ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައްޖުވެރިންނަށް ދިން ހިދުމަތްތަކުގެ އަގުވަޒަންކޮށް އިންޑިއާއަށް ދެ އެވޯޑެއް

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި ހައްޖުވެރިންނަށް ފޯރުކޮށްދިން ހިދުމަތްތަކާއި، ކަންކަން ވިލަރެސްކުރުމުގައި ހޯދި ކާމިޔާބީ ފާހަގަކޮށް ސައުދީ އަރަބިއްޔާއިން ދޭ ޝަރަފުވެރި ދެ އެވޯޑެއް އިންޑިއާއަށް ލިބިއްޖެއެވެ.

އިންޑިއާއަށް ލިބިފައިވަނީ ވިލަރެސްކުރުމާއި މުއާސަލާތީ ކަންކަމުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރުމުން ދޭ ”ލައްބައިތުމް އެވޯޑް“ އެވެ. މި އެވޯޑްތައް ހަވާލުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އިންތިޒާމުކޮށްގެން ބޭއްވި ”ޚިތާމަހޫ މިސްކު“ ރަސްމިއްޔާތުގައެވެ. މިއީ ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަން ނިމުމާ ގުޅިގެން، ހައްޖުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތްދޭ ގައުމުތަކުގެ އަގުވަޒަންކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ.

ޖިއްދާގައި ހުންނަވާ އިންޑިއާގެ ކޮންސުލް ޖެނެރަލް ފަހަދު ސޫރީ ވަނީ ހައްޖުގެ މައިގަނޑު އަޅުކަންތައް ފުރިހަމަކުރި އިންޑިއާގެ ހުރިހާ ހައްޖުވެރިންނަށް މަރުޙަބާ ދަންނަވައި، އެނބުރި ގައުމަށް ދިއުމުގެ މަރުހަލާ އަމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ފަހަދު ސޫރީގެ އިތުރުން ކޮންސުލް ސަދަފް ޗައުދަރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާދުގައި ހުންނަ އިންޑިއާ އެމްބަސީން ބުނި ގޮތުގައި، މި ކާމިޔާބީއަކީ މި އަހަރު ހައްޖުގެ އަޅުކަމަށް އިންޑިއާއިން ދިޔަ 1.75 ލައްކަ (އެއްލައްކަ ހަތްދިހަ ފަސް ހާސް) ހައްޖުވެރިންގެ ކަންކަން ބެލެހެއްޓުމުގައި އިންޑިއާގެ އިދާރާތަކާއި ސައުދީގެ ހިދުމަތްދޭ ފަރާތްތަކާ ދެމެދު އޮތް ބަދަހި ގުޅުމުގެ ނަތީޖާއެވެ. މި މަސައްކަތުގައި އިންޑިއާގެ މިނިސްޓްރީ އޮފް މައިނޯރިޓީ އެފެއާޒް އާއި މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްގެ ދައުރު ބޮޑުކަން އެމްބަސީން ފާހަގަކުރިއެވެ.

މި އަހަރުގެ ހައްޖު އިންތިޒާމުތަކަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި ”ޙައްޖު ސުވިދާ“ އެޕް މެދުވެރިކޮށް ދެވުނު ޑިޖިޓަލް ހިދުމަތްތަކާއި، ހައްޖުވެރިން ތިބޭ ތަން ދެނެގަތުމަށް ބޭނުންކުރި ”ސްމާޓް ރިސްޓްބޭންޑް“ ހިމެނެއެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް 20 ދުވަހުގެ ކުރު މުއްދަތުގެ ހައްޖު ޕެކޭޖެއް ތައާރަފުކުރުމަކީވެސް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އޮފިޝަލުން ފާހަގަކުރެއެވެ.

އިންޑިއާއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސުހޭލް ޚާން ވެސް ވަނީ ހައްޖު މޫސުމުގައި މައްކާއަށް ޒިޔާރަތްކުރައްވައި، ހައްޖުވެރިންނަށް ދެވޭ ހިދުމަތްތައް ގާތުން ބައްލަވާލައްވާފައެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ދީނީ އެއްވުމުގައި އިންޑިއާއިން ދެއްކި ފުރިހަމަ އިންތިޒާމުތަކަށް ލިބުނު މި އެވޯޑަކީ އެ ގައުމުގެ ހައްޖު މިޝަނަށް ލިބުނު ބޮޑު ޝަރަފެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: