ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާލް ރެސިޑެންސް މަޝްރޫއު ހުއްޓާލަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ހެންލީ އެންޑް ޕާޓްނާސް އާއެކު ސޮއިކުރުން ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބިދޭސީންނަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކުރި ”ޕާލް ރެޒިޑެންސީ ވިސާ“ ޕްރޮގްރާމަކީ ގައުމީ ސަލާމަތަށާއި ދައުލަތުގެ މާލީ ސިޔާދަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ.

ޕާލް ރެޒިޑެންސް މަޝްރޫއާ ގުޅޭ އެންމެހައި އެއްބަސްވުންތައް މަޖިލީހަށް ހުށަހަޅައި، އެކަމުގައި މެންބަރުން ދެކޭ ގޮތް ސާފުކުރުމަށް ގޮވާލައި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރު ބަލައިގަންނަން ފެންނަތޯ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.

އެ ވޯޓުގައި އެ ގަރާރު ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ގަރާރު ބަލައިނުގަންނަން 55 މެމްބަރަކު ވޯޓު ދެއްވާފައިވެއެވެ.

އެ މަޝްރޫއަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހު ސިންގަޕޫރުގައި ބޭއްވި ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމްގެ ތެރެއިން، ”ހެންލީ އެންޑް ޕާޓްނާސް“ ކުންފުންޏާއެކު ސޮއިކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މިދިޔަ މާޗު މަހު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ، އެ ވިސާ ތައާރަފުކުރުމަށް ޓަކައި ބަންޑާރަނައިބާއެކު ގާނޫނީ މަސައްކަތްތައް ކުރަމުންދާކަން ހާމަކުރައްވާފައެވެ.

ޝަމްހީދު ހުށަހަޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، މޯލްޑިވްސް ޕާލް ރެޒިޑެންސީ ޕްރޮގްރާމުގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގެ ބަދަލުގައި އިދާރީ ނިންމުމެއްގެ ދަށުން ކުރިއަށްގެންދާ ކަމެކެވެ. ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫން ފީއެއް ނަގަންވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، މި މަޝްރޫއުގެ މާލީ އަދި ގާނޫނީ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، އިމިގްރޭޝަން ގާނޫނުގެ ދަށުން 250,000 ޑޮލަރުގެ ފިކްސްޑް ޑިޕޮސިޓެއް ބަހައްޓައިގެން ކޯޕަރޭޓް ރެޒިޑެންސް ވިސާ ލިބޭނެ މަގު އޮތްއިރު، އައު ޕްރޮގްރާމުގެ ދަށުން ބޭރުގެ ޑިވެލޮޕަރުންގެ ޕްރޮޕަޓީ ގަތުމަށް ބާރުއެޅުމަކީ ސުވާލު އުފެދޭކަމެއްގެ ގޮތުގައި ގަރާރުގައިވެއެވެ. އަދި މި މަސައްކަތް ހަވާލުކުރި ހެންލީ އެންޑް ޕާޓްނާސްއަކީ މީގެ ކުރިން ބައިނަލްއަގުވާމީ ގޮތުން އެކި ގައުމުތަކުގައި ގާނޫނާ ހިލާފު މާލީ މުއާމަލާތްތަކުގެ ތުހުމަތު ކުރެވިފައިވާ ކުންފުންޏެއްކަމަށް ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ސަބަބުން ގައުމުގެ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެކަމުގެ ބިރު އޮތުމާއެކު، އިންވެސްޓުމަންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް މަޖިލީހުން ފާސްކުރަންދެން އެ ޕްރޮގްރާމް ވަގުތުން ހުއްޓާލުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. އަދި ހެންލީ އެންޑް ޕާޓްނާސްއާއެކު ވެފައިވާ އެންމެހައި އެއްބަސްވުންތައް 14 ދުވަހުގެ ތެރޭގައި މަޖިލީހާ ހިއްސާކުރުމަށާއި، މިކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރާއި، ބަންޑާރަނައިބުގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކުގެ ވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް ވެސް ގަރާރުގައި ވަނީ އެދިފައެވެ.

މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އިކޮނޮމިކް މިނިސްޓަރާއި ބަންޑާރަނައިބުގެ އިތުރުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނާއި އެމްއެމްއޭގެ ގަވަރުނަރު މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށް ވެސް އެ ގަރާރުގައި ހުށަހަޅާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: