އިޤްތިސާދީ ގޮތުން ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމަކީ މިސަރުކާރުން ވެރިކަމަށް އައިއިރު ނިމިދިޔަ ސަރުކާރުން ވާރުތަވެފައިވާ ކަމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި ބޮޑު ދަރަންޏެއް އޮތް ނަމަވެސް، އެ ދަރަނިތައް ދެއްކުމުގެ ކަންކަން ސަރުކާރުން ވަރަށް ފަރުވާތެރިކަމާއެކު މެނޭޖްކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް މިސަރުކާރުން ފާއިތުވި ދުވަސްތަކުގައި ހަނޑޫ، ހަކުރު، އަދި ފުށުގެ އިތުރުން އިތުރު 23 އަސާސީ ބާވަތެއް ދެނެގަނެ އަދި މާކެޓުގައި އަގުތައް ހަމައަކަށް އަޅުވައި ކޯޑިނޭޓެޑް ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
”ސަރުކާރު އައިއިރު ވާރުތަވެފައިވާ ހާލަތެއް މިއީ. އެކްސްޓްރާ އޯޑިނަރީ ހާލަތެއް މިއީ. އެކަން މެނޭޖް ކުރުމަށްޓަކައި ކުރާ މަސައްކަތް މިއީ“ ސައީދު
މީގެ އިތުރުން 184 ބާވަތެއްގެ އަގުތައް ކޮންމެ ދުވަހަކަވެސް ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަކި ބާވަތެއްގެ އަގު ބޮޑުވާކަމަށްވަނީނަމަ ރާއްޖެއަށް އެ ބާވަތެއް އެތެރެކުރާ ފަރާތަކާއި ވާހަކަ ދައްކައިގެން އެކަން ހައްލުކޮށްފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާރކެޓުގައި އަގު މެނޭޖުކުރުމުގެ ގޮތުން އެސްޓީއޯ މެދުވެރިކޮށްވެސް ތަކެތި ގެނެސްފައިވާނެކަމަށް ވަޒިރު ވިދާޅުވިއެވެ.
”ރާއްޖޭގެ ބާޒާރުގެ އަގުތައް ހިފެހެއްޓުމަށް މިސަރުކާރުން ފާއިތުވި ދުވަސްތަކުގައި 23 އަސާސީ ބާވަތެއް ދެނެގަނެ އަދި މާކެޓުގައި އަގުތައް ހަމައަކަށް އަޅުވައި ކޯޑިނޭޓެޑް ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާނެ. މީގެ އިތުރުން 184 ބާވަތެއްގެ އަގުތައް ކޮންމެ ދުވަހަކަވެސް މޮނިޓަރ ކުރަމުން މިދަނީ. މިސާލަކަށް ބޭބީ މިލްކުގެ އަގު ބޮޑުވާކަމަށްވަނީނަމަ އަގު ހެޔޮކުރުމަށްޓަކައި ސަރުކާރަށް ކުރެވެނެ ހުރިހާ މަސައްކަތެއް އެއީ އިމްޕޯޓުކުރާ ފަރާތާ ވާހަކަދައްކައިގެން ކޮންޓޭނަރެއް އަވަސްކުރަން ވިޔަސް ބަނދަރަށް އައިސްގެން ބޯޓެއް ހުސްނުކުރެވިގެން އެހެން ބޯޓެއް ދުރުކޮށްގެން އެކަން ކުރަން ޖެހުނަސް ހުންނާނީ އެކަން ކޮށްފަ،“ ވަޒީރު ސައީދު
ވަޒީރު އިތުރަށް ވިދާޅުވީ، ކުރިއަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި ތެޔޮ ސްޓޯރޭޖްކުރުމުގެ ވަސީލަތްތައް ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ތިލަފުށީގައި ސްޓޯރޭޖްއާއި ވެއާ ހައުސްތަކާއި ފިނިކުރު މުދާ ބެހެއްޓެނެ އިންތިޒާމު ޤާއިމު ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އަދި ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އަޅުވާ ތަކެތީގެ އަގު ކޮޮންޓްރޯލް ކުރުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި މިހާތަަށް އައިއިރު ކުރެވުނު މަސައްކަތްތަކަށް ބަލާ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.

