ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ހާލަތު އިންތިހާއަށް ދަށް، ހަގީގަތަކީ މުސާރަ ދެވޭނެ މިންވަރު ވެސް ނެތްކަން: މައުރޫފް

ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު --- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ސަރުކާރު މުވައްޒަފުންނަށް މާދަމާ ވެސް މުސާރަ ދެވޭނެ މިންވަރު ދައުލަތުގެ ހަޒާނާގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

މައުރޫފް މިހެން ވިދާޅުވީ ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގެ މަޝްރޫއުތައް ހިންގާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ކަނޑާ ވިތްހޯލްޑިން ޓެކްސްގެ ރޭޓު ދެގުނައަށް ބޮޑުކުރުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުން އިސްލާހު ހުށަހަޅާފައި ވަނީ 5 އިންސައްތައިގެ ބަދަލުގައި، ދެން އެފަދަ ފަރާތްތަކަށް ދައްކާ ފައިސާގެ 10 އިންސައްތަ ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ކަނޑައި، ދައުލަތަށް ދައްކަންޖެހޭ ގޮތަށެވެ.

މައުރޫފް ވިދާޅުވީ، މިއަދު ފެނިގެން މިދަނީ ގައުމެއްގެ ހަޔާތުގައި އިގްތިސާދީ އަދި މާލީ ގޮތުން ދުވަހަކުވެސް ދަތިނުވާ މިންވަރަށް ހާލަތު ގޯސްވުމުން، ދެން ހަދާނެ ގޮތް ހުސްވެގެން ސަރުކާރުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރަމުންދާ މަންޒަރު ކަމަށެވެ. އަދި ދައުލަތަށް އާމްދަނީގެ ގޮތުގައި އެތައް ބިލިއަން ރުފިޔާއެއް ލިބޭ ކަމަށް ދެއްކި ނަމަވެސް، ހަގީގަތަކީ މުސާރަ ދިނުމާއި މަޝްރޫއުތަކަށް ހަރަދުކުރާނެ ފައިސާ ނެތުންކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުން ހިންގި މަޝްރޫއުތަކުގައި ބައިވެރިވި އެއް މިލިއަން ރުފިޔާގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ދިވެހި ކޮންޓްރެކްޓަރުންނަށް ފައިސާ ނުލިބޭތާ އެތައް ދުވަހެއް ވެފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި ހައްގު ފައިސާ ހޯދުމަށްޓަކައި ދިވެހި ކޮންޓްރެކްޓަރުން ސަރުކާރުގެ ފަހަތުން ދުވަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާކަމަށާއި، މިކަމުގެ ސަބަބުން ކޮންޓްރެކްޓަރުން މަގުމައްޗަށް ނިކުންނަން ޖެހޭ ހާލަތަށް ކަންކަން ގޮސްފައިވާކަމަށް މައުރޫފް ވިދާޅުވި އެވެ.

މި އިސްލާހާއި އެކު ބޭރު ކުންފުނިތަކުން ޓެކްސް ނަގައިގެން ދިވެހިންނަށް ފައިދާވާނެކަމަށް ޕީއެންސީގެ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުން މައުރޫފް ވިދާޅުވީ، އެއީ ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ހޮޅި ވާހަކަތަކެއް ކަމަށެވެ. ދިވެހި ގާބިލު ކޮންޓްރެކްޓަރުން ތިއްބައި، ކުދިކުދި މަޝްރޫއުތަކުން ފެށިގެން ގޮސް ފްލެޓް އެޅުމުގެ ބޮޑެތި މަޝްރޫއުތައް ސަރުކާރުން ހަވާލުކުރަނީ އިންޑިއާ އަދި ޗައިނާގެ ކުންފުނިތަކާކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި އެ ބޭރު ކުންފުނިތަކުން ކުރާ ވިޔަފާރިތަކުން ދިވެހި ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުވަތަ ޓެކުހެއް ނުލިބޭނެކަމަށް ވިދާޅުވިއެވެ.

ދެން އޮތް ހަމައެކަނި ގޮތަކީ މިހާރު މި ރާއްޖޭގައި ތިބި ބޭރުމީހުންގެ އަތުން ލާރިކޮޅު ފެލައިލުން ނޫން ގޮތެއް ނެތްކަމަށް ދެކިގެން ކުރާކަމެއް މިއީ. މިފަދަ ބިލުތައް ހުށަހަޅައިގެން އުޅުނަސް، އަޅުގަނޑަށްވެސް އިނގޭ މާދަމާވެސް މުސާރަ ދެވޭނެ ވަރު ނެތްކަން. އަދި އެއްވެސް ކޮންޓްރެކްޓަރަކަށް ފައިސާ ދެވޭނެ މިންވަރު ނެތްކަން

މައުރޫފް ވިދާޅުވީ، ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ހުށަހަޅާ ޕެޓިޝަންތަކަށް ބެލުމެއްނެތި، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހަގީގީ މައްސަލަތައް އޮއްބާލައި މާލީ އަނދަވަޅަކަށް ގައުމު ވައްޓާލުމަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: