މާދަމާއިން ފެށިގެން 3 ދުވަހަށް އެސްޓީއޯގެ ބޭސްފިހާރަތައް ބަންދުކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނީ ފާމަސީތައް ހިންގުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރުމަށް ޓަކައި މި މަހުގެ 24، 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދިޔުމަށް ފާމަސީތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ނަމަވެސް އެމަޖެންސީ ހާލަތުގައި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ އެ މަސައްކަތް ނިމުމުން ފާމަސީތަކުގެ ހިދުމަތް ދީ ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކޮށް ފޯރުކޮށްދިނުމުގެ ހިދުމަތް ދޭނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަނުން ކަމަށެވެ.
މި ބަދަލާއެކު ފާމަސީތަކުގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ 500 އަށްވުރެ ގިނަ މުވައްޒަފުން ވެސް އާ ކުންފުންޏަށް ބަދަލުވެގެންދާނެއެވެ.

