ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި އުޅޭ ދިވެހި ޢާއިލާތަކަށް ”ކެއަރ ޕެކޭޖް“ ފޮނުވުމުގެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިފިއެވެ.
ހޯމަދުވަހުގެރޭ މިނިސްޓްރީ އޮފް ފޮރިން އެފެއާރޒުން ނެރުނު އިޢުލާނެއްގައި ބުނީ، ޔޫއޭއީގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް ބޭނުންވާ ޒަރޫރީ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެ ފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހި ޢާއިލާތަކަށް ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމުގެ އިންޒިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ.
މި ތަކެތި ފޮނުވުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، 17 އޭޕްރީލްވާ ހުކުރު ދުވަހު، މޯލްޑިވިއަނުން ޔޫއޭއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކާގޯ ފްލައިޓުގައިކަމަށާއި، ތަކެތި ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ޚާއްސަ ކައުންޓަރުތަކުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
މި ގޮތުން ކާގޯގެ ގޮތުގައި ކޮންމެ ޢާއިލާއަކަށް ފޮނުވޭނީ 15 ކިލޯގެ ތަކެތިކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޮނުވޭނެ ތަކެތީގެތެރޭގައި، މަސްދަޅުކޭހާއި، ނޫޑްލްސްކޭހާއި، މިފްކޯ ނުވަތަ އެންޒީ ލޭބަލްގައި ހުންނަ ރިހާކުރު ފުޅިއާއި، މަސްޕެކެޓާއި، ފަތްޕެކެޓާއި، ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެއްޗާއި، އޮރިޖިނަލް ޕެކިންގައި ލޭބަލްއާއެކު ހުންނަ ޗިލީ ޕޭސްޓް ހިމެނޭނެކަމަށެވެ. މީގެއިތުރުން، އޮރިޖިނަލް ޕެކިންގައި ހުންނަ ހަވާދު ޕެކެޓާއި، ތެލުލި ބަނބުކޭލާއި، ކުޅިކާޖާއާއި، އަލަ ފޮނުވޭނެކަމަށް ވެސް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.
މި ގޮތުން ތަކެތި ބަލައިގަންނާނީ، 16 އެޕްރީލްވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން މެންދުރުފަހު 15:00 އަށްކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނަށް ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް، އެ މިނިސްޓްރީގެ ވެބްސައިޓު /https://www.foreign.gov.mv/index.php/en މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
މީގެ އިތުރުން، ”ކެއަރ ޕެކޭޖް“ ފޮނުވުމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް އެ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3023996 އަށާއި، 3023943 މި ދެ ނަންބަރު މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

