ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ދަނީ ވަލުދޮރާށިން 6.2 ބިލިއަން ރުފިޔާ ޗާޕުކުރަމުން: އަމީރު

ހަބަރަށްފަހު ޕްރޮގްރާމުގައި އަމީރު ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕް ނުކުރާނަމޭ ކިޔައި ވައުދުވުމަށްފަހު މި ސަރުކާރުން ވަލުދޮރާށިން 6.2 ބިލިއަން ރުފިޔާ ޗާޕުކުރަމުންދާ ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ތުހުމަތުކުރައްވައިފިއެވެ.

އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިހާތަނަށް އެމްއެމްއޭއިން ވަނީ ބޭންކް މެދުވެރިކޮށް ސަރުކާރަށް 3.8 ބިލިއަން ރުފިޔާ ދޫކޮށްފައި ކަމަށާއި އެމްއެމްއޭ މެދުވެރިކޮށް ވަލުދޮރާށިން، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާ މުޅިން ޚިލާފަށް، ޖުމްލަ 6.2 ބިލިއަން ރުފިޔާ ޗާޕްކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ޓީބިލް އެމްއެމްއޭއިން ގަނެ، ޕެންޝަނަށް ފައިސާ ދީ، އެ ފައިސާ ސަރުކާރުގެ ޓީ-ބިލް ގައި އިންވެސްޓްކުރުމުން އެމްއެމްއޭ އިސްވެ އޮވެ، އެމްއެމްއޭގެ މެންޑޭޓާއި ޚިލާފަށް އަދި ޕެންޝަން ފަންޑުގެ އިންވެސްޓުމަންޓް އޫސޫލަތައް މުގުރާލައި ސަރުކާރަށް ފައިސާ ޗާޕްކުރެވުނީ ކަމަށް އޭނާ ސިފަކުރެއްވިއެވެ.

”މި މުއާމަލަތާއެކު ފައިސާ ޗާޕް ނުކުރާނަމޭ ކިޔާ ވައުދުވެ އައި ސަރުކާރަށް، އެމްއެމްއޭ މެދުވެރިކޮށް ވަލުދޮރާށިން، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާ މުޅިން ޚިލާފަށް، ޖުމްލަ 6.2 ބިލިއަން ރުފިޔާ ޗާޕް ކުރެވިގެންދާނެ. މީގެ ތެރެއިން މިހާތަނަށް އެމްއެމްއޭއިން ވަނީ ބޭންކް މެދުވެރިކޮށް ސަރުކާރަށް 3.8 ބިލިއަން ދޫކޮށްފައި.“ އަމީރު

އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކުރަން ޖެހުނު ހާލަތު ކިޔައިދެއްވަމުން އޭނާ ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ދައުލަތުގެ އާމްދަނީ 30 ބިލިއަން ރުފިޔާ މަދުވެ، އުފެއްދުންތެރިކަމުން 97 އިންސައްތަ ގެއްލިގެންދިޔަ ކަމަށެވެ. ނަމަވެސް، މިހާރު އިގްތިސާދީ ނުވަތަ ސިއްހީ ކާރިސާއެއް ނެތްއިރު އަދި ބޯޑަރު ބަންދުނުކުރާއިރު، އެމްޑީޕީ ސަރުކާރުގައި ފަންނީ ލަފާއާ އެއްގޮތަށް، ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް ފެތޭ ހާލަތެއްގައި، ގާނޫނުގެ ހުދޫދުގެ ތެރެއިން އެއްވެސް ސިއްރުވެރިކަމެއް ނެތި މަނިޓައިޒްކުރި މިންވަރުގެ 78 ޕަސެންޓު މި ސަރުކާރުން އެފަދަ އެއްވެސް ހާލަތެއް ނެތި ޗާޕުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”ކޮވިޑް-19 ސަބަބުން ދައުލަތުގެ އާމްދަނީ 2020-2023 ގަ 30 ބިލިއަން ރުފިޔާ މަދުވެގެންދިޔަ. ގައުމުގެ އުފެއްދުންތެރިކަމުން 97 ބިލިއަން ރުފިޔާ ގެއްލިގެން ދިޔަ. ނަމަވެސް މިހާރު ސަރުކާރުގެ އާމްދަނީ 40 ބިލިއަނަށް އަރާނެ. އިގްތިސާދީ ކާރިސާއެއް ނެތް. ސިއްޚީ ކާރިސާއެއް ނެތް. ބޯޑަރު ބަންދުނުކުރޭ. އެކަމަކު މި ސަރުކާރުން ކޮވިޑްގެ އާލަމީ ވަބާއިން އަޅުގަނޑުމެންގެ އިގްތިސާދު އަދި ރައްޔިތުން ސަލާމަތްކުރުމަށް، އޭރު ފަންނީ ލަފާއާ އެއްގޮތަށް، ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް ފެތޭ ހާލަތެއްގައި، ގާނޫނުގެ ހުދޫދުގެ ތެރެއިން އެއްވެސް ސިއްރުވެރިކަމެއް ނެތި، މަނިޓައިޒްކުރި މިންވަރުގެ %78 މި ސަރުކާރުން މީގެ އެއްވެސް ހާލަތެއްނެތި މިކުރަނީ،“ އަމީރު

އަމީރުގެ ޕޯސްޓުގައި ހިއްސާކުރެއްވި އިތުރު މައުލޫމާތުގައި ވަނީ އިގްތިސާދުގެ ތެރޭގައި ދައުރުވާ ޖުމްލަ ދިވެހި ފައިސާ ނުވަތަ ބްރޯޑް މަނީ 32.5 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ބޭންކުތަކުގައި އެމްއެމްއޭގެ ޕްލޭސްމަންޓުތައް 3841 މިލިއަން ރުފިޔާއަށް އަރާފައި ކަމަށާއި ބޭންކުތަކުން އެ ފައިސާ އިންވެސްޓުކުރަނީ ސަރުކާރުގެ ޓްރެޒަރީ ސެކިއުރިޓީސްގައި އިންވެސްޓްކޮށް ސަރުކާރަށް ފައިސާ ދިނުމަށް ކަމަށް ވިދާޅުވެފައިވެއެވެ.

ކޮވިޑްއާއެކު ދިމާވި އިގްތިސާދީ ދަތިކަމުގެ ތެރޭގައި މިދިޔަ އެމްޑީޕީ ސަރުކާރުގައި ފައިސާ ޗާޕުކުރުމާ ގުޅިގެން އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާުޒުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ ވެސް ފައިސާ ޗާޕުކުރުން ހުއްޓާލައްވާނެ ކަމަށް ވައުދުވެވަޑައިގެންނެވެ. އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރު އައިސް ފައިސާ ޗާޕުކުރުން ހުއްޓާނުލި ނަމަ ޑޮލަރުގެ އަގު އުފުލި ރާއްޖެ ބަނގުރޫޓުވެގެން ދިޔައީހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: