ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓް ހިނގާއިރު، ދިވެހިންނަށް ފުރުސަތެއް ނެތް: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެތައް ބިލިއަން ޑޮލަރެއްގެ ބޮޑެތި މަޝްރޫއުތައް ހިނގަމުންދާއިރު ވެސް، ސަރުކާރުގެ ސިޔާސަތުތައް ހުރި ގޮތުން ދިވެހި ކޮންޓްރެކްޓަރުންނަށް ފުރުސަތު ގެއްލި، މުޅި ކޮންސްޓްރަކްޝަން ދާއިރާއަށް ގެއްލުން ލިބެމުންދާކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމްހީދު ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ އެއްކޮށް ހަލާކުވެ، ދިވެހި ކުދި އަދި މެދުފަންތީގެ ކޮންޓްރެކްޓަރުން ބިކަވެފައިވާ ކަމަށެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން މި ބިލަކީ ދިވެހިންނަށް ފުރުސަތު ހޯދައިދޭން ގެންނަ އިސްލާހެއް ކަމަށް ބުނެ ވާހަކަދެއްކި ނަމަވެސް، ޓެކްސް ބޮޑުކޮށްގެން ދިވެހި ކޮންޓްރެކްޓަރުންނަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތްކަމަށް ޝަމްހީދު ވިދާޅުވި އެވެ.

ޝަމްހީދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ވެސް ދެތިން ހަތަރު ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިނގަމުންދާއިރު، އޭގެ ތެރެއިން ދިވެހި ކޮންޓްރެކްޓަރަކަށް ލިބެނީ ކޮން މިންވަރެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތަކާއި ކައުންސިލްތަކުން ހިންގާ ހަތަރު ފަސް މިލިއަން ރުފިޔާގެ ކުދި މަޝްރޫއުތައް ވެސް އެމްއޭސީއެލް ފަދަ ބޮޑެތި ކުންފުނިތަކުން ބަންޑަލްކޮށްފައި ދެނީ ބޭރުގެ ކޮންޓްރެކްޓަރުންނަށްކަމަށް ވިދާޅުވި އެވެ.

ދިވެހިރާއްޖެއަކީ ދުނިޔެއަށް ވޯޓާ ވިލާ އަޅާނެ ގޮތް ދަސްކޮށްދިން ގައުމު. އެކަމަކު މިއަދު ވޯޓާ ވިލާއެއް އަޅަން، ފަންގަނޑެއް ޖަހާލަން ވެސް ދިވެއްސަކަށް ފުރުސަތެއް ނެތް. ރިސޯޓުތައް ހަދާ ސަރަހައްދުތަކަށް ބަލައިފިއްޔާ ފެންނަނީ ހާހުން ބޭރު މީހުން އައިސް މަސައްކަތް ކުރާތަން. ސަބް ކޮންޓްރެކްޓެއް ވެސް ދިވެއްސަކަށް ނުލިބޭ..

މީގެ އިތުރުން، ދިވެހި ވިޔަފާރިވެރިންނަށް ކޯޓާ ނުލިބިގެން އުޅޭއިރު، ބޭރު މީހުންނަށް ހިތުހުރި ވަރަކަށް ކޯޓާ ލިބޭ ސިޔާސަތެއް އޮތުމާއި، އިމްޕޯޓް ޑިއުޓީ ދެއްކުމުގައި ދިވެހިންނާއި ބޭރު މީހުންނާ ދެމެދު ބޮޑެތި ތަފާތުތަކެއް ހުރިކަން ޝަމްހީދު ފާހަގަކުރެއްވިއެވެ. އެގޮތުން ބޭރު މީހުން ޕްރޮޖެކްޓްގެ ނަމުގައި ޑިއުޓީ ފްރީކޮށް މެޝިނަރީ އެތެރެކުރާއިރު، ދިވެހި ކޮންޓްރެކްޓަރުން ޖެހެނީ ބޮޑު ޑިއުޓީއެއް ދައްކަންކަމަށާއި، މި މައްސަލަ މާލިއްޔަތު ކޮމިޓީގައި އެތައް ފަހަރަކު ދެއްކި ނަމަވެސް ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ކޮމިޓީން އެކަމަށް ހައްލެއް ހޯދައިދީފައި ނުވާކަމަށް ޝަމްހީދު ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވީ، ދިވެހިންނަށް ހަގީގީ ފުރުސަތުތަކެއް ހޯދައިދޭން ބޭނުންނަމަ، ރިސޯޓު ކޮންސްޓްރަކްޝަން އަދި އެހެނިހެން ބޮޑެތި ޕްރޮޖެކްޓްތަކުގެ މަދުވެގެން 30 އިން 50 ޕަސެންޓް މަސައްކަތް ދިވެހިންނަށް ސަބް ކޮންޓްރެކްޓް ކުރަން މަޖުބޫރުކުރާ ގޮތަށް ގާނޫނުތަކާއި ސިޔާސަތުތައް ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ހަރުދަނާ ބަދަލުތަކެއް ނުގެނެސް، ހަމައެކަނި ޓެކްސް ރޭޓަށް ބަދަލު ގެނެސްގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށާއި ދިވެހި ވިޔަފާރިވެރިންނަށް އެއްވެސް ކުރިއެރުމެއް ނާންނާނެކަމަށް ޝަމްހީދު ވިދާޅުވިއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: