މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތްﷲ އިންސާނާއަށް ކުރައްވާފައިވާ ވަސިއްޔަތެއް ކަމަށާއި އެމީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމަކީ މާތް އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުލޫ އަކީ މުޖުތަމައު އިސްލާހު ކުރުމާއި އެންމެންގް ޒިންމާއެވެ. އަހަރެމެންނަކީ ޒަމާނުއްސުރެން މާތް ﷲގެ ދީން ގަބޫލުކޮށް، އެކަލާނގެއަށް އީމާންވެގެން ތިބި ބައެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަހަރެމެން އުޅެމުން އައީ ވަރަށް އަމާންކަމާއި ސުލްހަވެރިކަމާއި އަޚުވަންތަކަމާއެކުގައި ނަމަވެސް ފަހުގެ ތާރީޚުގައި އަހަރެމެންގެ މުޖުތަމައަށް އިޖުތިމާއީ ގޮތުންނާއި އަހުލާގީ ގޮތުން އައިސްފައިވާ ބަދަލުތަކަކީ އެއާ މެދު ކޮންމެ މީހަކު ވެސް ފުންކޮށް ވިސްނައި ފިކުރުކުރަންޖެހިފައިވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މިއަދުގެ ހުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއްކަމަކީ މައިންބަފައިންނަށް އުރެދި އެ މީހުންނަށް ނުކިޔަމަންތެރިވުންކަން ފާހަގަކޮށް އެ މީހުން މުސްކުޅިވާ ދުވަހު އެ މީހުންނަށް އެހީތެރިކަމާއި އޯގާތެރިކަން ފޯރުކޮށްނުދިނުމާ ގުޅޭގޮތުން ނަސޭހަތްތެރިވެފައެވެ. މައިންބަފައިންނަށް އިހުސާންތެރިވުމަކީ މާތްﷲ އިންސާނާއަށް ކުރައްވައިފައިވާ ވަސިއްޔަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
”މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ އިންސާނާގެ ޢުމުރުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެކެވެ. އެއީ ބާއްޖަވެރިކަމުގެ ތަނޅުދަނޑިއެކެވެ. ސުވަރުގެއަށް ވަނުމުގެ ދޮރެއްވެސް މެއެވެ. މައިންބަފައިންގެ ހެޔޮ ދުއާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ. މަންމައާއި ބައްޕަގެ ރުހުން ލިބިއްޖެނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތްﷲ އެ މީހަކު ސަލާމަތްކުރައްވަތެވެ. މިކަން މިހެން އޮތް ހިނދު، މިކަން ހަނދާން ނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށް ހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލައިފައިވަނީ ކިތައް މީހުން ހެއްޔެވެ؟ ހޮސްޕިޓަލުތަކުގައްޔާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މުސްކުޅި ބަލީގައި އެކަނިވެރި ޙާލުގައި، މަންމަ ނުވަތަ ބައްޕަ ދޫކޮށް، އުފަލުގައި އަނބިދަރީންނާއެކު އުޅެމުންދާ އިންސާނާއެވެ!“
އޭގެ އިތުރުން، މަރުގެ ސަކަރާތުގެ ތެރެއަށް ތިބާ ވެއްޓޭ ހިނދު، ތިބާއަށް ސަލާމަތްވެވޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ވިސްނުން ބަދަލުކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ތިބާ ކުޑަކުޑައިރު، ނިދި ނަގައިލައި، ތިބާގެ އުފަލާއި ހިތްހަމަޖެހުމަށް ޓަކައި މަސައްކަތްކޮށް، ތިބާއަށް އުފާވެރިކަން ހޯދައިދިން ލޮބުވެތި މަންމައާއި ބައްޕައަށް އެހީތެރިވުމަށް ވެސް ހުތުބާގައި ގޮވާލިއެވެ. މިއަދު އެ ދެ މީހުން އެ ވަނީ މުސްކުޅިވެ ގައި ބާރު ދެރަވެފައި ކަމަށާއި ތިބާގެ އޯގާތެރިކަމާއި އެހީތެރިކަމަށް ބޭނުންވެފައި ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރޭގައި މިސްކިތުގެ ހުރުމަތް ކަނޑައިލުން ހިމެނޭ ކަމަށާއި ބައެއް މީހުންގެ ކަންކަން ހުންނަ ގޮތަކީ، ނަމާދުކޮށްގެން ފައިބައި މިސްކިތުގެ ދޮރޯށި ކައިރީގައި ތިބެ، ޣީބަބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް އައިބުކިއުމާއި، ޖަދަލުކުރުމާއި، ހަޑިހުތުރު އެއްޗެހި ގޮވުމާއި، ޒުވާބުކުރުމާއި، މީސްތަކުންގެ އަބުރާ ބެހުމާއި، ދޮގު ވާހަކަތައް ފެތުރުމާއި، އެފަދަ ކަންކަންކުރުން ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ.
އެފަދަ މީހުންނަށް، އެއުރެން ކުރި ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ކޮބައިތޯ ހުތުބާގައި ވަނީ ސުވާލުކޮށްފައެވެ. އަދި ނަމާދުކުރުމުން ލިބުނު މަތިވެރި ސަވާބާއި ދަރުމައިން ލިބުނު މާތްކަން، އަމިއްލައަށް ނަގާލައި، އެނބުރި ގެއަށް ދަނީ ކަމަށް ވެސް ވަނީ ބުނެފައެވެ. އެފަދަ ކަންކަންކުރާ މީހުން ހައްގުގެ މަގަށް އެނބުރި އައުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. ނަމާދުން ފައިބައިގެން، މުސްލިމު އަޚުންނާ ސަލާމްކުރުމަށްފަހު މަޑުމައިތިރިކަމާއެކު ގެއަށް އެނބުރި ދާމީހާގެ މާތްކަމުގެ ބޮޑުކަން އިތުރުވެގެންދާ ކަމަށް ހުތުބާގައި ބުނެފައެވެ.

