ހދ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށުގެ އިދާރީ ކަންކަމަށް ބޭނުންވާ ބަޖެޓު އަންނަ މަހު ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިވާތީ، މިހާރު އެ ރަށުގެ ހުރިހާ އިދާރީ ކަންކަމާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ބަލަހައްޓަމުންދަނީ ހަނިމާދޫ ކައުންސިލުންނެވެ. މިއީ ދެ ރަށް އެއްކޮށްލުމުގެ މަރުހަލާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. ނަމަވެސް، މި ބަދަލާއެކު ހަނިމާދޫ ކައުންސިލަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ވޭތުވެދިޔަ މަސްތަކުގައި ހިރިމަރަދޫގެ ބަޖެޓު ރަސްމީކޮށް ހަނިމާދޫ ކައުންސިލަށް ލިބިފައި ނުވުމުގެ ސަބަބުން، އެ ރަށުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޒަރޫރީ ޚަރަދުތައް ހަމަޖައްސާފައިވަނީ ހަނިމާދޫ ކައުންސިލްގެ އަމިއްލަ ބަޖެޓުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ހަނިމާދޫ ކައުންސިލުން ހިރިމަރަދޫގެ ކަންކަމަށް 267,000 އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ ކައުންސިލެއްގެ ބަޖެޓަށް ބަލާއިރު ބޮޑު އަދަދެކެވެ.
ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ހިރިމަރަދޫގެ ބަޖެޓު ހަނިމާދޫ ކައުންސިލަށް ދޫކުރާށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، އަންނަ މަހު ދޫކުރާ ބަޖެޓުގެ ތެރޭގައި މިހާތަނަށް ނުލިބި ހުރި ފައިސާ ނުވަތަ ’ބެކްލޮގް‘ ފައިސާވެސް ހިމެނޭނެއެވެ. މީގެ ސަބަބުން ހަނިމާދޫ ކައުންސިލުން މިހާތަނަށް ކުރި ޚަރަދުތައް އަނބުރާ ލިބި، މާލީ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ އެންމެ ފަހު މީހާ ރަށުން ފައިބަންދެން އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. ކަރަންޓާއި، ފެނާއި، ސިއްހީ ޚިދުމަތް ފަދަ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިރިމަރަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސް ދުވަހުގެ ތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށާއި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެކަމަށެވެ.
ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކުރުމާއި ގުޅިގެން މިހާރު ރަށުގައި ދިރިއުޅޭނީ ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުންނެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ އުމުރުގެ އާބާދީ ވަނީ އިތުރުފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގުބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައްދިނުމަށް ކަމަށެވެ.
ރައްޔިތުންގެ މުސްތަގުބަލަށް ޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫގައި ދާއިމީ ގެދޮރިވެރިކަމާއި، އުމްރާނީ ވަސީލަތް ގާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން، ހުރިހާ ރައްޔިތުންނަށް، ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލެއްގެ ގޮތުން ފައިސާގެ އަދަދެއްވެސް ދޭގޮތަށް މަޝްރޫއު ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަ އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް އަޅުގަނޑުމެން ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަން، ކުރިން ދޭ ފައިސާގެ އަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށޭނެ. ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އެންމެ މަދުވެހެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން.”
ރައީސް ވިދާޅުވީ އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަންދީގެންކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ.
މިސަރުކާރުގެ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ފުރަތަމަ މަސައްކަތް ފަށަނީ ހިރިމަރަދޫން ކަމަށާއި، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުރިން އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުތަކާއި މިކަން ކުރިގޮތާ ޚިލާފަށް ސަރުކާރުން މި މަޝްރޫއު ކުރިއަށްގެންދާނީ ހިރިމަރަދޫ ރައްޔިތުންނަށް އެމީހުންގެ އުފަން ރަށްކަމަށްވާ ހިރިމަރަދޫގައި ސަރުކާރުން ބޭނުންކުރާ އިގުތިސާދީ މަންފާއިން އެ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަމަށެވެ.

