ރާއްޖެއަށް ބޭނުންވާ ތެޔޮ ގަންނަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން 50 މިލިއަން ޑޮލަރު ނުވަތަ 772.5 މިލިއަން ރުފިޔާ ދޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. ރާއްޖެއަށް ތެޔޮ އެތެރެކުރާ އެސްޓީއޯގެ ފަރާތުން ޕްރޮޖެކްޓު އެގްރީމަންޓުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ.
މި އެއްބަސްވުންތަކުގައި އޭޑީބީން ސޮއިކުރެއްވީ، އެ ބެންކުގެ ހެޑް އޮފް ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓް، ޑރ. ތިއަމް ހީ އަންގްއެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވަނީ މި އެއްބަސްވުމުގައި މަގުސަދަކީ، މެދުއިރުމަތީގެ މަޝްރަހަށް އަންނަ ބަދަލާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލޭތީ، ރާއްޖޭން ތެލަށް ކުރަން ޖެހޭ ޚަރަދަށް ލުޔެއް ހޯދުން ކަމަށެވެ.
”އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް“ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން އޭޑީބީން ވަނީ، ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައެވެ.
އޭޑީބީން ބުނެފައިވަނީ މި ފަހަރު މި ދިން ލޯނުގެ ފައިސާ ބޭނުންކުރާނީ ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެކުރުމަށާއި، ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ގަތުމަށް ކަމަށެވެ. މީގެއިތުރަށް އަތޮޅުތެރޭގެ ދަތުރުފަތުރުގެ ނިޒާމަށާއި ކުނި މެނޭޖުކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ތެޔޮ ހޯދުމަށް ވެސް މި ފައިސާ ބޭނުންކުރާނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.
ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 ޕަސެންޓަކީ ޑީސަލް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

