އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް އިތުބާރު އޮތްކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސައީދު މިނިސްޓަރުކަމުން ވަކިކުރުމަށް އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މަޖިލީހަށް ވެއްދީ މިދިޔަ އޮގަސްޓު އެއްވަނަ ދުވަހުއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ސައީދަށް ޖަވާބުދާރީވުމަށް ފުރުސަތުދީ، ވޯޓަށް އަހާފައިވެއެވެ.
މަޖިލީހުގައި ނެގި ވޯޓުގައި ސައީދަށް އިތުބާރު އޮތް ކަމަށް ފާސްވީ ޕީއެންސީގެ 54 މެންބަރުންގެ ވޯޓުންނެވެ.
ޕީއެންސީގެ 74 މެމްބަރަކު މަޖިލީހުގައި ތިއްބަވާނަމަވެސް، ބައެއް މެމްބަރުން މިއަދުގެ ޖަލްސާއަށް ވަޑައިގެންފައިނުވެއެވެ. ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ޕީއެންސީގެ މެމްބަރުންގެ ތެރެއިން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އަދި ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
އޭގެ އިތުރުން، މިނިވަން މެންބަރު މީދޫ ދާއިރާގެ ދާއިރާ މެންބަރު އަބްދުއްރަހްމާން ޖަލްސާއަށް ވަޑައިގެންނެވިނަމަވެސް، ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވައެވެ.
ސައީދުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 13 މެމްބަރުންގެ ސޮޔާއެކު ހުށަހެޅިނަމަވެސް، ބައެއް މެމްބަރުން ހާޒިރުވެވަޑައިގެންފައިނުވާތީ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 10 މެމްބަރުންނެވެ. ޖަލްސާއަށް ވަޑައިނުގަންނަވާ އެމްޑީޕީގެ މެމްބަރުންނަކީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަދި ހިތަދޫ އިތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ސައީދު ވަނީ އޭނާއަށް އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ފާހަގަކުރި ކަންކަމަށް ވަކިވަކިން ޖަވާބު ދެއްވައިފައެވެ.

