ރާއްޖެއަށް ކުނި އެތެރެކުރުން އެއްކޮށް މަނާކުރުމަށާއި ޕްލާސްޓިކް ކޮތަޅުން ނަގާ ފީއަށް ލުޔެއް ދިނުމަށް ޓަކައި ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރު ފަރާތުން އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި މި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ ވެސް އިއްތިފާގުންނެވެ.
ބިލު ހުށަހެޅި ސަބަބަކީ ރާއްޖެއަށް ކުނި އެތެރެކުރުމަކީ މަނާ ކަމެއް ކަމުގައި ގާނޫނުން ކަނޑައަޅައި، ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމުގެ ގޮތުން ތަފާތު ބާވަތްތަކުގެ ކުނި މެނޭޖުކުރުމާއި ގުޅޭގޮތުން ގާނޫނުގައި ބަޔާންކުރާ އުސޫލުތައް މުރާޖާކޮށް، ގާނޫނު ތަންފީޒުކުރުމަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި ބިލުގައި ފާހަގަކޮށްފައިވަނީ 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާ ނެގުން ހުއްޓާލުމަށާއި އެހެން ހެދުމުން ހޯލް ސޭލް ކުރާއިރު ދެ ރުފިޔާގެ ފީއެއް ނަގަން ނުޖެހޭނެ ކަމަށެވެ.
އިސްލާހުގައިވާ ގޮތަށް 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑިން ނަގާ ފީ އިސްތިސްނާކުރުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެ ކަމަށް އެ ބިލުގައި ވަނީ ހިމަނާފައެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި 2011421 ރުފިޔާ ދައުލަތަށް ލިބިފައިވާއިރު ޕްލާސްޓިކް ކޮތަޅުން ނަގާ ފީގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް 5.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމަށް ބަލާއިރު، އިގްތިސާދީ އަދި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތު އެކުލަވާލުން ހިމެނެއެވެ. އަދި ކުނި މެނޭޖްކުރާއިރު ގައުމީ މާސްޓަރ ޕްލޭނާއި ސިޓީގެ ކުނި މެނޭޖްކުރުމުގެ ޕްލޭނާއި އެއްގޮތް ކުރަންވާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ކުނި މެނޭޖްކުރުމުގެ ނިޒާމް ފަރުމާކޮށް، ގާއިމްކުރުމާއި، ކުނި މެނޭޖްކުރުމުގެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ. ހަމައެހެންމެ ކުނި މެނޭޖްކުރާ މަރުކަޒުތަކާއި ގުޅުންހުރި ބައެއް އިސްލާޙުތައް ބިލުގައި ހިމަނާފައިވެއެވެ. ކުނި މެނޭޖްކުރުމުގައި ބޭނުންކުރާ ވަސީލަތްތައް ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން މިނިސްޓްރީގެ ވަކި ހުއްދައެއް ހޯދައިގެން ރާއްޖެއަށް ކުނި އެތެރެ ކުރެވެއެވެ. ނަމަވެސް އެފަދަ ހުއްދައެއް ދޫކުރެވެނީ މިނިސްޓްރީން ހަދާފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

