ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ ތާށިކަމުގެ ވާހަކަ އިދިކޮޅުން ދައްކަނީ މުޒާހަރާއަށް މީހުން އެއްކުރަން: ސައީދު

އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ ރޭޓު ތިރިކުރަން 10 ދުވަހޭ 15 ދުވަހޭ ވިދާޅުވެ ސަރުކާރަށް ޑިމާންޑުތަކެއް ކުރާއިރު އެމްޑީޕީގެ ވެރިކަމުގައި ޑޮލަރުގެ ރޭޓަށް ވީގޮތް ބެލުން މާރަނގަޅު ކަމަށާއި މިހާރު ޑޮލަރުގެ ވާހަކަ ދައްކަނީ މުޒާހަރާއަށް މީހުން އެއްކުރަން ކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާ ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވެފައި މިވަނީ ޑޮލަރުގެ އަގު ތިރިކުރުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފައިވާ ދަނޑިވަޅެއްގައެވެ.

ސައީދު ވަނީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި އެމްއެމްއޭގެ ދޮރާށިން ފެށިގެން ގޮސް މަސްމާރުކޭޓާއި ހަމައަށް ޑޮލަރު ނުލިބިގެން ރައްޔިތުން ކިޔޫގައި ތިބިކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

”ޑޮލަރުގެ ރޭޓު ރަސްމީ ރޭޓަށް ތިރިކުރަން 10 ދުވަހޭ 15 ދުވަހޭ ވިދާޅުވެ ވަގުތު ދެއްވާއިރު ހިންގަވާ އެބޭފުޅުންގެ ވެރިކަމުގައި މިކަން ވީގޮތް ބައްލަވާލައްވަން. ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އަމިއްލަފުޅަށް އޭރުގައި ވިދާޅުވީ ކީކޭތޯ؟ އޭރުގެ އެމްއެމްއޭގެ ދޮރާށިން ފެށިގެން ގޮސް މަސްމާރުކޭޓާއި ހަމައަށް ޑޮލަރު ނުލިބިގެން ރައްޔިތުން ކިޔޫގައި ތިބި އިނގޭތޯ. ދެން ރައީސް ނަޝީދު ވިދާޅުވީ ތިމަންނާ މި ނިންމީއޭ ކޮންމެ ޑޮލަރެއްގެ ފަހަތުގައި ފުލުހެއް ބަހައްޓަން،“ ސައީދު

ރައީސް ނަޝީދު އަމިއްލަފުޅަށް މަޖީދިއްޔާ ސްކޫލަށް ވަޑައިގެން ޑޮލަރުގެ ރޭޓު ތިރިކުރާނެ ގޮތް ދަރިވަރުންނަށް ކިޔައިދެއްވިއިރުވެސް އާހިރުގައި ޑޮލަރުގެ ރޭޓު އެމަނިކުފާނުގެ ވެރިކަމުގައި ތިރި ނުކުރެވި ވެރިކަން ނިމިގެން ދިޔައިރު ޑޮލަރުގެ ރޭޓު ހުރީ 17 ގައި ކަމަށް ސައީދު ވިދާޅުވިއެވެ.

”ރައީސް ނަޝީދު އަމިއްލަފުޅަށް މަޖީދިއްޔާ ސްކޫލަށް ވަޑައިގެން ޑޮލަރުގެ ރޭޓު ތިރިކުރާނެ ގޮތް ކިޔައިދެއްވި އިރުވެސް އާހިރުގައި ކަންވީ ގޮތް ބަލާ“ ސައީދު

ސައީދު ވިދާޅުވެފަައި ވަނީ މިހާރު އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ކަމަކީ ޑޮލަރުގެ ތާށިކަމޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ. އަދި ވަޒީރު ސައީދު ވަނީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ މިފަދަ ދޮގު ވާހަކަތަކުގެ ހަޤީގަތް ހާމަކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށާއި އިދިކޮޅު ފަރާތްތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން މާރކެޓުގައި އިތުރު ނުތަނަވަސްކަމެއް އުފެދި ބްލެކް މާކެޓަށް އިތުރަށް ހިތްވަރުދީ އަދި ވިޔަފާރިވެރިންނަށާއި، އިގްތިސާދަށް ނުރައްކާވާ ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު އެމްޑީޕީން މިކަން މިގޮތަށް ކުރަމުންދަނީ މިރޭ އެޕާޓީން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް މީހުން އެއްކުރުމުގެ ނިޔަތުގައި ކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވާފައެވެ. އެހެންނަމަވެސް ރައްޔިތުންނަށް މިއަދު މިކަންކަމުގެ ހަޤީގަތް އިނގޭކަމަށް އޭނާ ވިދާޅުވިއެވެ.

”އިދިކޮޅުން މިކަން މިކުރަނީ މުޒާހަރާއަށް މީހުން އެއްކުރަން. އެހެންނަމަވެސް ރައްޔިތުންނަށް މިއަދު މިކަމުގެ ހަޤީގަތް ވަރަށް ރަނގަޅަށް އިނގޭ. އަދި އަޅުގަނޑުމެންގެ ޒިންމާއެއް މިކަން ހިނގަމުންދާގޮތް ރައްޔިތުންނަށް ކިޔާދިނުމަށް މަސައްކަތް ކުރުމަކީ“ ވަޒީރު ސައީދު

ސައީދު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި 2021 ވަނަ އަހަރު ބޭންކްގެ ކާޑުތަކުން ޑޮލަރު ނަގާފައިވާ މިންވަރަކީ މަހަކު 10 މިލިއަން އެމެރިކާގެ ޑޮލަރު ކަމަށާއި، މިހާރު މަހަކަށް އެ އަދަދު ގާތްގަނޑަކަށް 39 މިލިއަން ޑޮލަރަށް އަރާ ކަމަށެވެ.

އަދި އިމްޕޯޓް ކުރާ ފަރާތްތަކަށް ޓީޓީ ހަދައިދިނުމަށް ބީއެމްއެލް މެދުވެރިކޮށް، 2021 ގައި މަހަކަށް އެވްރޭޖްކޮށް ދީފައި ވަނީ އެންމެ 6.7 މިލިއަން ޑޮލަރު ކަމަށާއި، މިހާރު ގާތްގަނޑަކަށް ޓީޓީގެ ގޮތުގައި މަހަކު 27 މިލިއަން ޑޮލަރު ދޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. އަދި މިހާރު މި ސަރުކާރުން 30 އިން ސައްތައާއި 40 އިން ސައްތައިގެ އަދަދަކަށް އިމްޕޯޓު ކުރާ ފަރާތްތަކަށް ޓީޓީ ހަދައިދޭކަމަށާއި އެހެންނަމަވެސް އެމްޑީޕީގެ ވެރިކަމުގައި ޓީޓީ ހަދައިދީފައިވަނީ އެންމެ 5 ޕަސެންޓަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ދަރިވަރުންގެ ތައުލީމަށް 2021 ގައި މަހަކު 1.9 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިހާރު އެ އަދަދު ދެ ގުނަ ބޮޑުވެ، ކިޔަވާ ކުދިންނަށް ގާތްގަނޑަކަށް 4 މިލިއަން ޑޮލަރު ދޫކުރަމުންދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ. މިއީ އެމްއެމްއޭގެ ސަޕޯޓާއިއެކު ބޭންކުން ދޫކުރާ ޑޯލަރުގެ އަދަދުކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސް ފަރުވާގެ ކަންކަމަށް އަލިއަޅުއްވާލައްވާ ސައީދު ވިދާޅުވީ 2021 ވަނަ އަހަރު 100،059 (އެއްލައްކަ ފަންސާސް ނުވަހާސް) ޑޮލަރު ދޫކޮށްފައިވާއިރު، 2022 ވަނަ އަހަރުވެސް 3 ލައްކަ ޑޮލަރު ދޫކޮށްފައިނުވާކަމަށެވެ. އަދި 2023 ވަނަ އަހަރު ސިއްހީ ފަރުވާއަށް މަހަކު ދޫކުރަމުންއައީ އެންމެ 300،000 ޑޮލަރު ނަމަވެސް މިހާރު އެ އަދަދު ތިން މިލިއަން ޑޮލަރަށް އަރާފައިވާކަމަށެވެ.

އަދި ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދާ ފަރާތްތަކަށް 2021 ވަނަ އަހަރު ބޭންކުން ދޫކޮށްފައިވަނީ 1.5 މިލިއަން ޑޮލަރުކަމަށާއި މިހާރު މަހަކު 10ގާތްގަނޑަކަށް މިލިއަން ޑޮލަރު ދޫކުރާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން އީކޮމާސްގެ ދާއިރާއަށް ބަލާއިރު، އެމްޑީޕީގެ ސަރުކާރާއި މިހާރާ ބަލާއިރު އެތައް ގުނައެއް އިތުރުވެގެން ގޮސްފައިވާކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

”ދަންނަވަން މިއުޅޭ ވާހަކައަކީ އެމްޑީޕީ ސަރުކާރުގައި އޭރުގައި އޮތް ހާލަތެއް ނޫން މިހާރު މިއޮތީކީ. މިހާރު ޑޮލަރު ދޫކުރާ ވިޔަފާރިވެރިންނަށް، ރާއްޖޭއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް، މެޑިކަލްއަށް ބޭރަށް ދާ ފަރާތްތަކަށް ޑޮލަރު ބޭންކު މެދުވެރިކޮށްދޭ އަދަދު މިހިރީ އެމްއެމްއޭއިންވެސް އަދި ބެންކް އޮފް މޯލްޑިވްސްއިންވެސް ދުވަހަކުވެސް މީގެ ކުރިން ޑޮލަރު ދޫނުކުރާ އަދަދަށް ޑޫކުރަނީމި“ ސައީދު

ސައީދު ވިދާޅުވީ، ބްލެކް މާކެޓުގައި މިކަން ކުރަނީ، ބޭންކްއިން ސިސްޓަމް ތެރެއަށް ޑޮލަރު ނުވައްދައި، ބްލެކް މާކެޓުގައި ޑޮލަރު ލިބޭ ފަރާތްތަކުން ވިއްކާތީ ކަމަށެވެ. އަދި އެކަމަށް ހިތްވަރުދެނީ ނިއުސް ޕޭޕަރުތަކުގެ ހެޑްލައިނާއި، އަދި ވަކިން ހާއްސަކޮށް ރާއްޖޭގައި ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: