ދިވެހި އަސްކަރިއްޔާގެ ތާރީޚުގައި ކަނޑުމަގުން ކުރި އެންމެ ދިގު ދަތުރަށްފަހު، ދިވެހި ސަރުކާރަށް އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރު، ދިވެހިރާއްޖެއަށް ގެނެސްފިއެވެ.
އެ މަނަވަރަކީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން ހަދިޔާކުރައްވާފައިވާ މަނަވަރެއްކަމަށް ގައުމީ ދިފާއީ ބާރުން ވިދާޅުވެއެވެ. މަނަވަރު ރަސްމީކޮށް ކޮމިޝަންކޮށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ.
އެ މަނަވަރު ހުޅުމާލޭ ބަނދަރަށް ވަނީ ކަނޑުމަތީގެ އާދަކާދަތަކާއި އެއްގޮތަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސެރެމޯނިއަލް އެސްކޯޓާއެކުއެވެ. އަދި، ހުޅުމާލެ ބަނދަރަށް ވަނުމުން ވޯޓަރ ސެލިއުޓެއް ވަނީ އަރުވާފައެވެ.
އެ އުޅަނދު ހުޅުމާލޭގައި ކޯސްޓްގާޑް ޝިޕްތައް އޮންނަ ސަރަހައްދުގައި ބަނދަރުކުރުމުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް ވަނީ މަރުޙަބާ ދަންނަވާ އުޅަނދު ބައްލަވާލައްވާފައެވެ.
އެ އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާއެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ މުހިންމު ވައުދުފުޅެކެވެ.
އެގޮތުން އޮސްޓްރޭލިއާ އާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިއާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ އެ މަނަވަރަކީ، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ.
މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.
މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމިޝަންކޮށް ރަސްމީކޮށް ހިދުމަތަށް ނެރުމަށް ހަމަޖެހިފައިވާ މިއުޅަނދުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގައި ހިންގާ ޣައިރުގާނޫނީ އަމަލުތައް ހުއްޓުވުމާއި، ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ދިވެހިރާއްޖެއިން އަދާކުރާ ދައުރަށް ވެސް ލިބިގެންދާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ވަނީ ބުނެފައެވެ.
މި ހަރަކާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ކޯސްޓްގާޑުގެ އޮފިސަރުންނާއި ސެއިލަރުންގެ އިތުރުން އުޅަނދުގެ ފަޅުވެރިންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވިއެވެ.

