ޙައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެއަށް އަންނަ ޙައްޖާޖީން، 14 ދުވަހުގެ މުއްދަތަށް އެމީހުންގެ ޞިއްޙީ ހާލަތު ވަރަށް ގާތުން ބަލަމުން ގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކުރައްވައިފިއެވެ.
މި އަހަރުގެ ޙައްޖާޖީން ރާއްޖެއަށް އަންނަން ފަށާފައިވާ މި ދަނޑިވަޅުގައި، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ވިދާޅުވީ، އެތައް މިލިއަން ބަޔަކު އެއްވެ އުޅޭ ތަނެއްގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު އަންނައިރު، ބަލީގެ އަލާމާތެއް ވަގުތުން ފެންނަން ނެތް ނަމަވެސް ދެ ހަފްތާގެ މުއްދަތަކަށް ރޯގާގެ އެއްވެސް އަސަރެއް ހުރިތޯ ބެލުން ނުހަނު ބޭނުންތެރި ކަމަށެވެ.
ސަނާ ފާހަގަކުރެއްވި ގޮތުގައި، މި ދުވަސްވަރަކީ ރާއްޖޭގައިވެސް ގައިންގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ދުވަސްވަރަކަށް ވުމާއެކު، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ބަލިތަކުން ރައްކާތެރިވުމަށް ޓަކައި އެޗްޕީއޭއިން ވަނީ އަންނަނިވި އިރުޝާދުތަކަށް ސަމާލުވުމަށް އެދިފައެވެ:
- ކެއްސައި ކިނބިހިއަޅާއިރު އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކުރުން.
- ބޭނުންކުރާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިކަމާއެކު އުކާލުމާއި، ސައިބޯނިލައިގެން ގިނަގިނައިން އަތްދޮވުން.
- ބޭރަށް ނުކުމެ އުޅޭއިރު އަދި ދަތުރުފަތުރު ކުރާއިރު މާސްކު އެޅުން.
- ރޯގާގެ އަސަރު ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
- ބަލިވެ އުޅޭނަމަ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ކައިރިނުވުމާއި، ތުއްތު ކުދިން އުރައި ނުހެދުން.
މި ފިޔަވަޅުތަކަކީ ޙައްޖާޖީންގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުން ހުއްޓުވުމަށާއި، މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

