އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުއްލި އެހީގެ ގޮތުގައި 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމަށް ނިންމައިފިއެވެ.
މި ލޯނު އެހީގެ މައިގަނޑު ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓްކުރުމަށާއި، އަސާސީ ޚިދުމަތްތައް ކަމަށްވާ ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހިންގަންޖެހޭ މުހިންމު މަސައްކަތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އޭޑީބީން ދޭ މި ކުއްލި މާލީ އެހީގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

