ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބިލުތައް ދަންވަރު ހުށަހަަޅައި ފާސްކޮށްގެން ލިބޭނެ ފައިދާއެއް ނެތް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ޓެކްސް ބިލުތަކަކީ ދަންވަރުގެ ވަގުތުތަކުގައި އަވަސްއަރުވާލައިގެން މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް ނިންމާލަންޖެހޭ އެއްޗެއް ނޫންކަމަށާއި، އިގްތިސާދީ ނިންމުންތައް ނިންމަންވާނީ ފުޅާ ދާއިރާއެއްގައި އިލްމީ ދިރާސާކޮށްގެންކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ކަނޑާ ވިތްހޯލްޑިން ޓެކްސްގެ ރޭޓު ދެގުނައަށް ބޮޑުކުރުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ 5 އިންސައްތައިގެ ބަދަލުގައި، ދެން އެފަދަ ފަރާތްތަކަށް ދައްކާ ފައިސާގެ 10 އިންސައްތަ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ކަނޑައި، ދައުލަތަށް ދައްކަންޖެހޭ ގޮތަށެވެ.

ބިލުގެ ބަހުސްގައި ޒިޔާދު ވިދާޅުވީ، ވިތުހޯލްޑިންގ ޓެކްސްއަކީ ރާއްޖޭގައި ހިދުމަތްދޭ ބޭރުގެ ކުންފުނިތަކުން ނަގާ ޓެކްސެއް ކަމަށާއި، މި ޓެކްސް ބޮޑުކުރުމުން ކުދި ވިޔަފާރިތަކަށާއި ގެސްޓްހައުސްތަކަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށެވެ. އަދި ޓެކްސްގެ ނިޒާމުގެ ތެރެއިން ސަލާމަތްވުމަށްޓަކައި ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި ރީ- ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އޮންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި މި ބިލުތަކަކީ ދިވެހި ކުންފުނިތަކަށް ވާދަކުރުމުގެ ފުރުސަތު އިތުރުކޮށްދޭ ބިލުތަކެއް ނޫނެވެ. ޔޫތު ސެންޓަރުތައް އެޅުމާއި ހައުސިންގ ފަދަ މަޝްރޫއުތައް އަދިވެސް ދެމުންދަނީ ބޭރުގެ ފަރާތްތަކަށްކަމަށާއި، ރާއްޖޭގެ ގިނަ ކުންފުނިތަކަށް ފައިސާ ނުލިބި ބަނގުރޫޓުވަމުންދާކަމަށް ޒިޔާދު ވިދާޅުވި އެވެ.

މީގެއިތުރުން ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުންނާއި ނ. އަތޮޅުގައި ހަދާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ފަދަ ޓެކްސް ފްރީ ޒޯންތަކުން ދައުލަތަށް ނުވަތަ ރައްޔިތުންނަށް އެކަށީގެންވާ ފައިސާއެއް ނުލިބޭކަމަށް ޒިޔާދު ވިދާޅުވި އެވެ.

މިއީ ދިވެހިން ވާދަކުރަން އޮތް ރަނގަޅު ފުރުސަތެއްގެ ގޮތުގައި އަޅުގަނޑު ނުދެކެން.. އެހެން އެކަން ވާކަށް ވެސް ނުވެސް ނެތް. އެއީ ކުރިންވެސް ދިވެހި ކުންފުނިތަކުން ނަގާ އެއްޗެއް ނޫން ވިތްހޯލްޑިން ޓެކްސަކީ..

ބޭރުގެ ފަރާތްތަކަށް ލުއިތައް ދެމުންދާއިރު، ދިވެހި ރައްޔިތުންނަށް އޮތީ ބޮޑެތި ޓެކްސްތައް ދެއްކުންތޯ ސުވާލު އުފައްދައި ޒިޔާދު ވަނީ ސަރުކާރަށް ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. އަދި ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ފްލެޓް ނުވަތަ ގެ ގަތުމަށް ކުޑަ ޓެކްސްއެއް ކަނޑައަޅާފައިވާއިރު، މާލެއިން ގޯއްޗެއް ގަންނަ އާދައިގެ ދިވެހި ރައްޔިތުމީހާ އަތުން އެތައް ގުނައަކަށް ބޮޑު ޓެކްސްއެއް ނަގަމުންދާތީ، މި ސަރުކާރުން އިސްކަންދެނީ ދިވެހިންނަށް ނޫންކަން ސާފުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ ޓެކްސް އިތުރުކޮށްގެން ދައުލަތަށް އާމްދަނީ ހޯދުމަކީ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނަމަ ރަނގަޅު ނިންމުމެއް ނަމަވެސް، ކޮރަޕްޝަނާއި ވައްކަން ހުއްޓުވުމުގެ ހަގީގީ ނިޔަތެއް ނެތި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން ބަދަލުކުރަމުން ދިޔުމަކީ މައްސަލައިގެ ހައްލު ނޫން ކަމަށެވެ. އެހެންކަމުން، މުޅި ނިޒާމަށް ބަދަލު ގެނައުމަށްޓަކައި މިފަދަ ނިންމުންތައް ނިންމަންވާނީ ވަރަށް ބޮޑަށް ދިރާސާކުރުމަށްފަހުކަމަށް ޒިޔާދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: