ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ވަޒީފާއިން ވަކިކުރަމުންދަނީ ސަރުކާރަށް ފާޑުކިޔާ މީހުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
އެ ގަރާރަކީ، ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ސިޔާސީ ގޮތުން އެތައް ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަމަަށް ވިދާޅުވެ، އެކަމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތެއް ސާފުކުރުމަށް ޓަކައި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު މިއަދު ހުށަހެޅުއްވި ގަރާރެކެވެ.
އެ ގަރާރުގައި މައުރޫފް ވިދާޅުވެފައިވަނީ، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކުރިތާ އެތައް ދުވަހެއް ވެފައިވާއިރު ވެސް އެކަމަށް ޓަކައި ހާމަކަމާއި އިހްލާސްތެރިކަމާއި ހަމަހަމަކަމުގެ އުސޫލުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރަމުން ދަނީ، ސަރުކާރާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ޝުއޫރުފާޅުކުރާ ފަރާތްތަކާއި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ވުމަކީ އިއްތިފާގެއް ނޫން ކަމަށް އެ ގަރާރުގައިވެއެވެ.
އޭގެ އިތުރުން، މުވައްޒަފުން ވަކިކުރަމުންދަނީ ވަޒީފާއާ ބެހޭ ގާނުނުގައި ބުނާ ފަދަ އެކަށީގެންވާ ސަބަބަކާ ނުލައި ކަމަށާއި، އެ ކަންކަން ކުރަމުންދަނީ އެއްވެސް ހަމައެއް އުސޫލެއް ގާނޫނެއް އަދި ގަވައިދަކަށް ބެލުމެއް ނެތި އެ ކުންފުނިތަކުގެ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އިގްތިސާދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުން، މެދުފަންތީގެ އާމްދަނީ ލިބޭ ގިނަ އަދަދެއްގެ ގޭބިސީތަކަށް މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހޭން ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
މައުރޫފު އިތުރަށް ވިދާޅުވެފައިވަނީ، ސަރުކާރުން އެކަން ފާޅުގައި ކުރަމުންދާއިރު އަދި ރައްޔިތުން އެކަމުގެ ދައްޗާއި ބުރަ އުފުލަމުންދާއިރު ވެސް އެކަން ސަރުކާރުން ދޮގުކުރަމުންދާ ކަމަށެވެ. އަދި އެކަން ދޮގުކުރައްވައި ވާހަކަ ދައްކަވަމުން، ވަޒީފާއިން ވަކިކުރަމުން ދަނީ ވައްކަންކުރާ މީހުންނާއި ހަރުމުދަލަށް ގެއްލުންދޭ މީހުންން ކަމަށް ބުނެ އެތައް ރައްޔިތުންނެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ވެވަޑައިގެންނެވި ވައުދާ ރައީސް ޑރ. މުއިއްޒު ހިލާފުވެވަޑައިގެންފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.
އޭގެ އިތުރުން ހަރަދުކުޑަކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަކިކުރުމުގެ ނިންމުން ސަރުކާރުން ނާޖާއިޒު ގޮތުގައި ބޭނުންކުރަމުންދަނީ ސަރުކާރަށް ތާއީދުނުކުރާ މީހުންނަށް އަދަބުދިނުމުގެ ގޮތުން ކަމަށް އެ ގަރާރުގައިވެއެވެ.
މައުރޫފު ހުށަހެޅުއްވި ގަރާރުގައި ވަނީ ކޮންމެ ދިވެހި ރައްޔިތަކީ ވެސް ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަ ގޮތެއްގައި ލިބިގެންވާ ފަރާތެއް ކަމަށް ބުނާ ގާނޫނުއަސާސީގެ 20 ވަނަ މާއްދާއާއި ކޮންމެ ރައްޔިތަކަށް ވެސް އެ މީހަކު ބޭނުންވާ ވަޒީފާއެއް އަދާކުރުމުގެ ހައްގު ލިބިގެންވާކަމަށް ބަޔާންކުރާ 37 ވަނަ މާއްދާ ފާހަގަކުރައްވައިފައެވެ.
އޭގެ އިތުރުން، މުވައްޒަފުގެ މަސައްކަތުގެ ގާބިލުކަން ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްފަހު ވެސް އޭނާގެ މަސައްކަތުގެ އަގުލާގާއި، ޒިންމާ އަދާނުކުރާ ކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން ނޫނީ ވަޒީފާއިން ވަކިކޮށްގެން ނުވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަކަން ވެސް ފާހަގަކޮށްފައިވެއެވެ.

