އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ނިންމާލައިފިއެވެ.
މި ތަމްރީނުތަކަކީ ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ބޭއްވުނު މުހިންމު ހަރަކާތެކެވެ.
މި ތަމްރީނު ޕްރޮގްރާމްގައި އައްޑޫ އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުންނާއި، ނޭޗަރ ޕާކުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރުން، މަޝްރޫއުގެ އަމަލީ މަސައްކަތްތަކާ ހަވާލުވެފައިވާ ކޮންޓްރެކްޓަރުންނާއި ކަމާގުޅޭ އެކި ދާއިރާތަކުގެ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މި ތަމްރީނުތަކުގެ މައިގަނޑު އަމާޒަކީ މަޝްރޫއު ކުރިއަށްދާއިރު ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މީގެ އިތުރުން، މަސައްކަތުގެ ތެރޭގައި ދިމާވާ މައްސަލަތަކާއި ޝަކުވާތައް ހުށަހަޅައި، އެކަންކަމަށް ހައްލު ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.
މި މަޝްރޫއަކީ ޔޫ.އެން.ޑީ.ޕީ ޖީ.އެފް.ސީ.އާރް އަދި އޮސްޓްރޭލިއަން އެއިޑްގެ ދީލަތީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި އެހީގެ ދަށުން ޕާކުތަކުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޕާކުތައް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
މި މަސައްކަތްތައް ނިމުމުން، އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ މާހައުލު މިހާރަށްވުރެ ބޮޑަށް ރައްކާތެރިކުރެވި، ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ހިދުމަތްތައް އިތުރަށް ފުރިހަމަވެ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެއެވެ.

