ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުވައްޒަފުން ވަކިކުރުމުގައި ބަލަމުންދަނީ ސަރުކާރު ހިންގާ ޕީއެންސީގެ މަޖިލިސް މެމްބަރުން ތައްޔާރުކުރި ލިސްޓަކަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމު އުވާލުމަށްފަހު އެޗްޑީސީގެ ވަޒީފާއިން އެތައް ހާސް މުވައްޒަފުންނެއް ކަނޑަމުންދަނީ ވަޒީފާއާ ބެހޭ ގާނުނުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. 24 ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއީދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމަށް މަޖުބޫރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، އެ ވަޒީފާތަކުން މީހުން ވަކިކުރަމުން ދަނީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތައްޔާރުކުރި ލިސްޓަކަށް ބަލައިގެން ކަމަށާއި އެތައް އަހަރަކު ހިދުމަތްކޮށްފައި ތިބި ގާބިލު މުވައްޒަފުން ވަކިކޮށް ސިޔާސީ އެކްޓިވިސްޓުންނަށް މަގާމުތައް ދެމުންދާ ކަމަށެވެ.
ސިޔާސީ ގޮތުން ޓާގެޓުކޮށްގެން އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމަށާއި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުނުކުރާ މީހުން ވަޒީފާއިން ވަކިކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”ސިޔާސީ ގޮތުން ޓާގެޓުކޮށްގެން އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް. ކުންފުނިތައް ރައިޓްސައިޒްކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ މުއިއްޒުއަށް ތާއީދުނުކުރާ މީހުން ވަކިކުރުން.“ ފައްޔާޒު
ފައްޔާޒު ވިދާޅުވީ، އެކަމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަދި އަރައި ހަމަކުރާނެ ކަމަށެވެ.
ފައްޔާޒު މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން އެމްޑީޕީން ވަނީ ސިޔާސީ ސަބަބުތަކާ ހެދި ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުގައި އަޑުއުފުލަން މާލޭގައި ވަޒީފާ ބުރާސްފަތިގެ ނަމުގައި އިހުތިޖާޖެއް ވެސް ބާއްވައިފައެވެ. އޭގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ވަނީ ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރުމުގެ ނަމުގައި ވަޒީފާއިން ވަކިކުރަމުންދަނީ ސަރުކާރަށް ފާޑުކިޔާ މީހުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ. އެ ގަރާރުގެ ބަހުސް މި ހަފްތާގައި މަޖިލީހުގައި ކުރިއަށް ދިޔައެވެ.

