މާލޭގައި އަމިއްލަ ގޮތުން ކުނި އުކާލުމުގެ ހިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިތައް ރެގިއުލޭޓްކޮށް، ހާއްސަ އުސޫލެއް އެކުލަވާލަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މި ނިންމުމަކީ މާލޭގެ މަގުމަތީގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ކުނި އުކާލުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެޅި ފިޔަވަޅެކެވެ.
އަލަށް އެކުލަވާލާ މި އުސޫލުގެ ދަށުން، މާލޭގައި ކުނި އުކާލުމުގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކަކުން ވެސް މާލެ ސިޓީ ކައުންސިލްގައި ރަޖިސްޓްރީވާން ޖެހޭނެ އެވެ. އަދި ކޮންމެ އަހަރަކު އެ ރަޖިސްޓްރީ އާކުރަން ޖެހޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން، ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު ޓްރެފިކަށް ބާރުބޮޑުނުވާނެ ފަދަ ގަޑިތަކެއް ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ. އަދި ކުނި އުފުލުމަށް ބޭނުންކުރާ އުޅަނދުތަކަކީ މަގުމައްޗަށް ކުނި ނޭޅޭނެހެން ބަންދުކޮށްފައި ހުންނަ، ސަލާމަތީ މިންގަނޑުތަކަށް ފެތޭ އުޅަނދުތަކަކަށް ވާންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.
ކައުންސިލުން ބުނި ގޮތުގައި، ކުނި އުކާލާ އުޅަނދުތަކުގައި އެ ހިދުމަތްދޭ ކުންފުނީގެ ނަމާއި ރަޖިސްޓްރީ ނަންބަރު ސާފުކޮށް ފެންނަން ހުންނަން ޖެހޭނެ އެވެ. މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ރަޖިސްޓްރީ ބާތިލުކުރުން ފަދަ ފިޔަވަޅުތައް ހިމެނެ އެވެ.
މިފަދަ އުސޫލެއް އެކުލަވާލަން ޖެހުނު މައިގަނޑު ސަބަބަކީ، އަމިއްލަ ފަރާތްތަކުން އުކާލާ ކުނި އިތުރުވަމުންދިއުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަން ފާހަގަކުރެވިފައިވާތީ ކަމަށް މާލެ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

