ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓުގެ ގާޒީކަމަށް 2، އަދި ކްރިމިނަލް ކޯޓުގެ ގާޒީކަމަށް 3 ބޭފުޅަކު އައްޔަންކޮށްފި

މިއަދު ބޭއްވި ގާޒީން ހުވާލުކުރުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސިވިލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރަން ނިންމި ދެ ބޭފުޅުންނާއި ކްރިމިނަލް ކޯޓުގެ ގާޒީކަމަށް އައްޔަންކުރަން ނިންމި ތިން ބޭފުޅުން މިއަދު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އެ ފަސް ބޭފުޅުން މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ސުޕްރީމް ކޯޓުގައެވެ. އެ ބޭފުޅުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު ފާތިމަތު ފަރުހީޒާއެވެ.

ޖޭއެސްސީން ހާމަކުރި ގޮތުގައި، ސިވިލް ކޯޓުގެ ގާޒީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ގާޒީކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ގއ. ކަނޑުހުޅުދޫ ރީލްމަންޒިލް، މުޙައްމަދު ނިޝާޠު އަދި ރ. ހުޅުދުއްފާރު ރޯޒްވިލާ، އާސިޔާ އަޡީމާ، ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ވަނީ ނިންމާފައިވަނީ 08 އޮގަސްޓް 2026 ވީ ހޮނިހިރު ދުވަހު ބޭއްވި އެ ކޮމިޝަނުގެ ޖަލްސާގައެވެ.

އަލްއުސްތާޛު މުޙައްމަދު ނިޝާޠު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ލޯސް (އޮނަރސް) އަދި މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. 30 އޮކްޓޫބަރު 2025 ވަނަ ދުވަހުން ފެށިގެން ގއ. ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާ ނިޝާޠަކީ ޝަރުޢީ ދާއިރާ އާއި ގުޅުންހުރި މަޤާމުތަކުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެޓަރނީ ޖެނެރަލް އޮފީހުގައި ޑެޕިއުޓީ ސްޓޭޓް އެޓަރނީގެ މަޤާމާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުގައި އިންވެސްޓިގޭޝަން އޮފިސަރ، ލީގަލް އޮފިސަރ އަދި ސީނިއަރ ލީގަލް އޮފިސަރ މަޤާމާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ ޖެނެރަލް ކައުންސެލް އަދި ސެކްރަޓަރީ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވެއެވެ.

އާސިޔާ އަޡީމާ ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އޮނަރސް އަދި ޔުނިވަރސިޓީ އޮފް ބަރމިންގހަމްއިން މާސްޓަރ އޮފް ލޯ ހާސިލްކުރައްވާފައެވެ. އާސިޔާ އަޡީމާ އަކީ ރައްޔިތުންގެ މަޖިލީހުގެ ލީގަލް އޮފިސަރުގެ މަޤާމާއި ލީގަލް އެފެއަރޒްގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމު 27 އޮގަސްޓް 2014 އިން ފެށިގެން 28 ފެބްރުވަރީ 2021 އަށް ފުރުއްވާފައިވާ ބޭފުޅެކެވެ.

ސިވިލް ކޯޓުގެ ގާޒީ ކަމަށް ތިން ބޭފުޅަކު ހޯދަން އިއުލާނުކުރިއިރު، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ކ. ޖުޑިޝަލް ދާއިރާގެ ކުރީގެ އިސްމެޖިސްޓްރޭޓު މުހައްމަދު ރާގިބް އައްޔަންކުރަން ވެސް ކޮމިޝަނަށް ލަފާ އަރުވިއެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތު މީގެ ކުރިން ވެސް ކުރެވުނު ރާގިބު އައްޔަންނުކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.

ކްރިމިނަލް ކޯޓަށް ގާޒީން ހޯދުމަށް 6 ޖުލައި 2026ގައި ކުރި އިއުލާނުގެ ދަށުން ކްރިމިނަލް ކޯޓުގެ ގާޒީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ގާޒީކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ޅ. ކުރެންދޫ ނޫރާނީމާގެ، ސުލައިމާން މުޙައްމަދު އާއި ހއ. ދިއްދޫ ޑޭޒީމާގެ، އަޙްމަދު ތައުފީޤު އަދި ތ. ވޭމަންޑޫ ޑްރީމް، މުޙައްމަދު ޢަބްދުﷲ 08 އައްޔަންކުރަން ނިންމީ 8 އޮގަސްޓް 2026ގައި ބޭއްވި ޖޭއެސްސީގެ ޖަލްސާގައެވެ.

ސުލައިމާން މުޙައްމަދު ވަނީ ކޮލެޖް އޮފް އިސްލާމިކް ސްޓަރޑީސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލް ކުރައްވާފައެވެ. 8 ސެޕްޓެމްބަރު 2017 އިން 03 ސެޕްޓެމްބަރު 2022 އަށް ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު އަދި 4 ސެޕްޓެމްބަރު 2022 އިން ފެށިގެން ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގެ މަޤާމު ފުރުއްވަމުން ގެންދެވި ސުލައިމާން މުޙައްމަދު ވަނީ ޝަރުޢީ ދާއިރާ ގައި 12 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައެވެ.

އަޙްމަދު ތައުފީޤު ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންއިން ބެޗްލަރ އޮފް ލޯސް އަދި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 18 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ އަޙްމަދު ތައުފީޤު ވަނީ އެޓަރނީ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ސްޓޭޓް އެޓަރނީގެ މަޤާމާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމް އަދި ސީނިއަރ ޕަބްލިކް ޕްރޮސެކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ ވަނީ އިންޑިއާގެ ކަރުނާޓަކާ ސްޓޭޓް ލޯ ޔުނިވަރސިޓީން ބެޗްލަރ އޮފް އާރޓްސް އެންޑް ބެޗްލަރ އޮފް އެލް.އެލް.ބީ އޮނަރސް ހާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 08 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ މުޙައްމަދު ޢަބްދުﷲ ވަނީ ސެޕްޓެންބަރު 2017 އިން ފެށިގެން ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގައި ސީނިއަރ ޕަބްލިކް ޕްރޮސިކިއުޓަރގެ މަޤާމު ފުރުއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: