ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފެނަކަ މުވައްޒަފުން ވަކިކުރީ ޕީއެންސީގެ އައްޑޫގެ މެމްބަރުން ބުނެގެން: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ބްރާންޗުގައި މަސައްކަތްކުރާ 90 އެއްހާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އައްޑޫއަށް ނިސްބަތްވާ ޕީއެންސީ މެމްބަރުންގެ މަޝްވަރާގެ މަތިން ކަމަށް އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ، ފެނަކައިގެ އިސްވެރިންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި މުވައްޒަފުން ވަކިކުރުމުގެ ފަހަތުގައި ތިއްބެވީ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އާއި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާންގެ އިތުރުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު ކަމަށެވެ.

ނިޒާރު ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން އިސްވެ ތިއްބަވައިގެން ރައްޔިތުންނަށް މިފަދަ އަނިޔާއެއް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫގެ މުވައްޒަފުން ވަކިކުރީ އެމީހުން ކުރާނެ މަސައްކަތެއް ނެތިގެންނެއް ނޫނެވެ. އަދި ފެނަކައިގައި މުވައްޒަފުން އިތުރުވެގެން އުޅޭނަމަ، އެންމެ ގިނައީ މާލޭގެ ހެޑް އޮފީހުގައި އެއްވެސް މަސައްކަތެއް ނެތި ކޮފީ ބޯން ތިބޭ މުވައްޒަފުންކަމަށް ވިދާޅުވިއެވެ.

މި ނިންމުމަކީ އައްޑޫގެ ރައްޔިތުންނާ މެދު ބަހައްޓާ ތަފާތުކުރުމެއްގެ ގޮތުގައި ސިފަކުރައްވައި ނިޒާރު ވިދާޅުވީ، މިއީ އައްޑޫގައި ތިބި ޕީއެންސީގެ ލީޑަޝިޕްގެ ނުކުޅެދުންތެރިކަން ހާމަވާ ކަމެއް ކަމަށެވެ.

މި މައްސަލަ ހޫނުވެފައި ވަނީ، ފެނަކައިގެ އައު އޮނިގަނޑެއް އެކުލަވާލައި މުވައްޒަފުންގެ އަދަދު ރޭޝަނަލައިޒް ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެ ކުންފުންޏަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ. މަޖިލީހުން މިގޮތަށް އެންގީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު (2021-2023) އައްޑޫ ފެނަކައާ ގުޅޭގޮތުން ނެރުނު އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަކާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: