މާރުކޭޓް ކޮމްޕްލެކްސް އަޅާ ބިމުގެ ގޮޅިތަކުގައި ތިބި މީހުންނަށް ވަގުތީގޮތުން ތަނެއް ހަމަޖައްސައި، އައު މާރުކޭޓު އެޅުމަށް އެއް މަސްތެރޭގައި ބިން ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މާލޭގައި ހިންގަމުންދާ މައި ހުރިހާ މާރުކޭޓްތައް އެއް އިމާރާތަކަށް ގެނައުމަށް، މާލެ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމުގެ މަސައްކަތް، މިއަހަރުގެ މަރޗް މަހު ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި ނަމަވެސް، އެ ބިން ތިން ވަނަ ފަރާތަކާ ހަވާލުކުރަން އެއްބަސްވުމެއް އޮތް ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށް އޮތުމުން މަޝްރޫއު އޮތީ ހުއްޓިފައެވެ.
އެ ބިން ފިޝަރީޒް މިނިސްޓްރީއާ ހަވާލުކުރުމަށް ސިޓީ ކައުންސިލުގެ ބައްދަލުވުމަކުން ފާސްކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްޠަލިބް ދައުލަތުގެ މީޑީއާ، ޕީއެސްއެމްއަށް ވިދާޅުވީ ވަގުތީ މާރުކޭޓެއް ހަދައި، އެއް މަސް ތެރޭގައި ބިން ހުސްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ވަގުތީ މާރުކޭޓް ހެދުމަށް ކުރީގެ އެސްޓީއޯ ހުރި ތަނާއި ތައިސޭކޮށި ބަލަމުންދާކަމަށް އޭމާ ވިދާޅުވެފައިވެެއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޙަވާލުކޮށްފައިވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަޝްރޫއުގެ ޖުމްލަ އަގަކީ 126,359,594.94 ރުފިޔާއެވެ. މަސައްކަތް ނިންމުމަށް ކޮންޓްރެކްޓަރަށް ދީފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ މުއްދަތެކެވެ.
އެ މާރުކޭޓު ކޮމްޕްލެކްސް ފަރުމާކޮށްފައިވަނީ ޖުމްލަ 15,525 އަކަފޫޓުގެ ބިމެއްގައެވެ. އިމާރާތުގެ ޖުމްލަ ފްލޯ އޭރިއާ އަކީ ގާތްގަނޑަކަށް 95,032.32 އަކަފޫޓެވެ. މި އިމާރާތުގެ އެކި ފަންގިފިލާތައް ހާއްސަ ކޮށްފައިވަނީ އެކި ކަންކަމަށެވެ. އެގޮތުން:
- ބޭސްމަންޓުގައި، ބާޒާރުމަތީގެ ޕާކިންގް މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން 400 އަށްވުރެ ގިނަ ސައިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭނެ.
- ގްރައުންޑް ފްލޯރގައި މަސް ވިއްކުމަށް ޚާއްޞަ ސްޓެއިންލެސް ސްޓީލްގެ 110 ގޮޅި އާއި، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް 5 ޓަނުގެ އައިސް ޕްލާންޓެއް ހުންނާނެ
- 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯރގައި ކޮންމެ ފްލޯރއެއްގައި މޭވާއާއި ތަރުކާރީ ވިއްކުމަށް ޚާއްޞަ 115 ގޮޅި (ޖުމްލަ 345 ގޮޅި) ހިމެނޭނެ
- ޓެރަސްގައި ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ޓަކައި ކާބޯތަކެތީގެ ޚިދުމަތް ދޭ ފުޑް ކޯޓެއް ތަރައްޤީކުރެވޭނެ
މި މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ މިހާރު ވަކިވަކި ބިންތަކުގައި ހިންގަމުންދާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓު އަދި މަސް މާރުކޭޓުގެ ހިދުމަތްތައް އެއް އިމާރާތަކަށް ބަދަލުކުރުމެވެ. މީގެ ސަބަބުން ބާޒާރުމަތީގެ ތަރުތީބު ގެއްލިފައި އޮތް އޮތުމަށް ނިމުމެއް އައިސް، ވިޔަފާރިވެރިންނަށާއި ކަސްޓަމަރުންނަށް އެއް ތަނަކުން ހުރިހާ ބާވަތެއްގެ ތަކެތި ގަންނަން ލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

