މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަގުތައް މަރާމާތުކުރުމުގެ މަޝްރޫޢުގެ ދަށުން، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި މާލޭގެ 18 ސަރަހައްދެއްގެ މަގު މަރާމާތުކޮށް ނިންމާލައިފިއެވެ.
މި މަސައްކަތްތަކަކީ މާލޭގެ މަގުތަކުގެ ހާލަތު ރަނގަޅުކޮށް، އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މަގުތައް މަރާމާތުކުރުމުގެ އިތުރުން، ފެންހިންދާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި 25 މަގެއްގެ 33 ކާނުމަތި ވަނީ އައުކޮށް ބަދަލުކޮށްފައެވެ. މިއީ ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
މާލޭގެ މަގުތަކަކީ އެންމެންނަށް ބޭނުންކުރަން ފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި 10 ސަރަހައްދެއްގައި ވަނީ ރޭންޕު ހަދާފައެވެ. މި ބަދަލާއެކު ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް މަގު ހުރަސްކުރުމާއި ދުވާރު ބޭނުންކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. އެގޮތުން 41 މަގެއްގައި ސްޕީޑް ބްރޭކަރުގެ ނިޝާންތައް ޖަހާފައިވާއިރު، ހިނގާފައި އުޅޭ މީހުންނަށް ރައްކާތެރިކަމާއެކު މަގު ހުރަސްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 52 މަގެއްގައި ޒިބްރާ ކްރޮސް ވަނީ އަލުން ކުރަހާފައެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި މަސައްކަތްތަކަކީ މަގު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކައުންސިލުން އެންމެ އިސްކަންދޭ ކަންކަން“ ކަމަށެވެ. މޭޔަރުގެ ވާހަކަފުޅުގައި މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ކައުންސިލުން ކުރާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މާލެ ސިޓީ ކައުންސިލުން އަމާޒު ހިފާފައިވަނީ މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށެވެ. މިގޮތުން ކުރިއަށް އޮތް ތަނުގައިވެސް މަރާމާތު ކުރަންޖެހޭ ސަރަހައްދުތައް ދެނެގަނެ، އެ މަސައްކަތްތައް ތަރުތީބުން ކުރިއަށް ގެންދާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

