހެދި ގޮތަށް މިހާރު އެންމެ ކުޑަ އުޖޫރަ ދިނުމާމެދު ދެކޮޅު ހަދަމުންދާތީ ވެސް ހިތާމަ ކުރާ ކަމަށް ވިދާޅުވިއެވެ. އެހާހިސާބުން އެ މީހުންގެ މޫނުގެ ކުލަވަރުވެސް ބަދަލުވިއެވެ.

”އަޅުގަނޑުމެން ރައްޔިތުންގެ ހުރިހާ އަސާސީ ހައްގަކަށް ފައިން އަރަން މަޓީ އާއި މަސީއިން ފައި ވިއްދާފައި ތިބިކަން ފާހަގަކުރަން، ސަރުކާރުން މިކަން ހުއްޓުވަން ޖެހޭ، ބޮޑެތި ވިޔަފާރިވެރިންގެ ހައްގުގައެއް ނޫން ވާހަކަ ދައްކަންވީ،“ ސާއިރާ ބުންޏެވެ. ”ރައްޔިތުންގެ ހައްގުގެ ވާހަކަ ދެއްކުމަކީ ސޯޝަލިސްޓްވުމެއް ވެސް ނޫން ކޮމިއުނިސްޓްވުމެއް ވެސް ނޫން، އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެންގެ ހައްގުތަކެއްގެ ވާހަކަ، ރާއްޖޭގައި އިންސާނީ ހައްގާއި ޑިމޮކްރަސީ ދެކެނީ ވަރަށް ހަނި ގޮތެއްގައި، އަސާސީ ހައްގަކީ ހަމައެކަނި ޖަލަށް ނުލުމެއް ނޫން، ޖަލުގައި ނުތެޅުމެއް ނޫން، އަޅުގަނޑުމެން މަސައްކަތް ކުރާ ވަގުތު ކުޑަވާން ޖެހޭ، އާއިލާއާއެކު ވަގުތު ހޭދަ ކުރެވެން ޖެހޭ، އިގްތިސޯދާއެކު އަންނާނެ ކުރިއެރުންތަކާއެކު ރަނގަޅު ޖީލެއް ނުއުފެއްދުމަކީ ކިހާ ބޮޑު ކޮސްޓެއްތޯ ދައުލަތަށް، އެ ވާހަކަ ކީއްވެގެންތޯ ނުދައްކަނީ، އަބަދު އިކޮނޮމީ، އިކޮނޮމީ ފެކްޓާއަކުން ބަލަންޏާ ނުލާހިކު ބަލި ކުދިންނާއި މަސްތުވާތަކެއްޗަށް ގޮސް ތިބި ބައިވަރު ކުދިން ތިބުމަކީ ކިހާ ބޮޑު ބުރައެއްތޯ އެއީ ދައުލަތަށް، ކުލި ކޮންޓްރޯލްވުމާއި ރައްޔިތުންނަށް ރަނގަޅު އާމްދަނީއެއް ލިބި ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅުމަކީ ސަރުކާރަށް އޮންނަ ބުރަ ކުޑަވާނެ ކަމެއް، އިގްތިސޯދު ރަނގަޅުވާނެ ކަމެއް، ރަނގަޅު ކަންކަމަށް އެމީހުން ހަރަދު ކުރާނެ، ޓްރެވެލް ކުރާނެ، ހަމައެކަނި މަޓީ އާއި މަސީގެ އިންޓްރެސްޓް، މިނިމަމް ވޭޖް ބޯޑް ވެސް ޕްރޮޓެކްޓްކުރިކަން އަޅުގަނޑު ފާހަގަކުރަން، މަސައްކަތްތެރިންނަށްވުރެ އެ ބޯޑްގައި ގިނައީ މަސީ އާއި މަޓީގެ މީހުން،“ ސާއިރާ

ސޯޝަލް މީޑިއާގައި ސާއިރާގެ ވާހަކައިގެ ވީޑިއޯ ދަނީ ދައުރުވަމުންނެވެ. އަދި އެތައް ބަޔަކު އޭނާއަށް ތައުރީފް ކުރެއެވެ. ސާއިރާ އިއްވާލަދިނީ ދިވެހި އެތައް ރައްޔިތުންނެއްގެ އަޑެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: