ދުންފަތުގެ އިސްތިއުމާލުކުރުމުން މީހުން ސަލާމަތްކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ޚާއްސަ ގައުމީ އިނާމެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.
މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހުގެ މުނާސަބަތުގައެވެ.
ސަރުކާރުގެ މި ނިންމުމަކީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުން ކުރަމުންދާ މުހިންމު މަސައްކަތްތައް ބަލައިގަތުމަށް އެޅި ފިޔަވަޅެކެވެ. ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
ޒުވާނުން ދުންފަތުގެ އަޅުވެތިކަމުން ސަލާމަތްކުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ވޭޕް މަނާކުރުމާއި، ދުންފަތުގެ ބާވަތްތައް ލިބުން ދަތިކުރުމަށް ’ޖެނެރޭޝަނަލް ބޭން‘ އެއް ތައާރަފުކުރުން ފަދަ މުހިންމު ނިންމެވުންތައް ހިމެނެއެވެ.
މީގެ އިތުރުން، ސިނގިރޭޓުގެ ޑިއުޓީއަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެއީ މާ ނުރައްކާތެރި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އާންމުވުން ހުއްޓުވުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ވެސް ދުންފަތުން ދުރު، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކެކެވެ.

