ކަނޑުގަދަވެގެން އަޑިއަށް ދިޔަ ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަން ކުރިއަށްދާ ސަރަހައްދުގައި، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ވަރަށް ތިރިން އުދުހެމުންދާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އޭވިއޭޓާޒް މޯލްޑިވްސްއިން ބުނި ގޮތުގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނީ އެމެރިކާގެ ނޭވީގެ ”ބޮއިންގް ޕީ-8އޭ ޕޮސައިޑަން“ މަރުކާގެ މެރިޓައިމް ޕެޓްރޯލް އެއާކްރާފްޓެކެވެ.
މި ބޯޓު ދަތުރުކުރަމުން ދަނީ ގާތްގަނޑަކަށް 1،500 ފޫޓު ތިރިން، ”ފްރެންޑް 4“ ދޯނި ބަންޑުން ޖަހައިލުމާ ގުޅިގެން މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ސީދާ އެ ސަރަހައްދުގެ މަތިންނެވެ.
އޮގަސްޓް ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރުން ”ފްރެންޑް 4“ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔައެވެ. އެމްއެންޑީއެފްއިން ބުނީ ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު 3 މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ދަނީ ކުރަމުން ކަމަށެވެ. އެ ހާދިސާ ހިނގިތާ 8 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ނުފެނިފައިވާ 3 މީހުން ހޯދުމަށް ޓަކައި 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ގެއްލޭ އުޅަނދުފަހަރާއި މީހުން ވައިގެ މަގުން ހޯދުމުގެ ޤާބިލުކަން އެމްއެންޑީއެފަށް ލިބިފައިވާތީ، އެ ހާދިސާ ހިނގި ވަގުތުން ފެށިގެން ”އަންމޭންޑް އޭރިއަލް ވެހިކަލް“ ބޭނުންކޮށްގެން ގެއްލިފައިވާ މީހުން ހޯދުމަށް ޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ. އެ ޔޫއޭވީއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލުކަން ހުރި ޔޫއޭވީ ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީ ބޭނުންކޮށްގެން ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެނޫންވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ވަނީ ޔޫއޭވީގެ ސެންސަރތައް ބޭނުންކޮށްގެން ދެނެގަނެވިފައެވެ.
އޭގެ އިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު ”ކޯސްޓްގާޑް ޝިޕް އިމާދުއްދީން“ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި އެ ސަރަޙައްދު ބަލާފައެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބަލާފައެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި މިހާތަނަށް ކުރެވުނު މަސައްކަތުން އެ ދޯނި އަޑިޔަށް ދިޔަ ސަރަހައްދާއި، އޮޔާއި ވަޔަށް ބަލައިގެން މީހުން އޮޔާދާނެ ކަމަށް ބެލެވޭ މިސްރާބަށް ބަލައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދުގެ ވަރަށް ބޮޑު ބައެއް ވަނީ ބެލިފައެވެ. އަދި މިއަދު މަސައްކަތުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބެލޭނެއެވެ.

