ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ހެޔޮގޮތުގައި ތަރައްގީ ގެނެވޭނީ ީ ޤައުމުގެ އަފްރާދުންގެ ފިކުރު ރަނގަޅު ގޮތުގައި ހާސިލް ކުރެވިގެން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމަށް ހެޔޮގޮތުގައި ތަރައްޤީ ގެނެވޭނީ ޤައުމުގެ އަފްރާދުންގެ ވިސްނުމާއި ފިކުރު ރަނގަޅު ގޮތުގައި ހާސިލް ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤައުމީ ބަޠަލުގެ ކާމިޔާބު ޙަޔާތްޕުޅުންނާއި އިސްލާމްދީނުގެ އަސާސްތަކުން ފެންނަ އިންސާނީ މާނަވީ ބިނާކުރުމުގެ އެންމެ ހަރުދަނާ ބިންގަލަކީ އަޚްލާޤު ކަމަށެވެ. އަދި އިންސާނުންގެ އެންމެ މަތިވެރި ޒީނަތްތެރިކަމަކީ އަދި އައްޑަނައަކީ މަކާރިމުލްއަޚްލާޤު ކަމަށާއި، ޤައުމެއްގެ ނިސްބަތުގައި އަޚްލާޤުގެ މާނަ ވަރަށް ތަނަވަސްވެގެންވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އާއިލީ ނިސްބަތުގައި އަޚްލާޤަކީ އެކަކު އަނެކަކަށް އޮންނަ އިޙްތިރާމާއި ލޯބި ކަމަށާއި، މުޖުތަމަޢުގެ ނިސްބަތުގައި އެއީ އިޖުތިމާޢީ އަގުތަކަށާއި މިންގަނޑުތަކަށް ކަމޭހިތުން ކަމަށް ވިދާޅުވިއެވެ. އަދި ޤައުމީ ފެންވަރުގައި އެއީ އުސޫލުތައް ދެމެހެއްޓުމާއި، އިދާރީ އަދި ޤައުމީ ޒިންމާތައް ފުރިހަމައަށް އަދާކުރުން ކަމަށް ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، އިސްލާމީ ފަލްސަފާވެރިޔާ އިބްނު ޚަލްދޫންގެ ބަސްފުޅަކަށް އަލިއަޅުއްވާލައްވަމުން، އަޚްލާޤު ރޫޅި އަގުތައް ފަސާދަވެއްޖެނަމަ ތަހުޒީބަށް އުނިކަން އައިސް ދައުލަތްތައް ނެތިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ މުހިންމުކަން ދައްކުވައިދޭ އާދައިގެ މިސާލުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ”ޓެކްސީ ދަތުރެއް ނިންމާފައި، ފައިބަމުން އެ ކާރު ދުއްވާ މީހާއަށް ޝުކުރިއްޔާއޭ ބުނެލެވޭނަމަ، އޭނާ ކިހާބޮޑު ހިތްހަމަޖެހުމެއް އިޙްސާސްކުރާނެތޯ؟ ލިފްޓަކަށް އަރާއިރު، ފަހަތުން އަންނަ މީހާއަށްޓަކައި، މަޑުކޮށްލެވޭނަމަ، އޭނާއަށް އެއީ ކިހާބޮޑު އުފަލަކަށްވާނެތޯ؟“ މިފަދައިން އެމަނިކުފާނު ސުވާލު އުފެއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދުގެ ދިވެހި މުޖުތަމަޢުގައި ތަހުޒީބު ސިފަތަކާއި އަޚްލާޤީ އަގުތައް އާލާކުރުމަކީ ޤައުމީ ދުވަހު އަޒުމް ކަނޑައަޅަންވީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި ޒަމާނީ ޙައްޤުތަކާއި ލުއިފަސޭހަތައް ބޭނުންކުރުމާއެކު، މަސައްކަތުގެ މައިދާނުގައި އަމާނާތްތެރިވުމަށާއި، ފަރުވާތެރިކަމާއި ތެދުވެރިކަމާއެކު ޒިންމާދާރުވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: