ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސަރުކާރުތަކުން ތިމާވެށި ހިމާޔަތް ކުރުމުގައި ފެއިލްވެފައިކަމަށް ރައީސް ވިދާޅެއްނުވޭ: މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް (މުންދު) ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ރައީސް އޮފީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުތަކުން ތިމާވެށި ހިމާޔަތް ކުރުމުގައި ފެއިލްވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުނުވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ ”ޕްރެސް ވިތު ދަ ސްޕޯކްސް“ ގެ ނަމުގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ނިމިދިޔަ ސަރުކާރުތަކުން ތިމާވެށި ހިމާޔަތް ކުރުމުގައި ފެއިލްވެފައިވާ ކަމަށް ރައީސް ވިދާޅުވި ކަމަށް ބުނެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުންދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލަށް ފެށި ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި ރައީސާ ކުރެވުނު ސުވާލަކީ ރަށް ގިރުމުގެ މައްސަލައިގައި ކުރީގެ ސަރުކާރުތަކުން އިހުމާލުވީތޯ ނުވަތަ އެކަމުގައި އިޚްލާޞްތެރިކަމެއް ނެތީތޯ ކަމަށެވެ. ނަމަވެސް، ކުރީގެ ސަރުކާރުތަކުން އެކަމުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ރައީސް ޤަބޫލުފުޅު ނުކުރައްވާ ކަމަށް މުންދު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ރައީސްގެ ވާހަކަފުޅަކީ އެއީ ”ޕްރައޮރިޓީ ރީއެރޭންޖްމެންޓެއް“ ނުވަތަ އިސްކަންދޭ ތަރުތީބަށް އައި ބަދަލެއްގެ ވާހަކަ ކަމަށެވެ. އެކި ސަރުކާރުތަކުން އިސްކަންދެނީ އެކި ކަންކަމަށް ކަމަށާއި، އެއް ބަޔަކު ބޯހިޔާވަހިކަމަށް ފޯކަސް ކުރާއިރު އަނެއް ބަޔަކު ތިމާވެއްޓަށް ފޯކަސް ކޮށްފާނެ ކަމަށް ރައީސްގެ ވާހަކަފުޅަށް ރިއާޔަތްކޮށް މުންދު ވިދާޅުވިއެވެ.

”ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން އެކަމާއި ގުޅިގެން އެއްވެސް މަސައްކަތެއް ނުކުރައްވަނީކަމަށް ރައީސް ޤަބޫލުފުޅު ނުކުރައްވައްވާކަމަށް، އަދި އެމަނިކުފާނު ވިދާޅުވީ އެއީ އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭ ގޮތުގައި އެއީ ޕްރައޮރޮޓީގެ ކަމެއްކަމަށް، އެއްވެސް ގޮތަކަށް ކުރީގެ ސަރުކާރުތަކުން ތިމާވެށި ހިމާޔަތް ކުރުމުގައި ފެއިލްވެފައިކަމަށް ރައީސް ވިދާޅެއްނުވޭ“ މުންދު ވިދާޅުވިއެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަކީ ވަށާޖެހޭ، ދެމެހެއްޓެނިވި އަދި ނަތީޖާ ނެރެވޭނެ މަސައްކަތަކަށް ވާންޖެހޭނެ ކަމަށް ރައީސް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ. މި ސަރުކާރުން ތިމާވެއްޓަށް ދޭ އިސްކަމުގެ ދަށުން، 5 ޖޫން 2024 ގައި ވަނީ ފަސް އަހަރުގެ ތެރޭގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށާފައެވެ.

މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 1.5 މިލިއަނަށް ވުރެ ގިނަ ގަސް އިންދާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް އެއް މިލިއަން ގަސް، އަންނަ އަހަރު 1.5 މިލިއަން ގަސް، އަދި 2028 ވަނަ އަހަރުގެ ނިޔަލަށް އިތުރު އެއް މިލިއަން ގަސް އިންދައި ނިންމުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: