މިއަހަރުގެ ހައްޖުގެ މާތް އަޅުކަން އަދާކުރުމަށްފަހު، ދިވެހި ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށައިފިއެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާލެ އައިސްފައިވަނީ ރޭގެ ވަގުތެއްގައެވެ.
ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ ހަތަރު ދުވަހަކަށް ބަހާލައިގެންނެވެ. އެއީ މޯލްޑިވިއަން އަދި ސައުދީ އެއާލައިންގެ ފްލައިޓްތަކުގައެވެ. ރޭ ފުރަތަމަ ގްރޫޕް އައިސްފައިވާއިރު، ދެން ހުރި ގްރޫޕްތައް މިއަދާއި، މާދަމާ (ހޯމަ) އަދި އަންގާރަ ދުވަހު ރާއްޖެ އައުމަށް ވަނީ ތާވަލުކުރެވިފައެވެ.
މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް ދިޔަ ހުރިހާ ހައްޖުވެރިންވެސް ސައުދީ އަރަބިއްޔާއަށް ގޮސްފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. ރާއްޖެއިން މިއަހަރު ޖުމްލަ 1,019 މީހުން ހައްޖުގެ މާތް އަޅުކަމުގައި ބައިވެރިވެފައިވެއެވެ.
ހައްޖުވެރިން އެނބުރި އައުމާ ގުޅިގެން، އެ ފަރާތްތަކުގެ ދަތުރުފަތުރުގެ ކަންކަން ވީހާވެސް އޮމާންކޮށް އަދި ފަސޭހަކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އެމްޓީސީސީ ގުޅިގެން ވަނީ ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައެވެ.
މި އިންތިޒާމްތަކުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހައްޖުވެރިންނަށް ހާއްސަ ހެލްޕް ޑެސްކެއް ވަނީ ގާއިމްކޮށްފައެވެ. އަދި އެއާޕޯޓުން މާލެއާއި ހުޅުމާލެއަށް ދަތުރުކުރާ ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ޓެކްސީ ލައިންގެ އެހީގައި ހާއްސަ އިންތިޒާމްތަކެއް ވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ހައްޖުވެރިންގެ ކަންކަން ވީހާވެސް ފުރިހަމައަށް އިންތިޒާމްކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައެވެ.

