ގދ. އަތޮޅު ކައުންސިލުން ކުރި ތިން ”ސްޓަޑީ ޓުއާ“ އަކަށް 1.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ މިނިސްޓްރީ އޮފް ފައިނޭންސް އާއި އޭރުގެ މިނިސްޓްރީ އޮފް ލޯކަލް ގަވަމަންޓުން ކަނޑައަޅާފައިވާ މާލީ އުސޫލުތަކާ ހިލާފަށް ކަމަށް އެ ކައުންސިލުގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖޭއިން ބޭރަށް ކައުންސިލުން ކުރި މި ދަތުރުތަކަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، އެ ޚަރަދުތަކުގެ ބޭނުމާއި، ލިޔެކިޔުންތަކާއި އަދި އެ ދަތުރުތަކުން ހާސިލްވި ނަތީޖާއާ މެދު ވަނީ ގިނަ ބައެއްގެ މެދުގައި ސުވާލު އުފެދިފައެވެ.
މި ދަތުރުތަކުގެ ތަފްސީލަށް ބަލާއިރު، ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުން ހިމެނޭހެން ސްްރީލަންކާއަށް ދެ ދަތުރެއް އަދި ތައިލެންޑަށް އެއް ދަތުރު ވަނީ ކޮށްފައެވެ. ލަންކާއަށް ކުރި ފުރަތަމަ ދަތުރުގައި ކައުންސިލްގެ މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 10 މީހުން ބައިވެރިވިއިރު، އެ ދަތުރަށް 894,082 ރުފިޔާ ޚަރަދުވިއެވެ. އަދި 17 މުވައްޒަފުން ބައިވެރިވި ލަންކާގެ ދެވަނަ ދަތުރަށް 306,848 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން، ތައިލެންޑަށް ކުރި 13 ދުވަހުގެ ދަތުރަށް 723,936 ރުފިޔާ ހަރަދުކޮށްފައިވެއެވެ. މި ދަތުރަކީ ”އަލަ ފަތަށް ޖެހޭ ބަލި“ ތަކަށް ހައްލު ހޯދުމާއި ލޯކަލް ޓޫރިޒަމް ދަސްކުރުމަށް ކުރި ދަތުރެއް ކަމަށް ބުނި ނަމަވެސް، އެ ގައުމުގެ ރަސްމީ އެއްވެސް އިދާރާއަކާ ނުވަތަ ދަނޑުވެރިކަމާ ގުޅޭ ދިރާސާކުރާ މަރުކަޒަކާ ބައްދަލުކުރި ކަމުގެ އެއްވެސް ހެއްކެއް އޮޑިޓަރުންނަށް ފެނިފައެއް ނުވެއެވެ.
ކައުންސިލްގެ މާލީ ހިންގުމުގައި ހުރި އެހެން ބައެއް މައްސަލަތައް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ކައުންސިލަށް ލިބެންޖެހޭ 833,070 ރުފިޔާ ނުލިބި ހުރި އިރު، ބޭންކަށް ޖަމާކުރަންޖެހޭ 180,100 ރުފިޔާ ޖަމާކުރުމުގައި ލަސްތަކެއް ވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި 2018 ވަނަ އަހަރު ކައުންސިލްގެ ވަށާފާރުގެ މަސައްކަތާ ގުޅިގެން އަނބުރާ ހޯދަންޖެހޭ 233,018 ރުފިޔާ ހޯދުމަށް ތަކުރާރުކޮށް އަންގާފައިވީ ނަމަވެސް، އެ ފައިސާ އަދިވެސް ހޯދިފައި ނުވާކަން އޮޑިޓުގައި ބަޔާންކޮށްފައިވެއެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ދައުލަތުގެ ފައިސާ ހަރަދުކުރުމުގައި މާލީ ސާކިއުލާތަކަށް ފުރިހަމައަށް އަމަލުކުރުމަށް ކައުންސިލްތަކަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ދަތުރުތައް ކުރަންވާނީ އެކަށީގެންވާ ސްޕޮންސާޝިޕް ނުވަތަ ސާފު މަގުސަދެއް އޮވެގެން ކަމަށާއި، އުސޫލުން ބޭރުން ކުރާ މިފަދަ ޚަރަދުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް އުފުލަންޖެހޭ ކަމަށް ވެސް ރިޕޯޓުގައި އިންޒާރު ދީފައިވެއެވެ.
އަތޮޅު ކައުންސިލުތައް އުވާލައި އެ ކައުންސިލުތަކުގެ މަސައްކަތް އެލްޖީއޭއާ ހަވާލުކުރާ ގޮތަށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ވަނީ ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށްފައެވެ. އެ އިސްލާހާއެކު އަތޮޅު ކައުންސިލުތަކުން ކުރަމުންދާ މަސައްކަތްތަކާާ ހަވާލުވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިންނެވެ.

