ދިވެހި ރުފިޔާގެ އަގު ހިފަހައްޓަން ތާއީދު ކުރަން ޖެހުނު ކޮންމެ ބިލަކަށް އެމްޑީޕީން ތާއީދު ކުރާނެ ކަމަށާއި، ހަމައެއާއެކު ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާ މައްސަލަ ހައްލު ކުރުމަށް ސަރުކާރުގެ ފަރާތުން ސީރިއަސް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް އެމްޑީޕީން އެދޭ ކަމަށެވެ. އެކަމަށްޓަކައި ހެޔޮ ނިޔަތުގައި މަސައްކަތް ކުރުމަށް ސަރުކާރާއެކު އެއްބާރުލުން ދޭން އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށާއި، އެމްޑީޕީން ކަމެއް ނުކޮށްދީގެން ދިވެހި ރުފިޔާގެ އަގު ވެއްޓިގެން ނުދާނެ ކަމަށް ޑރ ޝަމްހީދު ވިދާޅުވިއެވެ.
”އެމްޑީޕީން އެދެނީ ޤައުމަށް ދިމާވެފައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދިނުމަށް، އެކަމަށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ސަރުކާރާއެކު ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ތައްޔާރަށް، އެމްޑީޕީން ކަމެއްނުކޮށްދީގެން ދިވެހި ރުފިޔާގެ އަގު ވެއްޓިގެނެއް ނުދާނެ، ދިވެހި ރުފިޔާގެ އަދަދު ޑީވެލިއުވަމުންދާއިރު، އެކަން ހައްލު ކުރުމަށްޓަކައި ތާއީދު ކުރަންޖެހޭ ބިލަކަށް އެމްޑީޕީން ތާއިދުވެސް ކުރުމަށް ތިބީ ތައްޔާރަށް، ނަމަވެސް ސަރުކާރުގެ ސީރިއަސް ޕްލޭނަކީ ކޮބައިކަން ރައްޔިތުންނަށްވެސް އެނގެން ޖެހޭ.“
މީގެ އިތުރުން، ޑޮލަރުގެ ދަތިކަން ފަދަ މައްސަލަތަކުގެ ސަބަބުން ގެސްޓްހައުސް ސިނާއަތަށްވެސް ނުހަނު ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާކަން ޑރ. ޝަމްހީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން ކަމާ ގުޅުންހުރި ބިލުތަކުގެ މަސައްކަތް މަޖިލިސް މެދުވެރިކޮށް ކުރިއަށްގެންދާއިރު، އެ ސިނާއަތުގެ ވިޔަފާރިތަކާ ބައްދަލުކޮށް، އެ ފަރާތްތަކުގެ މަޝްވަރާއާއި ބަސް ހޯދުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި ރުފިޔާގެ އަގު ވެއްޓުމާއި ޑޮލަރު ލިބުމުގެ ދަތިކަމަކީ މިހާރު ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި މަޖިލިސް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ގިނަ ފަރާތްތަކަކުން ދަނީ އެދެމުންނެވެ.

