މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ކްރޫޒްލައިނާތަކުން އައި ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 8263 މީހުންނެވެ. ނަމަވެސް، މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ކްރޫޒްލައިނާތަކުން 15،577 މީހުން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 88.5 އިންސައްތައިގެ ކުރިއެރުމެކެވެ.
އޭގެ ކުރިން 2024 ވަނަ އަހަރުގެ މި މުއްދަތުގައި ކްރޫލްޒައިނާތަކުން ޒިޔާރަތްކުރީ 7010 ފަތުރުވެރިންނެވެ.
މި އަހަރު ކްރޫޒްލައިނާތަކުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ފެބްރުއަރީ އަދި މާޗު މަހުއެވެ. އެގޮތުން ފެބްރުއަރީ މަހު 5237 މީހުން ޒިޔާރަތްކޮށްފައިވާއިރު، މާޗު މަހު 4049 މީހުން ޒިޔާރަތްކޮށްފައިވެއެވެ.
މި އަހަރުގެ މިހާތަނަށް ވިޔަފާރީގެ ބޭނުމަށް އަންނަ މީހުންނާއި ކްރޫޒްލައިނާތަކުންނާއި ވައިގެ މަގުން އަންނަ ފަތުރުވެރިން ހިމެނޭގޮތަށް ރާއްޖެއަށް 1،288،648 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖެއަށް 1،347،972 މީހުން ޒިޔާރަތްކޮށްފައިވެއެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގޮތުން 17.9 އިންސައްތައިގެ ހިއްސާއަކާއެކު ޗައިނާ ލިސްޓުގެ ކުރީގައި އޮތްއިރު، ދެވަނައިގައި 14.7 އިންސައްތައާއެކު އޮތީ ރަޝިއާއެވެ. 7.9 އިންސައްތައާއެކު ތިންވަނައިގައި އޮތީ އިނގިރޭސިވިލާތެވެ.

