ސައްހަނޫން ޑޮލަރު ނޫޓުތަކެއް ގެންގުޅުނު މައްސަލައެއްގައި މީހަކު ތިން މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 23 ނޮވެމްބަރު 2022 ވަނަ ދުވަހު ސައްހަ ނޫން ޑޮލަރުން ވިޔަފާރިކުރަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ގދ. ގައްދޫއަސް ނިސްބަތްވާ މީހެއްގެ މައްޗަށް އެނގިހުރެ ސައްހަ ނޫން އެއްޗެއް ތެދުކަން ދައްކަން އުޅުމުގެ ދައުވާ އުފުލި މައްސަލައެކެވެ.
ދައުވާ ލިބުނު ފަރާތް ހުޅުމާލޭ އެފްއެސްއެމް ފިއުލް ޝެޑް ކައިރިން ހުއްޓުވައި ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، ފުލުހުން އޭނާ ބަލައިފާސްކުރުމަށް އަތުގައި ހުރި ތަކެތި ބެހެއްޓުމަށް އެންގުމުން އޭނާގެ ޖީބުން ސައްހަ ނޫން 100 ޑޮލަރުގެ 10 ނޫޓު ނަގައި އޭނާ ބެހެއްޓިއެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުވާ ލިބުނު ފަރާތް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ، ދައުވާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ތެދު ކަމަށާއި އޭނާ އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ.
އެހެންކަމުން، އަވަސް ނިޔާއިން މައްސަލަ ކުރިއަށް ގެންގޮސް އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފައެވެ.
އެނގިހުރެ ސައްހަ ނޫން އެއްޗެއް ތެދުކަން ދައްކަން އުޅުމުގެ ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ނަމަވެސް އިއުތިރާފުވުމުން ލިބުނު ލުޔާއެކު އޭނާގެ މައްޗަށް ކަނޑައެޅީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މި މައްސަލައާ ގުޅިގެން ދައުވާލިބުނު މީހާ 43 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ އެ މުއްދަތު އޭނާގެ އަދަބުން އުނިކޮށްފައިވެެއެވެ. އެހެންކަމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ ދެ މަހާއި ފަސް ދުވަހެކެވެ.

