ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލައިގައި ގާތިލު އަދުހަމް މުހައްމަދު މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމް މިއަދު ހައިކޯޓުން ދަމަހައްޓައިފިއެވެ.
ގާސިމް ހަސަން މަރާލީ، އޭނާ ދުއްވި ޓެކްސީގެ ފަހަތު ސީޓުގައި އަދުހަމް އިނދެފައި ތޫނު އެއްޗަކުން އޭނާގެ ކަރުގައި ޖައްސައި ބިރު ދައްކައިގެން އޭނާ އަތުން ފައިސާ ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައެވެ. 2019 ވަނަ އަހަރު ހިނގި އެ ހާދިސާއާ ގުޅިގެން އަދުހަމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލިއެވެ. އަދި 2023 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްްޗަށް މަރުގެ ހުކުމް އިއްވައިފައެވެ.
މަރުގެ ހުކުމްތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭތީ، ހުކުމް ރައްދުވާ ފަރާތުން އިސްތިއުނާފު ނުކުރިޔަސް، ދައުލަތުން އެފަދަ މައްސަލަތައް އަމިއްލަ އިސްނެގުމަށް ވެސް މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރެއެވެ. އަދުހަމްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ވެސް ހައިކޯޓުގައި އިސްތިއުނާފުކުރީ ދައުލަތުގެ ފަރާތުންނެވެ. އެ މައްސަލައިގައި މިއަދު ހައިކޯޓުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.
އެގޮތުން، އަދުހަމް ތަހުގީގަށް ބަޔާން ދިނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށާއި ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ބުނެ އިއުތިރާފު އަނބުރާ ގެންދިޔަނަމަވެސް، ހައިކޯޓުގެ ހުކުމުގައިވަނީ އޭނާގެ އެ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އޭގެ އިތުރުން ކުށް ކުރީ މަސްތުގެ ހާލަތުގައި ކަމަށް އަދުހަމް ބުންޏަސް، މަސްތުވީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކަމަށްވާތީ ކުށަށް އޭނާ ޒިންމާ އުފުލަން ޖެހޭނެ ކަމަށް ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.
ގާސިމްގެ ކަރަށް ވަޅި ހެރިފައި ހުރި މިންވަރަށް ބަލާއިރު، އެއީ ގަސްތުގައި ކޮށްފައި ހުރި ކަމެއް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. އަދި އޭނާ ވަޅިއެއް ހޯދައި ކުށް ކުރުމަށް ތައްޔާރުވި ތައްޔާރުވުމުން ވެސް އޭނާގެ ނިޔަތް އޮތްކަން ހާމަވާ ކަމަށް ހުކުމުގައިވެއެވެ. އަދި ގާސިމަށް ހަމަލާދޭން ބޭނުންކުރި ވަޅިން އަދުހަމް އާއި ގާސިމްގެ ވެސް ޑީއެންއޭ ފެނިފައިވާއިރު، އެ ވަޅި ބޭނުންކޮށްގެން އޭނާ ގާސިމަށް ހަމަލާދިންކަން އެނގޭ ކަމަށް ވެސް ހުކުމުގައި ވެއެވެ.
ގާސިމްގެ ވާރިސުންގެ ގޮތުގައި ތިބި ފަސް ދަރިންގެ ކިބައިން އަދުހަމް މައާފަށް އެދުނަސް ދަށު ކޯޓުގައި ހުރިހާ ވާރިސުން ވެސް އެދިފައިވަނީ މަރަށް މަރު ހިފުމަށެވެ.
މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު ހުސައިން މަޒީދެވެ. ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން ހުކުމްކުރީ އެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

