ޑޮލަރުގެ އަގު އުފުލި، ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް އެމްޑީޕީއާ މަޝްވަރާކުރަން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުފައި މިވަނީ، ޑޮލަރުގެ އަގު އުފުލެމުންދަނީ ރާއްޖޭގެ ދެ ނޫހަކުން ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނިކޮށް، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ އަގު މައްޗަށް ދަނީ މީހުން ޑޮލަރުގެ ވާހަކަ ދައްކާތީ އެކަމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެ ހަގީގަތް އޮޅުވާލުމަކީ މި ވަގުތު ދިވެހި އިގްތިސާދަށް ދެވޭނެ އެންމެ ބޮޑު ދެރަ ކަމަށެވެ. އަދި ޑޮލަރުގެ އަގު މައްޗަށް ދަނީ ޑޮލަރު ނެތުމުން ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، އެމްއެމްއޭއާއި ފިނޭންސް މިނިސްޓްރީން ގަވައިދުން ޝާއިއުކުރަންޖެހޭ ރިޕޯޓުތައް އާންމުނުކޮށް ހަގީގަތް އޮޅުވާލަމުން ސަރުކާރަށް ގެންދެވޭނީ ވެސް ވަކި ވަރަކަށް ކަމަށާއި، ރާއްޖޭގައި ޑޮލަރު ހުރި މިންވަރާއި ޑޮލަރަށް އޮތް ޑިމާންޑް އެމްއެމްއޭއަށް އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރުފިޔާ ހުރި މިންވަރާއި ރުފިޔާ ފަހައި ޑޮލަރު ދުވާ މިންވަރު އެއީ އަސްލު އެކްސްޗޭންޖު ރޭޓު ކަމަށް ވެސް އެމްއެމްއޭއަށް އެނގޭނެ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ގޮވާލެއްވީ، ޑޮލަރުގެ އަގު 23 ރުފިޔާގެ މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް ސަރުކާރުން އެމްޑީޕީއާ މަޝްވަރާކުރުމަށެވެ. އަދި ސަރުކާރުން ކިބުރުވެރިކަން އިސްކޮށްފިނަމަ ގެއްލުންވާނީ ރާއްޖެއަށް އަދި ދިވެހީންނަށް ކަމަށް ވިދާޅުވިއެވެ.
”ޑޮލަރުގެ އަގު 23 ރުފިޔާގެ މައްޗަށް ގޮސް، ރާއްޖޭގައި ހައިޕާ އިންފްލޭޝަން އުފެދި، ތަކެތީގެ އަގު އިންތިހާއަށް އުފުލިގެން ނުދަނީސް، ސަރުކާރުން އެމްޑީޕީއާ ވާހަކަ ދެއްކުން ބޭނުންތެރި. ސަރުކާރުން ކިބުރުވެރިކަން އިސްކުރަނީނަމަ ގެއްލުން ލިބޭނީ ރާއްޖެއަށް. ދިވެހީންނަށް،“ ނަޝީދު
’އިގްތިސޯދުގެ ދެ ފަރާތް’ގެ ނަމުގައި އިކޮނޮމިކް މިނިސްޓްރީން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްކި ފޯރަމްގައި ވާހަކަ ދައްކަވަމުން ޑޮލަރުގެ އަގު މައްޗަށް ދިޔުމާ ގުޅޭގޮތުން އިކޮނޮމިކް މިިނިސްޓަރު ސައީދު ވިދާޅުވީ، ބައެއް ނޫސްތަކުން ޑޮލަރުގެ އަގު މައްޗަށް ދާ ކަމަށް ބުނެ ސުރުހީ ޖަހަނީ ރައްޔިތުންގެ މެދުގައި ނުބައި މަންޒަރެއް ދައްކައިގެން ”ޕެނިކް“ އުފައްދަން ކަމަށެވެ.
އޭގެ އިތުރުން، އެ ފޯރަމްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިމާދު ވިދާޅުވީ ސަރުކާރުގެ ނުރަނގަޅު މަންޒަރެއް ދެއްކުމުގެ ގޮތުން ޑޮލަރުގެ އަގު އުފުލޭ ގޮތަށް ހަބަރުތައް ގެނައުމަކީ މުޅި އިގްތިސޯދަށް އެކަމުގެ އަސަރުކުރާނެ ކަމެއް ކަމަށެވެ.
ރާއްޖޭގައި ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42 ރުފިޔާ ނަމަވެސް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން ދަނީ އެއަށް ވުރެ މަތީ އަގެއްގަވެ. އެގޮތުން މި ހަފްތާގެ ތެރޭގައި ފުރަތަމަ ފަހަރަށް ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 22 ރުފިޔާ އިން މައްޗަށް އުފުލިފައެވެ.

