ކުރީ ސަރުކާރުތަކުން ކަން ކޮށްފައިވާ ގޮތުގެ ވާހަކަ ދެއްކުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ގައުމާއި ހަވާލުވާން ޖެހޭނީ ކުރީ ސަރުކާތަކުން ކޮށްފައިވާ ކަންކަން ރަނގަޅު ކުރުވޭނެ ތަސައްވުރަކާއި ވިސްނުމެއް އޮވެގެންކަމަށް މާފަންނު އުތުރު ދާއިރާގެ ކުރީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒު މިހެން ވިދާޅުވީ، ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
”ސަރުކާރުގެ ކުރީ ކޮޅު ރަނގަޅު އެހެން ސަރުކާރުތަކުގެ ވާހަކަވެސް ދައްކަން. އެކަމަކު ސަރުކާރަކާއި ހަވާލުވަނީ މިކަންކަން ރަނގަޅު ކުރެވޭނެ ތަސައްވުރަކާއި ވިސްނުމެއް އޮވެގެންކަމަށް މީހުން ދެކެނީ،“ އިމްތިޔާޒު
އިމްތިޔާޒު ވިދާޅުވީ، މި ސަރުކާރުންވެސް ޤައުމުގެ އިގްތިސާދު ކޮޅަށް ޖަހާނެކަމަށާއި، ދަރަނި އަދާކުރާނެކަމަށާއި އަދި ޑޮލަރުގެ ރޭޓު އެއްވަރެއްގައި ހިފަހައްޓާނެކަމަށް ބުނާ ނަމަވެސް ފަސް އަހަރު ދުވަހުގެ ދައުރެއް ނިމެން ކައިރިވެފައިވާއިރު ޑޮލަރުގެ ރޭޓު ދަނީ ހިފެހެއްޓުމެއްނެތި މައްޗަށް އަރަމުން ކަމަށެވެ. އެކަމުން ވެސް ހާމަވެގެންދަނީ ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތްކަން ކަމުގައި އޭނާ ވިދާޅުވިއެވެ.
ޑޮލަރުގެ ރޭޓު މައްޗަށް އުފުލިގެން ގޮސްފައިވާއިރު އެކަމާއި ބެހޭގޮތުން ސަރުކާރުން އެއްވެސް ވަރަކަށް ވާހަކަ ދައްކަންވެސް ބޭނުންނުވާކަމަށް އޭނާ ވިދާޅުވިއެވެ. އިމްތިޔާޒު ވިދާޅުވީ، ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާއިރު އެދެވޭ ނަތީޖާއެއް ނުނެރެވި، ސަރުކާރުން ދަނީ ރައްޔިތުންގެ ފައިސާ އިސްރާފުކުރަމުން ކަމަށެވެ.
މީގެ އިތުރުން އިމްތިޔާޒު ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން އިޤްތިސާދީ ތަސައްވުރެއް ގެންގުޅުނު ކަމަށާއި އެހެން ނަމަވެސް މި ސަރުކާރުގެ އިގްތިސާދީ އެއްވެސް ތަސައްވުރެއް ފެންނަން ވެސް ނެތް ކަމަށެވެ. އޭގެ އިތުރުން މާލީ ގޮތުން ގައުމަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ޤާބިލު ކަމެއްވެސް މި ސަރުކާރުގެ ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރުން އެކި ނަންނަމުގައި ފައިސާ ޗާޕުކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
”ފައިސާ ވެސް އެކި ނަންނަމުގައި ޗާޕްކުރަމުންދަނީ، ޑޮލަރު މަތިވަމުންދަނީ މިހުރިހާ ގޮތަކުން މިގޮތް ވަމުންދާތީވެ މި ދަންނަވަނީ ފަސް އަހަރޭ ގެއްލި މިދަނީ، ވަރަށް ބޮޑު ވެސްޓަކާއި އެކުގައޭ، ރާއްޖޭގެ ރައްޔިތުންގެ އުމުރުން ފަސްއަހަރު ގެއްލި މިދިޔައީ ބޮޑު ވޭސްޓަކަށް،“ އިމްތިޔާޒު
އިމްތިޔާޒު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން ފަސްއަހަރުގެ މުއްދަތުގައި އެކަށީގެންވާ ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް މި ސަރުކާރުން ދައުރު ދެބައިވެގެން ދިޔައިރުވެސް ކުރެވުނު މާ ބޮޑު ކަމެއް ނެތް ކަމަށެވެ.

