މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލުގެ އިދާރާގެ 2021 ވަނަ އަހަރުގެ އޮޑިޓުގެ ތެރެއިން ގިނަ މައްސަލަތަކެއް ފާހަގަކުރެއްވޭކަމަށް އޮޑިޓަރު ގެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ރ މާކުރަތު ކައުންސިލުން ހިންގާފައިވާ މާލީ މުއާމަލާތްތަކާއި މުދާ ގަތުމުގެ ތެރެއިން ފާހަަގަކުރެއްވޭ މައްސަލަތަކަށް އޮޑިޓުން އަލިއަޅުވާފައިވެއެވެ. އޮޑިޓުން ބުނެފައިވާގޮތުން، ދައުލަތުގެ އާމްދަނީ ގޮތުގައި ލިބޭ ފައިސާ ބެލެހެއްޓުމުގެ އުސޫލުތައްވަނީ މާލިއްޔާތު ގަވައިދުގައި ބަޔާންކޮށްފައެވެ. އަދި ލިބޭ ފައިސާ ޖަމާ ކުރަންވަނީ އެމްއެމްއޭގައި އޮންނަ ޕަބްލިކް ބެންކު އެކައުންޓަށްކަންވެސް ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވާގޮތުން ކައުންސިލުން ގަވައިދުގަައި ވާ ފައިސާ ޖަމާ ކުރުމުގެ އުސޫލުތަކާއި އެއްގޮތަށް އަމަލުކޮށްފައިނުވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތެރޭގައި އިދާރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ 13،775 ރުފިޔާ ޕަބްލިކު ބެންކު އެކައުންޓަށް ޖަމާކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން، އިދާރާއަށް ލިބޭ ފައިސާ ޖަމާ ނުކުރުމުގެ ސަބަބުން، ދައުލަތުގެ ބަޖެޓުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުރުމުގައި ދަތިތައް ކުރިމަތިވެއެވެ. އަދި ކޭޝް ފްލޯ މެނޭޖު ކުރުމުގައިވެސް ދަތިތައް ކުރިމަތިވާކަމަށާއި ޖަމާނުކޮށް ބެހެއްޓުމުގެ ސަބަބުން ނަހަމަ ގޮތުގައި ފައިސާގެ ބޭނުންކުރުމަށް ފުރުސަތު ފަހިވެގެންދާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ކައުންސިލުގެ އިދާރާއިން މުދާ ގަތުމުގެ ތެރެއިން އަމަލުކޮށްފައިވާ ގޮތުގެ މައްޗަށްވެސް އޮޑިޓުންވަނީ އަލިއަޅުވާލާފައެވެ. އެގޮތުން، މުދާ ހޯދުން ނުވަތަ ހިދުމަތެއް ލިބިގަތުމުގެ ތެރެއިން ވެރިއެއްގެ ހުއްދަ ހޯދާފައިނުވާކަން އޮޑިޓުންވަނީ ފާހަގަކޮށްފައެވެ.
ރިޕޯޓުގައި ބުނެފައިވާގޮތުން، މުދާ ގަތުމުގައި ކައުންސިލުން މާލިއްޔާތު ގަވާއިދާއި އެއް ގޮތަށް އަމަލުކޮށްފައިނުވެއެވެ. އަދި ހުއްދައަށް އެދޭ ފޯމު ނުވަތަ ފޮތް ފުރިހަމަކޮށްފައިނުވާކަން ފާހަގަކުރެވޭކަމަށާއި އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުތުމުގެ ފުރުސަތު ފުޅާވެގެންދާކަމަށް ބުނެފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން، ހޯދާފައިވާ މުދަލަކީ ކައުންސިލުން ކޮންމެހެން ބޭނުންވެގެން ހޯދާފައިވާ މުދާކަމަށް ނުވުމުގެ ފުރުސަތު އޮވެއެވެ. އަދި ހޯދާފައިވަނީ ކައުންސިލަށް އެންމެ ފައިދާވާ ގޮތުގެ މަތިންކަމަށް ނުވެދާނެކަމަށާއި، މިކަމަކީ ދައުލަތުގެ ފައިސާ ނަހަަމަ ގޮތެއްގެ މަތިން ބޭނުންކޮށް ވަކި ފަރާތަކަށް މަންފާއެއް ހޯދުމަށް ހިންގާފައިވާ މުއާމަލާތްތަކަކަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން، ”ޝޮޕިންގް އުސޫލުން“ މުދާ ގަތުމުގައި އަދި ހިދުމަތް ހޯދުމުގައިވެސް މާލިއްޔާތު ގަވާއިދާއި އެއް ގޮތްވާގޮތުގެ މަތިން އަމަލުކޮށްފައިނުވެއެވެ. އެގޮތުން 161،485 ރުފިޔާގެ މުދަލާއި ހިދުމަތް ހޯދުމުގައި ތިން ފަރާތެއްގެ އަތުން އަގު ހޯދާފައިނުވާކަމަށްވުމުން، އެކަން ކުރެވިފައިވަނީ ކައުންސިލަށް އެންމެ ފައިދާ ހުރި ގޮތުގެ މަތިންކަން ކަށަވަރު ނުވާކަމަށް ބުނެފައިވެއެވެ.
މުދާ ބަލައިގަތުމުގެ ތެރެއިންވެސް ނޭދެވޭ އަމަލުތަކެއް ފާހަގަކުރެވޭކަމަށް އޮޑިޓުން ބުނެފައިވެއެވެ. އެގޮތުން އޮފީހަށް ލިބުނު ތަކެއްޗާއި ހަވާލުވާއިރު، ހަވާލުވެފައިވަނީ މުދާ އޯޑަރުކުރި ފޯމުގައި ސޮއި ނުކޮށްކަމަށާއި އެގޮތުގެ މަތިން 69،716 ރުފިޔާގެ ތަކެތި ބަލައިގަނެފައިވާތީ އެތަކެތި ހަމައަށް ލިބުނުކަން އަދި ތަކެތީގެ ފެންވަރު ކަށަވަރު ނުކުރެވޭކަމަށް ބުނެފައިވެއެވެ.
ކައުންސިލުގެ ނަމުގައި ހުޅުވާފައިވާ ބެންކު އެކައުންޓުގެ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކޮށްފައިވާ ގޮތަށްވެސް އޮޑިޓުގައި އަލިއަޅުވާފައިވެއެވެ. އެގޮތުން ކޮންމެ މަހަކު އެއްފަހަރު ތައްޔާރު ކުރަންޖެހޭ ބެންކު ރިކޮންސިލިއޭޝަން ސްޓޭޓުމެންޓު ތައްޔާރުކޮށްފައިނުވާކަމަށްވުމުން، ހިންގާފައިވާ މާލީ މުއާމަލާތްތަކުގެ މައުލޫމާތުގެ ސައްހަކަން އަހަރު ނިމިގެންދިޔައިރު ބެންކު އެކައުންޓުގައި ހަގީގަތުގައި ހުރި ފައިސާގެ އަދަދުތައްވެސް ކަށަވަރު ނުކުރެވޭކަަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން އޮޑިޓުންވަނީ ކައުންސިލުން ސްޓޮކް ބަލަހައްޓާގޮތުގެ މައްސަލަތަކެއް ހުރިކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ސްޓޮކް ކޮށް ވައްދާ މުދަލުގެ ބާކީ ނުބެލެހެއްޓުމުގެ ސަބަބުން، ކުރަން ޖެހޭ ހަރަދަށްވުރެ އިތުރަށް ހަރަދުކުރުމުގެ ފުރުސަތު އޮތްކަމަށް ފާހަގަކޮށްފައިވެއެވެ.
އޮޑުން ދީފައިވާ ޖުމުލަ ލަފާއަކީ މާލިއްޔާތު ގަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން އަމަލު ކުރުމަށެވެ.

