ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގައި އަދަބު ދިނުމަށްވުރެ ފަރުވާއަށް އިސްކަންދޭންޖެހޭ: ރައީސް

ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގައި އަދަބު ދިނުމަށްވުރެ ފަރުވާއަށް އިސްކަންދޭންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތައްޔާރުކުރާ ”ދަ ޕަލްސް“ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި، ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަސްތުވާތަކެތީގެ ނުރައްކަލާ ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. ނަމަވެސް، މި ވަބާއިން ގައުމު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގެ އެންމެ މުހިންމު އަސާސަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށްދޭ ފަރުވާ ނުވަތަ ރިހެބިލިޓޭޝަން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ދިގުލައިގެން ގޮސްފައިވާ އަދި އިޖުތިމާއީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ދެމުންދާ އެއް މައްސަލަކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މިއީ ވަގުތީ ނުވަތަ މަތިއޮމާންކޮށްލާ ފިޔަވަޅުތަކަކުން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވަންނަން ދިމާވާ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މި މައްސަލައަށް ހަމައެކަނި ބޭރުފުށުން ހައްލެއް ނުހޯދޭނެ. މީގެ އަސްލު ސަބަބުތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދަންޖެހޭ.“

ސަރުކާރުގެ އެންމެ މުހިންމު އަމާޒަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޒުވާނުން އެކަމުން ސަލާމަތްކޮށް، މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަރުވާގެ ނިޒާމަކީ ހަމައެކަނި ކުރު މުއްދަތަކަށް ދެވޭ ފަރުވާއަކަށް ވުމުގެ ބަދަލުގައި، އެއީ ހުރިހާ ދާއިރާއަކުން ފުރިހަމަ ކުރެވިފައިވާ، ނަތީޖާ ނެރެވޭ އަދި ދާއިމީކޮށް އެކަމުން ސަލާމަތްވެވޭނެ ފަދަ ނިޒާމަކަށް ވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

”މަސްތުވާތަކެތީގެ ވިޔަފާރިން ނަފާ ހޯދާ މީހުންނަށް ގާނޫނީ އެންމެ ހަރުކަށި އަދަބު ދޭންޖެހޭނެއެވެ. ނަމަވެސް، އެ ވަބާގައި ޖެހިފައިވާ މީހުންނަށް އަލުން އަނބުރާ މުޖުތަމައަށް އައުމަށް ޓަކައި އިހުލާސްތެރި މަގުތަކެއް ތަނަވަސްކޮށްދޭންޖެހޭ.“

މީގެ އިތުރުން، މުޖުތަމައުގެ ތެރޭގައި ދެވޭ ފަރުވާގެ ނިޒާމު ފުޅާކުރުމުގެ މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށް މިހާރުވެސް ތިން ރަށެއް ކަނޑައަޅާފައިވާ ކަމަށެވެ. އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ގޮތުގައި، ފަރުވާ ދިނުމަކީ ހަމައެކަނި މަރުކަޒުތަކެއްގެ ތެރޭގައި ކުރަންޖެހޭ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އާއިލާތަކާއި، މުޖުތަމައު އަދި އެހީތެރިކަން ފޯރުކޮށްދޭ އެކި ފަރާތްތަކުގެ ބައިވެރިވުމާއެކު، އެމީހުން އަލުން މުޖުތަމައަށް ނުކުމެ ހަރުދަނާ ދިރިއުޅުމެއް ބިނާކުރުމަށް މަގުފަހިކޮށްދޭންޖެހެއެވެ.

ފަރުވާ ދިނުމަށް ބާރުއަޅުއްވަމުންވެސް، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކާ މެދު ސަރުކާރުން ގެންގުޅޭނީ ހަރުކަށި ސިޔާސަތެއްކަން ރައީސް ސާފުކޮށްދެއްވިއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒު ކަމަށާއި، އެއީ މި ވަގުތީ ވިޔަފާރީގެ ސަބަބުން އެތައް ކުށްތަކަކަށް މަގުފަހިވެ، މުޖުތަމައަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ސަބަބުން އުފެދޭ ކުށްތަކުގެ ނޭދެވޭ އަސަރު ވިޔަފާރިތަކަށާއި، ވަކިވަކި ފަރުދުންގެ އިތުރުން އާއިލާތަކަށާއި މުޖުތަމައުގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ބޮޑެތި ކުށްތަކުގައި ބައިވެރިވާ ފަރާތްތަކަށް ގާނޫނީ ހަރުކަށި އަދަބު ދޭންޖެހުނު ނަމަވެސް، އެކަމުގެ ސަބަބުން މަސްތުގެ ވަބާގައި ޖެހިފައިވާ މީހުންނަށް ދޭންޖެހޭ ފަރުވާއަށް ހުރަސްއެޅިގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމުގައި ބޭނުންވަނީ ހަމަހަމަ ސިޔާސަތެއް ކަމަށާއި، އެއީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުށްވެރި ނެޓްވޯކްތަކަށް އަމާޒުކުރާއިރު، ފަރުވާގެ ނިޒާމުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އެކަމުން ސަލާމަތްވެ، ގައުމަށް ފައިދާހުރި ބަޔަކަށް ވުމުގެ ފުރުސަތު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ފައިސާ ހޯދުމަށް ކުރާ ވައްކަމާއި އެހެނިހެން ކުށްތައް ހުއްޓުވުމަށް ޓަކައި ފުލުހުންގެ ހިދުމަތާއި ތަންފީޒީ އިދާރާތައް ވަރުގަދަކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ފުލުހުންގެ ހިދުމަތް ކުރިއެރުވުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރު އައުމުގެ ކުރިން އޮތް ހާލަތަށް ބައްލަވާލައްވަމުން، ގާނޫނު ތަންފީޒުކުރާ ބައެއް ފަރާތްތަކުގެ ތެރޭގައި ނޭދެވޭ އަމަލުތައް ހިންގާކަމުގެ ޝަކުވާތައް އޭރު އޮތްކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައި ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި އަނބުރާ މުޖުތަމައުގެ ތެރެއަށް ނުކުންނަކަމުގެ ތުހުމަތުތައް ހިމެނޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިހާރު އެފަދަ ވާހަކަތަކެއް ނީވޭ ކަމަށާއި، އެއީ ފުލުހުންގެ ހިދުމަތުގެ ފަންނީ ފެންވަރު މަތިކޮށް، އިދާރީ މިންގަނޑުތައް ހަރުދަނާކުރުމުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ ސަބަބުން ގޭންގު ކުށްތަކާއި މީހުން މެރުން ފަދަ ނުރައްކާތެރި ކުށްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. މިއީ ރިހެބިލިޓޭޝަނާއެކު ގާނޫނު ތަންފީޒުކުރުން ވަރުގަދަކުރުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، މަސްތުވާތަކެތީގެ ދެކޮޅަށް ކުރާ ހަނގުރާމައަކީ ހަމައެކަނި ސަރުކާރަށް ކާމިޔާބު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިއީ އާއިލާތަކާއި، މަދަރުސާތަކާއި، މުޖުތަމައުއާއި، މަދަނީ ޖަމިއްޔާތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައް ގުޅިގެން ކުރަންޖެހޭ ގައުމީ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފަރުވާއާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ގާނޫނު ތަންފީޒުކުރުން އެކުއެކީގައި ކުރިއަށް ގެންގޮސްގެން، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑަށް މަދުކުރެވޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: